ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑުން ކުޅުނު މެޗުގައި ލަސް ޕަލްމާސް ބަލިކުރި އިރު، މެޗަށްފަހު ކޯޗު ޑިއޭގޯ ސިމިއޯނީގެ ތައުރީފު އޭނާގެ ދަރިފުޅު ގިއުލިއާނޯ ސިމިއޯނީއަށް އޮއްސާލައިފި ފިއެވެ.

އެތުލެޓިކޯއން ރޭ ކުޅުނު މެޗުގައި އެޓީމުން ވަނީ 2-0 އިން ލަސް ޕަލްމާސް ބަލިކޮށްފައެވެ. ރޭގެ މެޗުގެ ކުރިން އެންމެފަހުން ލީގުގައި ކުޅުނު މެޗުން އެތުލެޓިކޯ ވަނީ ރެއާލް ބެޓިސް އަތުން ބަލިވެފައެވެ. އެއީ އެތުލެޓިކޯއިން މި ސީޒަނުގެ ލީގުގައި އެތުލެޓިކޯ ބަލިވި ފުރަތަމަ މެޗުވެސް މެއެވެ.

މިހާތަނަށް ކުޅުނު 12 މެޗުން 23 ޕޮއިންޓާއެކު އެެތުލެޓިކޯ ތިންވަނައިގައި އޮތް އިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 11 މެޗުން ލިބިފައި ވަނީ 24 ޕޮއިންޓެވެ. އަދި އެއްވަނައިގައި ބާސާ އޮތީ 12 މެޗުން 33 ޕޮއިންޓާއެކުގައެވެ.

ރޭ އެތުލެޓިކޯއިން ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެތުލެޓިކޯއަށް ލީޑު ނަގައިދިނީ ކޯޗު ސިމިއޯނީގެ ދަރިފުޅު ގިއުލިއާނޯއެވެ. ދެވަނަ ހާފުގައި އެތުލެޓިކޯގެ ދެވަނަ ގޯލު އެލެކްސެންޑާ ސޮލޮތު ޖެހި އިރު، މެޗަށްފަހު ސިމިއޯނީ ވަނީ ދަރިފުޅުގެ ކުރިއެރުމަށް ތައުރީފުކޮށްފައެވެ.

"ދަރިފުޅުގެ މަސައްކަތް ވަރަށް ވަރަށް ބޮޑަށް ފާހަގަކޮށްލަން. ތަމްރީނުތަކުގައިވެސް ފެންނަނީ ވަރަށް ރަނގަޅަށް. އަހަރެން މިހުރީ ދަރިފުޅުގެ ކުރިއެރުމަށް ވަރަށް ހިތްހަމަޖެހިފައި. މޮޅުވާން ބޭނުންވެ އެކުރާ މަސައްކަތުގެ ނަތީޖާ އެ ފެންނަނީ،" ސިމިއޯނީ މެޗަށްފަހު ބުންޏެވެ.

ސިމިއޯނީ ރޭގެ މެޗަށްފަހު އިތުރަށް ބުނީ އޮއިވަރު ގެއްލުވައިނުލައި ކުރިއަށްދާން ރޭ ލިބުނު މޮޅު މުހިއްމު ކަމަށެވެ. އަދި އިތުރަށް ދަރިފުޅާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސިމިއޯނީ ބުނީ އަމިއްލަ ދަރިފުޅު ނަމަވެސް، އެއްވެސް ހާއްސަކަމެއް ސްކޮޑުގައި ނުލިބޭނެ ކަމަށެވެ. އަދި ގިއުލިއާނޯވެސް މެޗަށް އަރަނީ މަސައްކަތް ކޮށްގެން ކަމަށް ސިމިއޯނީ ބުންޏެވެ.