ރޭ ނިމިގެންދިޔަ މައިލޯ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ކަޕްގެ ތަށި އެޗްޑީސީއަށް ހޯދައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ އެސިސްޓެންޓް ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ކަމަށާއި، އެކަމަށް ޝުކުރު އަދާކުރާ ކަމަށް އެޗްޑީސީގެ ކޯޗު، ހުސެއިން ޝަރީފް (ނަލަ ހުސެން) ބުނެފިއެވެ.
އެޗްޑީސީން ވީއޭއެމް ކަޕްގެ ޗެމްޕިއަންކަން ހޯދީ ރޭ ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗު، 3-2 ސެޓުން ކާމިޔާބުކޮށްގެންނެވެ. ފުރަތަމަ ސެޓު ސިފައިން 25-20 އިން ގެންދިޔަ އިރު، ދެން ކުޅުނު ދެ ސެޓު އެޗްޑީސީން ގެންދިޔައީ 31-29 އަދި 25-20 އިންނެވެ. އެޗްޑީސީން އެ ދެ ސެޓު ގެންދިޔަ ނަމަވެސް، ސިފައިން ވަނީ ހަތަރުވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށް އަނެއްކާވެސް 25-17 އިން ސެޓެއް ގެންގޮސްފައެވެ. އެއާއެކު ޓައި ބްރޭކް ސެޓަކަށް ގޮސް، އެޗްޑީސީން ތަށި ހޯދީ، 15-13 އިން ސެޓު ގެންގޮސްގެންނެވެ.
"އަލްހަމްދުﷲ. ފުރަތަމަވެސް ﷲ އަށް ޝުކުރުވެރިވަން. ދެން ހަމަ ކުޅުންތެރިންގެ ހިތްވަރު ވަރަށް ބޮޑަށް މި ފެނިގެން ދިޔައީ. ބެލުންތެރިން ވަރަށް ބަލައި ހިތްވާ ކަހަލަ މެޗެއް ފެނިގެން މިދިޔައީ. އެޗްޑީސީގެ ވެރިންނަށާއި ޓީމުގެ މެނޭޖުމަންޓް އަދި ސަޕޯޓަރުންނަށް ކާމިޔާބީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުންވޭ،" މެޗަށްފަހު ނަލަ ހުސެން ބުންޏެވެ.
އެޗްޑީސީން ގްރޫޕް ސްޓޭޖުގައި ސިފައިން އަތުން ބަލިވެފައިވާ އިރު، ކޯޗު ނަލަ ހުސެންގެ ނަޒަރުގައި ޓީމުން ރޭ ފެނުނު ތަފާތަކީ ޓީމެއްގެ ގޮތުގައި ކުރި މަސައްކަތެވެ. އެ ވާހަކައާއެކު އޭނާ ބުނީ ޓީމު އެކުލަވާލައި، ފައިނަލާ ހަމައަށް ކުރި މަސައްކަތުގައިވެސް ކޯޗު ކާއްޓޭގެ ޒިންމާ ބޮޑު ކަމަށާއި، ތަށި ހާއްސަ ކުރާނީ ކާއްޓޭ ކޯޗަށް ކަމަށެވެ.
"ގްރޫޕް ސްޓޭޖުގައި ސިފައިން އަތުންވި ބަލި ނެގީ ފިލާވަޅެއްގެ ގޮތުގައި. އެހެން ބަލައިގެން މިރޭ ނުކުތީ. ދެން މީގަ ފާހަގަކޮށްލަން ޖެހޭ ކާއްޓޭ ކޯޗުގެ ނަން. ފެށިއިރު އަޅުގަނޑު ތަންކޮޅެއް ދުރުގައި އުޅެން ޖެހުނީ ޓީމާ، އެއީ ހާލަތު ހުރިގޮތުން. ކާއްޓޭ ކޯޗު ޓީމާއެކު ވަރަށް ބުރަ މަސައްކަތްތަކެއް ކުރި. އަޅުގަނޑު މަގާމުގައި ހެޑް ކޯޗެއްގެ ގޮތުގައި ހުރި ނަމަވެސް، މޮޅު ހާއްސަކުރަން ބޭނުންވަނީވެސް ކާއްޓޭ ކޯޗަށް،" ނަލަ ހުސެން ރޭ ބުންޏެވެ.
މީގެ ކުރިން ސްޕޯޓްސް ކްލަބު ސިޓީއާއެކު 2022 ވަނަ އަހަރު ވޮލީ ސީޒަނުގެ ތިން ތަށި ހޯދި ނަލަ ހުސެން އިތުރަށް ބުނީ ޓީމު އެކުގައި ކުޅޭތާ ވަރަށް ދުވަސް ވެއްޖެ ކަމަށާއި، އެއީ ޓީމުގެ އެންމެ ވަރުގަކަން ކަމަށެވެ. އަދި މިހާރު މިއޮތް ޓީމާއެކު އިތުރު ކާމިޔާބީތައް ހޯދޭނެ ކަމަށް ގަބޫލުކުރާ ކަމަށްވެސް ނަލަ ހުސެން ބުންޏެވެ.
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް