ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން ކުރީގެ ރައީސް އަބުދުﷲ ޔާމީން މިއަދު އިއުލާނު ކުރައްވައިފިއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ޕްރެޒެންޓަރު އާމިރު ސަލީމް ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަ ކުރައްވާނަންތޯ ސުވާލު ކުރައްވައިފައެވެ.
އެ ސުވާލުގެ ޖަވާބުގައި ޔާމީން ވިދާޅުވީ "ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަޅުގަނޑު ޖަލަށް ނުލާނެތޯ؟"އެވެ. އަދި ގޮތެއް ނިންމަވާނީ "އެހިސާބަށް ދިޔާއީމަ" ކަމަށާއި "ހުރިހާ އެންމެން މަސައްކަތް ކުރަނީ އަޅުގަނޑު ޖަލަށްލާން" ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެ މަނިކުފާނު އަދިވެސް އުޅުއްވަން ޖެހިވަޑައިގަންނަވަނީ ކޯޓުގައި އޮތް ޝަރީއަތްތައް ނުނިމިގެން ކަމަށާއި އެކަންކަން ނުހިނގައި މަޑުޖެހިފައިވާ ކަމަށެވެ. އަދި އިންސާފުވެރިކޮށް ޝަރީއަތް ކުރިއަށް ގެންގޮސްފިނަމަ، އެ ހުކުމްތަކުން ސަލާމަތްވެވަޑައިގަންނަވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
އެ ދައުވާތަކުން ސަލާމަތްވެވަޑައިގެންފި ނަމަ، ކުރިމަތިލައްވާނަންތޯ ކުރި ސުވާލަށް ޔާމީން ވިދާޅުވީ "ޝައްކެއް ވެސް ނެތް" ކަމަށެވެ.
"ޝައްކެއް ވެސް ނެތް. އާމިރު އުފަލެއް ނުވޭތޯ އަޅުގަނޑު ކުރިމަތިލާތީ؟ އަޅުގަނޑު ކުރިމަތިލަނީ އަޅުގަނޑު ހަމަ ވެރިކަން ބޭނުން ވެގެނެއް ނޫން. އަޅުގަނޑު ކުރިމަތިލުމުގައި އޮތީ މައިގަނޑު ތިން ކަމެއް އެނގޭތޯ،" ޔާމީން ވިދާޅުވިއެވެ.
އެގޮތުން ވެރިކަން ލިބިވަޑައިގެންފި ނަމަ އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަމަކީ ފޯޅަވަހީގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ރާއްޖެއަށް ހޯދުމާއި އިންޑިއާގެ މިލިޓަރީ ރާއްޖެއިން ބޭރު ކުރުން ކަމަށެވެ. އަދި އެމަނިކުފާނު ނޫން އެހެން ބޭފުޅަކު އެ މަސައްކަތް ކުރައްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވެރިކަމަށް ވަޑައިގެންފި ނަމަ އެންމެ އިސްކަމެއް ދެއްވައިގެން ބައްލަވާނެ ކަމަކީ އިގުތިސޯދު ހަމައަކަށް އެޅުވުން ކަމަށެވެ. އަދި ދިވެހި ޒުވާނުންނަށް ވަޒީފާގެ ތަނަވަސް ފުރުސަތުތަކެއް ލިބޭނެ ގޮތަކަށް އިގުތިސޯދު ބައްޓަން ކުރުމަކީ ވެސް ވެރިކަން ލިބިވަޑައިގެންފި ނަމަ، އެންމެ އިސްކަން ދެއްވާނެ ކަންކަން ކަމަށް ޔާމީން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު