މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ، ސީޕޯޓް ޑިވިޝަންގެ ހެޑް މުއާޒު އަލީއަށް ކުރެވުނު ހިޔާނާތުގެ ތުހުމަތާ ގުޅިގެން އޭނާގެ އަޑުގެ ސާމްޕަލާއި ހަށިގަނޑުގެ ފޮޓޯ ނެގުމަށް، ކުރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ބާތިލުކުރަން ޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

މި މައްސަލައިގައިކަން ހިނގައިފައިވާ ގޮތަކީ ސީޕޯޓް ޑިވިޝަންގެ ހެޑަކަށް މުއާޒު ހުންނެވިއިރު، ކަސްޓަމުން ބަލަމުންދިޔަ މައްސަލައެއް އެކިއުޓް ޓްރޭޑިންއަށް ފަހިވާ ގޮތަށް ނިންމި ކަމުގެ ތުހުމަތު އޭނާއަށް ކުރެވުނެވެ. އެގޮތުން މުއާޒު އެގޮތަށް މައްސަލަ ނިންމައިފައިވަނީ އެކިއުޓް ޓްރޭޑިންއިން ރިޝްވަތަށް އެދިގެން ކަމަށް ތުހުމަތުވާތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށައިފައެވެ. އެ ތަހުގީގާ ގުޅިގެން މުއާޒުގެ އަޑުގެ ސާމްޕަލަކާއި ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލެއްގެ ގޮތުގައި ފޮޓޯ ނެގުމަށް އޭސީސީން އެދުމުން މުއާޒު ވަނީ ހަނުހުރުމުގެ ހައްގު ބޭނުންކޮށްފައެވެ. އެހެންވެ އޭސީސީން ވަނީ އެ ސާމްޕަލްތައް ނެގުމަށް ކުރިމިނަލް ކޯޓުގެ އަމުރަކަށް އެދިފައެވެ. އޭސީސީން އެދުނު ގޮތަށް ކުރިމިނަލް ކޯޓުން ވަނީ އަމުރު ނެރެދީފައެވެ.

ކުރިމިނަލް ކޯޓުގެ އެ އަމުރު މުއާޒުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އިސްތިއުނާފީ ނުކުތާގައި އޭނާގެ ފަރާތުން ބުނެފައިވަނީ އޭނާއަކީ ހައްޔަރުކޮށްފައިވާ މީހެއް ނޫން ކަމަށާއި އޭނާއާ ދެކޮޅަށް ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެން އޭނާ ދީފައިވާ ބަޔާން ފިޔަވައި އިތުރު ހެއްކެއް ނެތް ކަމަށެވެ. އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ހައްގު އޭސީސީން ދީފައިވާ ކަމަށް ވެސް މުއާޒު ބުންޏެވެ. އެހެންވެ ކުރިމިނަލް ކޯޓުގެ އަމުރު ބާތިލު ކަމަށް ކަނޑައަޅައިދިނުމަށް އޭނާގެ ފަރާތުން އެދުނެވެ.

ނަމަވެސް ދައުލަތުން ބުނީ މުއާޒުގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅި ކަންކަމަކީ ކުރިއަށް ގެންދެވޭނެ ކަންކަމެއް ނޫން ކަމަށެވެ. ދައުލަތުން ބުނީ ބަހުސްގެ ބޭނުމަށް މައްސަލަ ކުރިއަށް ގެންދަން ނިންމާ ހާލަތަށް ބެލި ނަމަވެސް ޖިނާއީ އިޖުރާއަތުގެ 48 ވަނަ މާއްދާއަށް ބަލައިލުމުން އެ މާއްދާގެ (ނ)ގައި ބަޔާންކުރާ "ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ" ގެ މާނައިގެ ތެރޭގައި ކުށުގެ ތުހުމަތުވާ މީހުން ވެސް ހިމެނޭ ކަމަށެވެ. އެހެންކަމުން އިޖުރާއަތުގެ ހަމައެކަނި ހިނގާނީ ހައްޔަރުކޮށްފައި ތިބޭ މީހުންނަށް ނޫން ކަމަށެވެ.

ދައުލަތުން ބުނީ 48 ވަނަ މާއްދާގެ (ނ) ހިނގަނީ ހަމައެކަނި ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންނަށް ކަމަށް މާނަކޮށްފިނަމަ، ސާމްޕަލް ނަގަން ކޮންމެ ފަހަރަކު އެ މީހަކު ހައްޔަރުކުރުމަކީ ތުހުމަތުގައިވާ ފަރާތަށް ވެސް ލިބިގެންދާނެ ތަކުލީފެއްކަމަށާއި އެއީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ. އެހެންވެ ދައުލަތުން އެދިފައިވަނީ ކުރިމިނަލް ކޯޓުގެ އަމުރު ދަމަހައްޓައިދިނުމަށެވެ.

ދެ ފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތްކޮށް ހައި ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ މި މައްސަލައިގެ ހުކުމުގެ ރައުޔުގައި ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 48 ވަނަ މާއްދާއަށް ބަލާއިރު، ކުށުގެ ތުހުމަތުކުރެވޭ މީހާ ދެ ހާލަތެއްގައި ހުންނާނެކަން އެނގެން އޮންނަ ކަމަށެވެ. އެއް ހާލަތަކީ، މުއްތަހަމު ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައި ހުންނަ ހާލަތް ކަމަށާއި އަނެއް ހާލަތަކ،ީ ކުށެއްގެ ތުހުމަތު ކުރެވުނަސް އޭނާ ހައްޔަރުނުކޮށް ހުންނަ ހާލަތް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

"ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހެއް ކަމަށް ބަޔާންކޮށް އާންމު އުސޫލަށް ގެނެސްފައިވާ އިސްތިސްނާއަކ،ީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ އޭނާގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިޝާނެއް ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ނެގުމަށް އިންކާރުކުރާ ހަލަތުގައ،ި އޭނާގެ ދުސްތޫރީ ހައްގު ހަނިކުރުމަށް ކޯޓު އަމުރެއް މެދުވެރިކޮށް ހުއްދައެއް ހޯދަންޖެހޭ އިޖުރާއަތެއްގެ ގޮތުގައެވެ. އެއ،ީ ކުށުގެ ތުހުމަތުގައިވާ މީހާ ހައްޔަރުކޮށް ބަންދުކުރެވޭ ހާލަތުގައ،ި ލިބިދެވޭ މި ދުސްތޫރީ ހައްގު ރައްކާތެރިކުރުމުގެ ގޮތުން ލެވޭ އިތުރު ފަށަލައެއްގެ ގޮތުންނެވެ. ވީމ،ާ އެ އިސްތިސްނާގެ ބޭނުމަކ،ީ ކުށެއްގެ ތުހުމަތުގައި ހައްޔަރުނުކޮށް ހުރި މީހެއްގެ ކިބައިން ސާމްޕަލެއް ހޯދަން ޖެހޭ ކޮންމެ ފަހަރަކު އޭނާ ހައްޔަރުކޮށް ބަންދު ކުރުން ކަމުގައި މާނަކުރެވިދާނެ ކަމަކަށް ބުރައެއް ނުވެވުނެވެ." ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ވިދާޅުވީ ތުހުމަތުކުރެވޭ ފަރާތުން ސާމްޕަލް ދިނުމަށް އިންކާރުކޮށްފިނަމަ އެ މީހެއްގެ ހައްގު ކޯޓު އަމުރެއް މެދުވެރިކޮށް ހަނިކުރަން ޖެހޭނެ ކަމަށެވެ. ފުލުހުން މީހަކު ހައްޔަރުކޮށް ބަންދުކޮށްފައިވާ މީހެއް ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ނުކުތާގެ މާނައަކީ ކުށެއްގެ ތުހުމަތުވާ މީހާ ކަމަށާއި އެއީ ކޮންމެހެން ބަންދުގައި ނުވަަތަ ހައްޔަރުގައި ހުންނަން ޖެހޭ ފަރާތަކަށް ވާން ނުޖެހޭ ކަމަށެވެ.

މީގެ އިތުރުން ފަނޑިޔާރު ވިދާޅުވީ މުއާޒަކީ ތަހުގީގަށް ހައްޔަރުކޮށް ބަންދުކޮށްފައިވާ ފަރާތެއް ކަމަށް ނުވާތީ، ހަނުހުރުމުގެ ހައްގު އޭނާއަށް ލިބިދެވޭނީ އަސާސީ ހައްގެއްގެ ގޮތުގައެއް ނޫން ކަމަށާއި އެ ހައްގު ލިބޭނީ އިޖުރާއީ ހައްގެއްގެ ގޮތުގައި ކަމަށެވެ. ހަނު ހުރުމުގެ ހައްގު އޭނާއަށް ކުރިން ދެވިފައިވިޔަސް، ހޯދިފައިވާ މާއްދީ ހެއްކާއި މުއާދުއާ ގުޅުވާލެވޭނެ އެހެން ހެކިތައް ހުރިނަމަ، ކުރިން ދީފައިވާ ހަނުހުރުމުގެ ހައްގު އެއްފަރާތްކޮށް މުއާދުގެ ސާމްޕަލް ދިނުމަށް އެންގުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. ސާމްޕަލް ދިނުމަށް އިންކާރު ކޮށްފިނަމ،ަ ކޯޓު އަމުރެއް މެދުވެރިކޮށް، އެފަދަ ސާމްޕަލް ހޯދޭނެކަން ޖިނާއީ އިޖުރާއަތުގައި ބަޔާންކޮށްފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެކަންކަން ފާހަގަކުރައްވައި ފަނޑިޔާރު ނިޔާޒު ރައުޔު ކަނޑައެޅުއްވީ ކުރިމިނަލް ކޯޓުގެ އަމުރު ބާތިލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ ރައުޔަށް ފަނޑިޔާރު ހުސައިން މަޒީދު ވަނީ ތާއީދު ކުރައްވައިފައެވެ. އެހެންވެ މި މައްސަލައިގައި އަޣުލަބިއްޔަތުން ކުރި ހުކުމުގައި ފަނޑިޔާރު ނިޔާޒު ވިދާޅުވީ މުއާޒު އެދުނު ގޮތަށް ކުރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްދެވެން ނެތް ކަމަށެވެ.

މައްސަލައިގައި ރައުޔު ތަފާތުވި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ ގެ ރައުޔުގައި ވަނީ މުއާޒަކީ ހައްޔަރުކޮށްފައިވާ މީހެއް ނޫން ކަމަށެވެ. މުއާޒުއާ ދެކޮޅަށް އިތުރު އެއްވެސް ހެއްކެއް ނެތް ހާލަތެއްގައި، އޭނާއާ ކުށާ ގުޅުވުމަށްޓަކައި ލިބެން އޮތް ހަމައެކަނި ހެއްކަކީ ސާމްޕަލް ހޯދުން ކަމުގައިވާ ހާލަތުގައި ސާމްޕަލް ނުދީ ހުރުމުގެ ހައްގު ތުހުމަތުވާ ފަރާތަށް ލިބިގެންވާ ކަމަށެވެ.

މީހެއްގެ މައްޗަށް އެއްވެސް ހެއްކެއް ނެތް ހާލަތުގައ،ި އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަކާ ގުޅުވައިލެވޭނެ ހެކި ހޯދެން އޮތީ، އެމީހެއްގެ ސާމްޕަލް ނަގައިގެން ކަމުގައިވާނަމަ، އެއީ ކޯޓު އަމުރެއްގެ ދަށުން ވެސ،ް އެމީހެއްގެ ރުހުން ނެތް ހާލަތުގައި ކުރެވިދާނެކަމެއްކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށް ފަނޑިޔާރު ޝަނީޒް ވިދާޅުވިއެވެ.

ނަމަވެސް އިތުރު ހެއްކެއް ހުށަހަޅައިފައިވާނަމަ ކޯޓު އަމުރެއްގެ ދަށުން ސާމްޕަލް ނެގިދާނެ ކަމަށެވެ.