ޓެކްސީ ކުރުމުގެ ބޭނުމުގައި ކާރެއް ގަތުމަށް މީހެއްގެ އެކައުންޓަށް ފޮނުވި ފައިސާ ޖަމާވިކަން ސާބިތު ނުވާތީ ކާރުވެސް އަދި ކާރު ގަންނަން ދިން ފައިސާ ވެސް ރައްދުކޮށްދޭން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފިއެވެ.
ކ. މާލެ، ހ. ދުބުރިމާގެއާގެ އަހްމަދު ޝަރީފް ޓެކްސީ ކުރުމަށްޓަކައި ކާރެއް ގަތުމަށް އެޑްވާންސްގެ ގޮތުގައި ވަނީ ގދ. ފަރެސްމާތޮޑާ، ފަރެސްއަވަށް، ޔާޑްލީ، އަހްމަދު މުމްތާޒްގެ އެކައުންޓަށް 50،000 ރުފިޔާ ޖަމާކޮށްފައެވެ. ނަމަވެސް ކާރު އަދި ކާރު ގަތުމަށް ދެއްކި ފައިސާ ވެސް އަނބުރާ ލިބިފައިނުވާތީ އަހުމަދު ޝަރީފު ވަނީ އެ ފައިސާއާއި، އެ ފައިސާ ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މުމްތާޒްއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.
ސިވިލް ކޯޓުން އެ މައްސަލައިގައިކުރި ހުކުމުގައި ވަނީ 50،000 ރުފިޔާ މުމްތާޒްގެ އެކައުންޓަށް އަހުމަދު ޝަރީފު ޖަމާކުރިކަން ސާބިތު ނުވާތީ އެ ފައިސާ ދައްކަން އަންގައި މުމްތާޒްގެ މައްޗަށް އަމުރުކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި މުމްތާޒްގެ ޣައިރު ހާޒިރުގައި ހުކުމްކުރާ ކަމަށެވެ. ސިވިލް ކޯޓުގެ އެ ހުކުމް އަހުމަދު ޝަރީފުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި އަހުމަދު ޝަރީފު ބުނެފައިވަނީ މުމްތާޒްގެ އެކައުންޓަށް ފައިސާ ޖަމާ ނުވާތީ ދައުވާގައި އެދުނު ފައިސާ މުމްތާޒަށް ލިބިފައި ވާކަމަށް ސާބިތު ނުވާކަމަށް ކަނޑައަޅައި މައްސަލަ ނިންމާފައިވީ ނަމަވެސް އެ މައްސަލައިގެ ހުކުމް ކުރި ފަހުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައިގެ ފޯމާއި އެއްކޮށް އެޗްއެސްބީސީއަށް އެފައިސާ ޖަމާކުރި ސްލިޕްގެ ކޮޕީ ހުށަހަޅާފައިވާނެ ކަމަށެވެ. އެހެންކަމުން އެއަށް ރިއާޔާތްކޮށްދިނުމަށް އަހުމަދު ޝަރީފުގެ ފަރާތުން ވަނީ ހައި ކޯޓުގައި އެދިފައެވެ. އަދި 50،000 ރުފިޔާ އެއީ މުމްތާޒް ދައްކަން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި ކާރު ގެނެސްދީފައި ނުވާތީ އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިޔެކިޔުންތަކުން ދައްކާ 116،250 ރުފިޔާ ނަގައިދިނުމަށްވެސް އެދިފައިވެއެވެ.
މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ މުމްތާޒް ޖަޕާނުގައި ދިރިއުޅޭތީ ހައި ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދިޔައީ އޭނާގެ ޣައިރު ހާޒިރުގައެވެ.
މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ފައިސަލް މައްސަލައިގެ ހުކުމަށް ވާސިލުވި ރައުޔުގައި ވިދާޅުވީ މުމްތާޒްގެ އެކައުންޓަށް ފައިސާ ޖަމާކުރިކަން ސާބިތުކޮށްދިނުމަށް އަހުމަދު ޝަރީފު ވަނީ އަހްމަދު އީވާން ޒާހިރު އަދި އަހުމަދު މުހައްމަދު ހެކިންގެ ގޮތުގައި ހުށަހަޅައިފައި ކަމަށެވެ. ސިވިލް ކޯޓުން ވަނީ އެ ދެ ހެކިވެރީންގެ ހެކިބަސް ނަގައިފައި ކަމަށެވެ.
އަހުމަދު މުހައްމަދުގެ ހެކިބަހުގައި ބުނެފައިވަނީ، އަހުމަދު ޝަރީފު ވަނީ ފައިސާ ހިފައިގެން ގޮސް އަހްމަދު އީވާން ޒާހިރު ކިޔާ މީހަކަށް ފައިސާ ޖަމާކުރަން ހަވާލުކޮށްފައި ކަމަށެވެ. އެ ފައިސާ ޖަމާކުރީ މުމްތާޒްގެ އަންހެނުންގެ އެކައުންޓަށް ކަމަށް އަހުމަދު މުހައްމަދުގެ ހެކިބަހުގައި ބުނެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
"ނަމަވެސް އަހުމަދު މުމްތާޒްގެ އަންހެނުންގެ އެކައުންޓަށް ޖަމާކުރީ ކިހާ އަދަދެއްގެ ފައިސާއެއްކަމެއް ބުނެވުނު ހެކިންގެ ހެކިބަހުން އެނގޭކަށްނެތެވެ" ފަނޑިޔާރު ވިދާޅުވިއެވެ.
"އަހްމަދު ޝަރީފުގެ ފަރާތުން ދައުވާ ކޮށްފައިވަނީ އަހްމަދު މުމްތާޒުގެ އެކައުންޓަށް ޖަމާކުރި ފައިސާ ހޯދުމަށް ކަމުގައިވާއިރު އެފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުގައި ބުނެފައިވަނީ އަހްމަދު އީވާން ޒާހިރު ފައިސާ ޖަމާކުރީ އަހްމަދު މުމްތާޒުގެ އަންހެނުން މިހޯކޯ އިޓޯގެ އެކައުންޓަށް ކަމެވެ. އެހެންކަމުން އަހްމަދު މުމްތާޒުގެ އެކައުންޓަށް ފައިސާ ޖަމާކުރިކަން އެއްވެސް ހެއްކެއްގެ ހެކިބަހުން އެނގޭކަށް ނެތެވެ." ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު ވިދާޅުވީ ބަހުސްގެ ބޭނުމަށް މިހޯކޯ އިޓޯގެ އެކައުންޓަށް ފައިސާ މުމްތާޒުގެ އެދުމުގެ މަތިން ޖަމާކުރިކަމަށް ބެލިނަމަވެސް 50،000 ރުފިޔާގެ ބޮޑު އަދަދެއް އެކައުންޓަކަށް ޖަމާކުރިކަން ސާބިތުކުރުމަށްޓަކައި ޝަރީފުގެ ފަރާތުން ހުށަހެޅީ ހަމައެކަނި ޝަފަހީ ހެކިން ކަމަށެވެ. ފަނޑިޔާރު ވިދާޅުވީ ބޭންކެއް މެދުވެރިކޮށް ކުރާ ފައިސާގެ އެފަދަ މުއާމަލާތްތަކަކީ އެ މުއާމަލާތް ކުރިކަން ލިޔުމުން ލިބެން ހުންނަ މުއާމަލާތްތަކެއް ކަމަށެވެ. އެފަދަ ހާލަތުގައި ކިތާބީ ހެކި ޝަފަހީ ހެއްކަށްވުރެ ބާރުގަދަވާނެވާނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
"އެފަދަ ކިތާބީ ހެކި ލިބެން ހުރެމެ އެ ހެކި ހުށަހެޅުމަކާ ނުލައި ހަމައެކަނި ހުށަހެޅި ޝަފަހީ ހެކިންގެ ހެކިބަހަށް ރިއާޔަތްކޮށް މިފަދަ މުއާމަލާތްތައް ސާބިތުވާކަމަށް ކަނޑައެޅިދާނެ ކަމަށް އަހުރެން ނުދެކެމެވެ. އެހެންކަމުން، ހަމައެކަނި ހެކިންގެ ހެކިބަހަށް ރިއާޔަތްކޮށް، އަހްމަދު ޝަރީފުގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާ އެފަރާތަށް ނަގައިދެވޭނެ ތަނެއް ނެތްކަމަށް ދަށުކޯޓުން ނިންމާފައިވަނީ ރަނގަޅަށްކަމުގައި އަހުރެން ދެކެމެވެ" ފަނޑިޔާރު ވިދާޅުވިއެވެ.
އަހުމަދު ޝަރީފުގެ ހައިކޯޓަށް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ އެޗްއެސްބީސީގެ ސްލިޕްއަކީ އޭގެ ޒާތުގައި ދަށުކޯޓުގައި މައްސަލަ ހިނގަމުންދިޔައިރު ވެސް އެ ފަރާތަށް ހުށަހެޅުމުގެ ފުރުސަތު އޮތް ލިޔުމެއް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ނަމަވެސް އަހުމަދު ޝަރީފު ބުނެފައިވަނީ ތަކުރާރުކޮށް އެކި ފަހަރު މަތިން ސިޓީ ލިޔެގެން ވެސް އެޗްއެސްބީސީން އެ ލިޔުން ދޫކުރުމަށް އިންކާރު ކުރިކަމަށާއި، އެއީ އަމިއްލަ ފަރުދެއްގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއެއްކަމުގައިވާތީ ކަމަށެވެ. އެ ލިޔުން ހޯދުމަށް އަހުމަދު ޝަރީފު މަސައްކަތް ކުރިކަމަށް ބުނާ ބުނުން ފިޔަވައި އިތުރު ހެއްކެއް ހުށަހަޅައިފައިނުވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
"ބަހުސްގެ ބޭނުމަށް މި ލިޔުން އާ ހެއްކެއް ގޮތުގައި ބަލައިގަތްކަމުގައިވީ ނަމަވެސް މި ލިޔުމުގައި ފައިސާ ޖަމާކުރި ތާރީހު ކަމަށް ލިޔެފައިވަނީ 08 ނޮވެންބަރު 2015 އެވެ. އިސްތިއުނާފު ކުރާ ފަރާތުން ޑޮކިއުމަންޓް 1 (ފައިސާ ހަވާލުކުރުމަށް ވާ އެއްބަސްވުން) ގެ ގޮތުގައި ދަށުކޯޓަށް ހުށަހެޅި ލިޔުމަށް ބަލާއިރ،ު އިސްތިއުނާފު ކުރާ ފަރާތުން އަހްމަދު އީވާން ޒާހިރުއަށް ފައިސާ ހަވާލުކޮށްފައިވަނީ 08 ނޮވެންބަރު 2015 ވަނަ ދުވަހުއެވެ. ނަމަވެސް ދައުވާ ފޯމުގެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލުގައި އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވަނީ ފައިސާ ޖަމާކުރީ 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭ ކަމަށެވެ." ފަނޑިޔާރު ވިދާޅުވިއެވެ.
އެހެންކަމުން އެ ލިޔުމަކީ އާ ހެއްކެއްގެ ގޮތުގައި ބަލައިގަތްކަމުގައިވީ ނަމަވެސް އެއީ އިސްތިއުނާފު ކުރާ ފަރާތުގެ ދައުވާ ސާބިތުކުރުމަށް ރިއާޔަތްކުރެވިދާނެ ލިޔުމެއްކަމެއް ނޫން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ހަސަން ޝަފީއު ތާއީދުކުރެއްވިއެވެ.
އެހެންވެ މި މައްސަލައިގައި އިއްތިފާގުންކުރި ހުކުމުގައި ވަނީ ސިވިލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު