ފްރާންސް ފުޓްބޯލް ފެޑެރޭޝަން (އެފްއެފްއެފް)ގެ ކުރީގެ ރައީސް ނޮއެލް ލެ ގްރައެޓާ ގުޅިގެން ތަހުގީގުކުރަމުންދިޔަ ޖިންސީ އަދި ނަފްސާނީ ފުރައްސާރައިގެ މައްސަލަތައް އިތުރަށް ކުރިއަށް ނުގެންދަން ފްރާންސްގެ ޕްރޮސެކިއުޓަރުން ނިންމައިފިއެވެ.
އުމުރުން 82 އަހަރުގެ ލެ ގްރައެޓާ ގުޅިގެން ކޮރަޕްޝަނުގެ އިތުރުން ފުރައްސާރައިގެ މައްސަލަތަކެއް ފުރަތަމަ ބަލަން ފެށީ މިދިޔަ އަހަރު ޖެނުއަރީ މަސް ތެރޭގައެވެ. 2011 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރު މާޗު މަހާ ހަމައަށް ލެ ގްރައެޓް ފްރާންސް އެފްއޭގެ ރައީސް ކަމުގައި ހުރި އިރު، ދައުރު ހަމަވުމުގެ ކުރިން އޭނާ އިސްތިއުފާ ދިނީ ފްރާންސްގެ ކުޅިވަރާ ބެހޭ ވުޒާރާއިން ފެންމަތިކުރި މައްސަލަތަކެއްގެ ސަބަބުން ޕްރެޝަރު ބޮޑުވެގެންނެވެ.
އެންމެ ފުރަތަމަ މައްސަލަ ބަލަން ފެށުމާއެކު ލެ ގްރައެޓް ބުނީ އިސްތިއުފާ ދޭނީ ކުށެއް ވާނަމަ ކަމަށެވެ. އެހެން ނަމަވެސް، ފަހުން އިތުރު މީޑިއާ ޕްރެޝަރަކާވެސް އެކު އޭނާ އަވަސްކޮށް އިސްތިއުފާ ދިނީއެވެ.
ލެ ގްރައެޓަކީ ފްރާންސްގެ ފުޓުބޯޅައިގައި މަގުބޫލު ޝަހުސިއްޔަތެކެވެ. އެކިއެކި ގޮތްގޮތުން އޭނާއަށް ތައުރީފު ކުރާ ފަރާތްތައްވެސް ފާހަގަވެފައިވާ އިރު، އެކި ފަހަރުމަތިން ބައެއް ކަންކަމުގައި ފާޑު ކިޔުންވެސް ލެ ގްރައެޓަށް އަމާޒުވެފައިވެއެވެ.
އެގޮތުން މިދިޔަ އަހަރު ފުޓުބޯޅަ އިދާރާގެ ރައީސަކަށް ހުރެ، އެގައުމުގެ ފުޓުބޯޅަ ލެޖެންޑް، ޒައިނައްދީން ޒިދާނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާއަށް އިތުރު ޕްރެޝަރަކާ ކުރިމަތިވިއެވެ. ލަ ގްރައެޓް ޒިދާނަށް ފާޑު ކިޔާފައިވަނީ ރޭޑިއޯ އިންޓަވިއުއެއްގައެވެ.
ޒިދާން، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވޭތޯ ސުވާލުކުރުމުން، އޭރު ފެޑަރޭޝަންގެ ރައީސް ލަ ގްރައެޓް ބުނީ "ޒިދާން ގުޅިޔަސް ފޯނަށް ޖަވާބު ނުދޭނެ،" ކަމަށެވެ. ރެއާލް މެޑްރިޑާއެކު ތިން ފަހަރު ޗެމްޕިއަންސް ލީގު ހޯދި ޒިދާނަކީ ފްރާންސްގެ ޓީމަށް ރަނގަޅު ކޯޗެއް ނޫން ކަމަށްވެސް ލަ ގްރައެޓް ބުންޏެވެ.
އެކަމާ ހެދި އޭނާއަށް އިސްތިއުފާއެއް މަޖުބޫރުވި އިރު، އޭރު ބަލަމުންދިޔަ މައްސަލައިގައި ބޭނުންވާ ވަރަށް ހެކި ނެތް ކަމަށްބުނެ، މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ފްރާންސްގެ ޕަބްލިކް ޕްރޮސެކިއުޝަން އޮފީހުން ނިންމާފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.
ފްރާންސް
ފްރާންސް
ފްރާންސް
ފްރާންސް