ވީއޭއާރް ބަލަހައްޓަން އިން ރެފްރީ، އާތިއްލާ ކަރައޮގްލާން ކޮފީ ބޯން ހަދައިގެން އިދިކޮޅު ޓީމަށް ރަތް ކާޑެއް ނުދެއްކި ދިޔަކަމަށް ފެނަބާޗޭގެ ކޯޗު ޖޯސޭ މޮރީނިއޯ ބުނެފިއެވެ.
ތުރުކީ ލީގުގައި ރޭ ފެނެބާޗޭން ކުޅުނު މެޗުގައި ޓްރަބްޒޮންސްޕޯ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ފެނެބާޗޭ މޮޅުވި ގޯލު ފެނިގެން ދިޔައީ އެންމެފަހު މިނެޓުގައެވެ. ސުފިޔާން އަމްރަބަތު ޖެހި ގޯލުން ފެނަބާޗޭ މޮޅުވުމާއެކު އެކަމުގެ އުފާފާޅުކުރުމަށް މޮރީނިއޯ ވަނީ ދަނޑު މައްޗަށް އަރައި، ކަކޫ ޖައްސާލައިފައެވެ.
ރޭގެ މެޗުގައި ޓްރަބްޒޮންސްޕޯއަށް ވީއޭއާރްގެ އެހީގައި ދެ ޕެނަލްޓީ ދީފައިވާ އިރު، ފަހު ވަގުތާ ޖެހެންދެން ނަތީޖާ އޮތީ އެއްވަރުވެފައެވެ. 2-2 ގެ ނަތީޖާއެއްގައި މެޗު އޮއްވައި ފެނަބާޗޭން ޕެނަލްޓީއަކަށް ވަރަށް ބޮޑަށް ޝަކުވާ ކުރިތަންވެސް ފެނިގެން ގޮސްފައިވެއެވެ. އަދި މޮރީނިއޯ ގަބޫލުކުރާ ގޮތުގައި ރެފްރީގެ ފަރުވާ ކުޑަކަމުން ފެނެބާޗޭގެ ބްރައިޓް އޮސާޔީ-ސަމުއެލްއަށް ކުރި ނުރައްކާތެރި ފައުލަކަށް އިދިކޮޅު ކުޅުންތެރިޔާއަށް ރަތް ކާޑެއް ނުދެއްކި ދިޔައެވެ.
"ރެފްރީއަކީ ދަނޑުމަތީގައި ހުރި ކުޑަ ކުއްޖެއް. އެއީ ދައްކާލުމަށް ހުރި ރެފްރީއެއް. އަސްލު މެޗުގެ ރެފްރީއަކީ ވީއޭއާރްގައި އިން ކަރައޮގްލާން. އެއީ މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް،" މޮރީނިއޯ ބުންޏެވެ.
"ބްރައިޓަށް ކުރި ފައުލަކަށް ދައްކަން ޖެހޭ ރަތް ކާޑެއް ނުދެއްކި ދިޔައީ ސީދާ ކަރައޮގްލާން ފަރުވާ ކުޑަވެގެން. ކަރައޮގްލާން އެވަގުތު އިނީ ކޮފީ ބޯން. އެހެންވެ ނުފެނުނީ ކަމަށް ބޮޑަށް ބެލެވެނީ،" މެޗަށްފަހު ރުޅިގަދެވެފައި ހުރި މޮރީނިއޯ އިތުރަށް ބުންޏެވެ.
މޮރީނިއޯ ބުނީ ޓްރަބްޒޮންސްޕޯއަށް ދެ ޕެނެލްޓީން ދޭން ރެފްރީ އިނީ ވަރަށް އެލާޓްގައި ނަމަވެސް، ފެނެބާޗޭއަށް ފަހުކޮޅުގައި ޕެނަލްޓީ ދޭން ޖެހުނު ގަޑީ ކަރައޮގްލާން އަނެއްކާވެސް އިނީ ސައި ބޯން ކަމަށް ފެނުނު ކަމަށެވެ.
ސަމާސާ ރާގަކަށް ރުޅިގަދެވެފައި މޮރީނިއޯ ދެއްކި ވާހަކައިގައި ކަރައޮގްލާން ފެނަބާޗޭ މެޗެއްގައި ދެން ފެނިގެން ނުވާނެ ކަމަށްވެސް ބުންޏެވެ. ބެލެވޭ ގޮތުގައި ރެފްރީއާ މާ ބޮޑަށް ދިމާކުރި މައްސަލަ ތުރުކީގެ ފުޓުބޯޅަ އިދާރާއިން ބަލާނެއެވެ.
ހޯސޭ މޮރީނިއޯ
ހޯސޭ މޮރީނިއޯ
ހޯސޭ މޮރީނިއޯ