ސިފައިންނާއި ފުލުހުންނަށް ކެރިއަރެއްގެ ގޮތަށް އެކި ދާއިރާތަކުން ކުރިއަށްދެވޭނެ މަގުފަހިކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެކިއެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ މީހުން ސިފައިން އަދި ފުލުހުންގެ ހިދުމަތަށް ވަންނަން ބޭނުން ނުވާ ކަމަށާއި އެކަން ބަދަލުކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ދުވަސްތަކުގައި މަތީ ތައުލީމާ ބެހޭ ވުޒާރާ މެދުވެރިކޮށް، ސިފައިންނަށާއި ފުލުހުންނަށް އެކި ކަހަލަ ކެރިއާ ޕާތުތައް މިހާރު ހިދުމަތުގައި ތިބި ފަރާތްތަކަށާއި ދެން އަލަށް ޖޮއިން ކުރާ ކުދިންނަށް ވެސް ލިބޭނެ ގޮތަށް ސްޓްރަކްޗާ ކުރުމަކީ އަޅުގަނޑު ނިންމާފައިވާ ކަމެއްކަން އަޅުގަނޑު ދަންނަވާލަން ބޭނުން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށްއޮތް ތަނުގައި ސިފައިންގެ ހިދުމަތަށް ވަންނަ ފަރާތްތަކަކީ މިހާރަށްވުރެ ވެސް ބޮޑަށް ގައުމަށް މި ދިމާވާ ކަންކަމުގައި ނިކަން ހުޝިޔާރު، ގައުމަށް ބޭނުންވާ ހުރިހާ ކަމެއްގައި ތަމްރީނު ލިބިފައިވާ ބަޔަކަށް ހެދިގެންދާނެ ކަމަށާއި ސިފައިންގެ ހިދުމަތަށް ވަނުމަކީ ކެރިއާ ޕާތަކަށް ހެދުމަކީ އަޒުމެއް ކަމަށެވެ.
"ސިފައިންގެ ހިދުމަތަށް ވަނުމަކީ ކެރިއާ ޕާތެއްގެ ގޮތުގައި، އުފަލާއެކީގައި ވަންނަ ހިތްވާ ތަނަކަށް ހެދުމަކީ އަޅުގަނޑުމެންގެ އަޒުމު. އެކި ކަހަލަ ދާއިރާތަކުން، އެކި ކަހަލަ ތަމްރީނުތައް ސިފައިންގެއަށް ވަދެގެން ވެސް ހޯދުމަކީ އޮތްގޮތެއްކަން، ކުރެވޭނެ ކަމެއްކަން އަޅުގަނޑު ބޭނުން ގާއިމުކޮށްދޭން. ހަމަ އެފަދައިން ފުލުހުންގެ ހިދުމަތަށް ވެސް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު، ނެޝަނަލް ސާވިސްގެ ގޮތުގައި އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޕްރޮގްރާމެއް ފެށިގެންދާނެ ކަމަށާއި އެ ޕްރޮގްރާމަކީ އޯ ލެވެލް ނިންމުމަށްފަހު، އިތުރަށް ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ނުލިބޭ ކުދިންނަށް ހާއްސަ ޕްރޮގްރާމެއް ކަމަށެވެ. އަދި އެ ޕްރޮގްރާމުގައި ބައިވެރިވެގެން މިލިޓަރީ ތަމްރީނު ހޯދަންޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު