ބާސެލޯނާއިން ރަނގަޅަށް މި ސީޒަން ފެށި ނަމަވެސް، އެޓީމަކީ އަދި ތަށިތަކަށް ވާދަކުރާ ޓީމެއްގެ ގޮތުގައި ނުކިޔޭނެ ކަމަށް ކޯޗު ހާންސީ ފްލިކް ބުނެފިއެވެ.
ބާސާއިން މިހާތަނަށް މި ސީޒަނުގައި ކުޅުނު 15 މެޗުގެ ތެރެއިން 13 މެޗުން މޮޅުވެފައިވެއެވެ. މިދިޔަ ސީޒަން ހުސްއަތާ ނިންމާލި ނަމަވެސް، އާ ކޯޗު ފްލިކާއެކު ބާސާއިން މި ސީޒަން ފެށީ ތަފާތު މޮޅުކޮށެވެ.
ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ބާސާއިން ބަޔާން މިއުނިކް ކައިރިން 4-1 އިން މޮޅުވި އިރު، އެލް ކްލެސިކޯގައި އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކައިރިންވެސް ބާސާ ވަނީ 4-0 ގެ މޮޅެއް ހޯދައިފައެވެ. އެ ދެ މޮޅާއެކު ބާސާއާ ދޭތެރޭ ސަޕޯޓަރުން ދެކޭ ގޮތްވެސް ބަދަލުވެއްޖެ ކަމަށް ކޯޗު ފްލިކް ބުނި އިރު، އޭނާ ސަޕޯޓަރުންނަށް އިރުޝާދު ދިނީ ހަމަ ބިމުގައި ތިބެން ޖެހޭނެ ކަމަށް ބުނެއެވެ.
"އަހަރެމެން މި ކުރާ ބުރަ މަސައްކަތް ހުއްޓާނުލައި ކުރަން ޖެހޭނެ. ޗެމްޕިއަންސް ލީގު ހޯދަން މަސައްކަތްކޮށް، އެ ހުވަފެން ދެކޭ އެތައް ވަރުގަދަ ޓީމެއް އެބައޮތް. އަހަރެމެން އެބަ ޖެހޭ ހަމަބިމުގައި ތިބެން. މިހާރު މިއޮތް ހާލަތުގައި އެންމެ މުހިއްމީ ހުއްޓާނުލައި ބުރަކޮށް މަސައްކަތް ކުރުން. މިއީ އަދި ސީޒަނުގެ އެންމެ ކުރީކޮޅު. އެންމެ މުހިއްމު ކަމަކީ ސީޒަން ރަނގަޅަށް ނިންމާލުން. އެހެންވީމަ އަހަރެމެން މި އުންމީދުކުރަނީ ޗެމްޕިއަންސް ލީގުގެ ލީގު ބުރު ގަދަ އަށެއްގެ ތެރޭގައި ނިންމާލަން،" ފްލިކް ބުންޏެވެ.
ބާސާއިން މިރޭ ޗެމްޕިއަންސް ލީގުގައި ނުކުންނާނީ ރެޑް ސްޓާ ބެލްގްރާޑާ ދެކޮޅަށެވެ. އެ މެޗަށް ނުކުންނަ އިރު، އެޓީމުން މިހާތަނަށް ކުޅުނު ތިން މެޗުން ހަ ޕޮއިންޓާއެކު އޮތީ 15 ވަނައިގައެވެ.
ފްލިކް އިތުރަށް ބުނީ ބާސާގެ ފެށުމާ ދޭތެރޭ އޭނާ ހައިރާން ނުވާ ކަމަށާއި، ޒަވީ ހެނާންޑޭޒްއާއެކު މިދިޔަ ސީޒަނުގައި ބާސާއަށް ޓްރޮފީއެއް ނުލިބި އޮތް ނަމަވެސް، އެ ކްލަބުގައި ތިބި ކުޅުންތެރީންގެ ފެންވަރު މާ ކުރިންވެސް އެނގޭ ކަމަށެވެ.
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ