ސިޔާސީ ޕާޓީއެއްގެ މެންބަރަކު ގާނޫނާ ހިލާފު ކަމެއް ކޮށްފި ނަމަ، އެ މީހަކު ނިސްބަތްވާ ޕާޓީ 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭގޮތަށް ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަންބަރުގައި މިހާރު އޮންނަނީ، ގާނޫނާ ހިލާފުވާ މެންބަރަކު -/30,000 ރުފިޔާ އާއި -/75,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އެ މާއްދާއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، އެގޮތަށް ޖޫރިމަނާ ކުރުމުގެ އިތުރުން އެ މެންބަރަކު ނިސްބަތްވާ ޕާޓީ 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.
އިންތިހާބެއްގައި ވާދަކުރުމަށް ޕާޓީ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރި މެންބަރަކަށް އެހެން ހައިސިއްޔަތަކުން އެ އިންތިހާބުގައި ވާދަ ނުކުރެވޭނެކަމަށް ގާނޫނުގައި އޮތް މާއްދާ އުނިކުރަންވެސް ބިލްގަައި ހިމަނާފައިވެއެވެ. މީގެ އިތުރުން ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާއަކީ، އަހަރުގެ މުޅި ބަޖެޓުން ދޭ ފައިސާއެއްގެ ގޮތުގައި އޮތް އޮތުން، ބަޖެޓުގެ އާމްދަނީން ދޭ ފައިސާއެއް ކަމަށް ބަދަލު ކުރުމަށްވެސް ވަނީ ހިމަނައިފައެވެ.
ގާނޫނުގެ 10 ވަނަ މާއްދާގައި މިހާރު އޮންނަނީ، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީކޮށްފައިވާ މެންބަރަކު، ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައި ވާނަމަ، އެ އިންތިހާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެ ކަމަށެވެ. އެފަދަ މީހަކު އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިނަމަ، އެ މީހެއްގެ ކެންޑިޑެސީ ބާތިލު ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ބިލްގައި ހުށަޅާފައި ވަނީ އެ މާއްދާ އުވާލުމަށެވެ.
މީގެ އިތުރުން ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހަޅާ ފޯމަށް ބަދަލުތަކެއް ގެންނަންވެސް މި ބިލުގައި ހިމަނާފައިވެއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު