އަންނަ 2025 ވަަނ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ މިހާރު މިއޮތް އިގްތިސާދީ ހާލަތާ ނުބައްދަލު ބަޖެޓެއް ކަމަށް، އިދިކޮޅު އެމްޑީޕީގެ ފަރާތުން، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ބަޖެޓާ ބެހެގޮތުން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ، ބަޖެޓުގައި ހަރަދު ކުޑަ ކުރުމަށް ހުށަހަޅާފައިވީ ނަމަވެސް، ހަރަދު ކުޑަކުރަން ހުށަހަޅާފައިވާ މިންވަރަށްވުރެ ހަރަދު ބޮޑުގެންދާގޮތަށް ކަންކަން ހިމަނާފައިވާ ކަމަށެވެ.

"މިސާލަކަށް ރައްޔިތުންނާ ގުޅުންހުރި ސަބްސިޑީތައް، އާސަންދަ އަދި އުމުރުން ދުވަސްމީ މީހުންގެ އަސާސީ ޕެންޝަން އަދި ކައުންސިލްތަކުގެ ގްރާންޓް ފަދަ ކަންކަމުން، ތިން ބިލިޔަން ރުފިޔާ އުނިކޮށްފައިވާކަން، ހުށަހަޅާފައިން ބަޖެޓުން އެބަ ފާހަގަވޭ، އެކަމަކު އޭގެ އިތުރަށް އެބަ ފާހަގަވޭ، ސަރުކާރުގެ އިސްރާފުތަކަށް އިތުރު 3.8 ބިލިޔަން ރުފިޔާ ބަޖެޓްކޮށްފައިވާތަން،" އަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ފައިސާ ބަޖެޓް ކޮށްފައި ވަނީ ދަތުރުފަތުރާއި، ސަރުކާރުގެ މިނިސްޓްރީތަކަށް ކުރާ ހަރަދާއި، އެހެނިހެން އިދާރާތަކަށް ކުރާ ހަރަދުތައް ބޮޑު ކުރުމަށް ކަމަށެވެ.

އަމީރު ވިދާޅުވީ އަންނަ 2025 އަށް ހުށަހަޅާފައިވާ ބަޖެޓަކީ، 2023 ވަނަ އަހަރު ހުށަހެޅި ބަޖެޓަށްވުރެ ހަ ބިލިޔަން ރުފިޔާ އިތުރު ބަޖެޓެއް ކަމަށެވެ. މިއަހަރުވެސް މަޖިލީހުން ފާސްކުރި ބަޖެޓަށްވުރެ އިތުރަށް ސަރުކާރުން ހަރަދު ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން މިއަހަރަށް ފާސްކުރި ބަޖެޓުންވެސް ހަރަދުކުރި އަދަދު ސަޕްލިމެންޓްރީ ބަޖެޓާއެކު 55 ބިލިޔަނަށް އަރާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

ނަމަވެސް އަމީރު ވިދާޅުވީ، ރަށްރަށުގައި ކުރީ ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓްތައް ހުއްޓިފައިވާ ކަމަށާއި، މި ސަރުކާރަށް އަހަރު ވީއިރު އާ ޕްރޮޖެކްޓެއްވެސް ފެށިފައިނުވާ ކަމަށެވެ.

"ނަމަވެސް އެއްކޮޅުން މި ފެންނަނީ ރައްޔިތުންނާ ގުޅުންހުރި އަސާސީ ހިދުމަތްތަކުގެ ތެރެއިން ހަރަދުތައް ކުޑަކޮށްފަ، ސަރުކާރުގެ ހަރަދުތަކަށް 3.8 ބިލިޔަންއިތުރުކޮށްފަ ވާތަން،"

އަންނަ 2025 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފައެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބެޖެޓް މަޖިލީހަށް ހުށަހަޅައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. 2025 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 56,647,600,859 ރުފިޔާއެވެ.

ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިއަން ރުފިޔާ ކަމަށާއި އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ ދަރަނި އަދާކުރުމަށް ބޭނުންވާ 3.9 ބިލިއަން ރުފިޔާ އާއި ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތައް ކުރުމަށް ހިނގާނެ 378 މިލިއަން ރުފިޔާ އާއި ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާ ވެސް ބަޖެޓްގައި ހިމަނާފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ވަނީ 9.4 ބިލިއަން ރުފިޔާއިން ކަމަށާއި މިއީ ޖީޑީޕީގެ ނިސްބަތުން 7.8 ޕަސެންޓެވެ. އަދި ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓަކީ 3.8 ބިލިއަން ރުފިޔާ ކަމަށާއި މިއީ ޖީޑީޕީގެ ނިސްބަތުން 3.2 ޕަސެންޓް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.