އަންނަ 2025 ވަނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހެޅި ނަމަވެސް ބަޖެޓް ފޮތް މަޖިލީހަށް ހުށަހެޅޭނީ ބަޖެޓްގެ ބަހުސް ކުރިއަށް ގެންދާނެ ތާރީހެއް ކަނޑައެޅިގެން ކަމަށް ބަޖެޓް ކޮމެޓީގެ މެންބަރު އަދި ބާށަރު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާ މިހެން ވިދާޅުވީ، ބަޖެޓް ކޮމެޓީގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ފޮތް ނުލިބޭ މައްސަލައިގައި، އިދިކޮޅު އެމްޑީޕީގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ޝަކުވާ ކުރެއްވުމާ ގުޅިގެންނެވެ. ގަފޫރު ވިދާޅުވީ، ބަޖެޓް ދިރާސާކުރާ ކޮމިޓީ އެކުލަވާލައި ބަޖެޓްގެ މަސައްކަތް ފަށާއިރު، ބަޖެޓް ފޮތް ނުލިބޭތީ، ބަޖެޓްގައި ހިމެނޭ ކަންތައްތަކާބެހޭގޮތުން ވާހަކަ ނުދެއްކޭނެ ކަމަށެވެ. އެހެންކަމުން ބަޖެޓް ފޮތް ލިބޭނީ ކޮން ދުވަހަކުތޯ ކޮމެޓީގެ މުގައްރިރާ އޭނާ ސުވާލު ކުރެއްވިއެވެ.
ގަފޫރުގެ ވާހަކަތަކާ ގުޅިގެން ޝުޖާ ވިދާޅުވީ، މިއަހަރުގެ ބަޖެޓަކީ ދިވެހި ތާރީހުގައި ގާނޫނާ އެއްގޮތަށް ހުށަހެޅި ހަމައެކަނި ބަޖެޓް ކަމަށެވެ.
ހަރަދަށް ޒިންމާވާ ގާނޫނު ބުނާގޮތުން ބަޖެޓް ޕޮޒިޝަން ރިޕޯޓު ފިނޭންސް މިނިސްޓަރު މަޖިލީހަށް ފޮނުއްވަން އޮންނީނަ، މިނިސްޓަރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވައި، އިބްތިދާއީ ބަހުސް ފަށަން އޮންނަ ދުވަހާ ދެމެދުގެ ތާރީހެއްގައި ކަމަށްވެސް ވިދާޅުވިއެވެ.
ފިނޭސް މިނިސްޓަރު 2025 ވަނަ އަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުއްވީ ހުސްވި އޮކްޓޯބަރު މަހުގެ 31 ގައެވެ. ނަމަވެސް ޝުޖާ ވިދާޅުވީ، ބަޖެޓް ބަހުސް މަޖިލީހުގައި ކުރިއަށް ގެންދާނެ ތާރީހެއް އަދި ކަނޑަނާޅާ ކަމަށެވެ. ޝުޖާގެ ވާހަކަތަކާ ގުޅިގެން ކޮމިޓީގެ މުގައްރިރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވިދާޅުވީ، ބަޖެޓް ބަހުސް ފެށުން މަޖިލީހުގައި އޮންނާނީ ބަޖެޓް ހުށަހަޅާތާ ހަތްދުވަސް ފަހުން ކަމަށެވެ.
އަންނަ 2025 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު