ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި އެޓީމުގެ ވާދަވެރި އެސްޕަނިޔޯލް ބަލިކޮށްފިއެވެ.
ބާސެލޯނާ ސިޓީއަށް ނިސްބަތްވާ ދެޓީމު ކަމަށްވާ އެސްޕަނިޔޯލާއި ބާސާ، ބާސާގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 3-1 އިން ބާސާ މޮޅުވެގެންނެވެ. ބާސާއިން މިހާތަނަށް މި ސީޒަނުގެ ލީގުގައި ކުޅުނު 12 މެޗުގެ ތެރެއިން 11 މެޗުން މޮޅުވެފައިވާ އިރު، ބަލިވީ އެންމެ މެޗަކުންނެވެ. ބާސާ 33 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތް އިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 11 މެޗުން ލިބިފައި ވަނީ 24 ޕޮއިންޓެވެ.
ލީގު ތާވަލުގެ ތިންވަނައިގައި އޮތީ 12 މެޗުން 23 ޕޮއިންޓާއެކު އޮތް އެތުލެޓިކޯ މެޑްރިޑެވެ.
މިދިޔަ ހަފުތާ ލީގުގައި ކުޅުނު މެޗުގައި ބާސާއިން ތަފާތު ބޮޑު ނަތީޖާއަކުން ރެއާލްވެސް ބަލިކޮށްފައިވާ އިރު، ވަރުގަދަޔަށް މެޗު ފެށި ބާސާއިން ފުރަތަމަ ހާފުގައި ތިން ގޯލު ޖެހިއެވެ. ހިތްގައިމު ކުޅުމެއް ބާސާއިން ފެނިގެން ދިޔަ އިރު، އެންމެ ފުރަތަމަ ގޯލު އެޓީމުން ޖެހީ 12 ވަނަ މިނެޓުގައެވެ.
ލެމީން ޔަމާލް ނަގައިދިން ހުރަސް ގޯލަކުން ނިންމާލީ ޑެނީ އޮލްމޯ އެވެ.
ބާސާއިން ޖެހި ދެވަނަ ގޯލުގައިވެސް ފެނިގެން ދިޔައީ ޒުވާން ހުނަރުވެރިކަމެވެ. މެދުތެރެއިން މާކް ކަސަޑޯ ދުއްވާލި ހިތްގައިމު ބޯޅައިން ބާސާއަށް ދެވަނަ ގޯލު ޖަހައިދިނީ ރަފީނިއާ އެވެ.
ބާސާއިން ރޭގެ މެޗުގައިވެސް ފެނިގެން ދިޔައީ ވަރަށް ކުރިއަށް ޖެހި ޑިފެންސް ކުރަމުން ދިޔަތަނެވެ. ރެއާލް މެޗުގައިވެސް އެ މަންޒަރު ފެނިގެން ގޮސްފައިވާ އިރު، އެސްޕަނިޔޯލް ފޯވަޑް ލައިނުންވެސް ދެމިގަންނަ ގިނަ ފަހަރުތަކުގައި ފެންނަނީ އޮފްސައިޑް މަގާމުގައި އޮންނަތަނެވެ.
ހާފު ނިމުމުގެ ކުރިން އޮލްމޯ، ބާސާގެ ތިންވަނަ ގޯލެއްވެސް ޖެހި އިރު، ދެވަނަ ހާފު ތެރޭގައި އެސްޕަނިޔޯލްގެ ހަމައެކަނި ގޯލު ޖެހީ ޖަވީ ޕުއާޑޯއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ