ތާލިބާން ޖަމިއްޔާއިން، ޕާކިސްތާނަށް ކަނޑައަޅުއްވާފައިވާ މަންދޫބުއާ، އެ ގައުމަށް ރާއްޖެއިން ކަނޑައަޅުއްވައިފައިވާ ސަފީރު މުހައްމަދު ތޯހާ ބައްދަލުކުރެއްވީ، ސަރުކާރުގެ ހުއްދަ ނެތި ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ތާލިބާނުގެ މަންދޫބާ ދިވެހި ސަރުކާރުގެ ހުއްދަނެތި ބައްދަލުކުރެއްވި މައްސަލައާ ގުޅިގެން ތޯހާއަށް ފިޔަވަޅު އަޅައިފައިވާ ކަމަށެވެ.

ތޯހާއަށް ފިޔަވަޅު އަޅައިފައިވާ ކަމަށް މިނިސްޓްރީން ބުންޏަސް އެޅި ފިޔަވަޅެއް ނުބުނެއެވެ.

އެ ބައްދަލުވުން ބާއްވާފައިވަނީ މިދިޔަ ހުކުުރު ދުވަހު އިސްލާމްއާބާދުގައެވެ. އެ ބައްދަލުވުމުގެ ހަބަރު އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެ ބައްދަލުވުމުގެ މާނައަކީ ތާލިބާން ޖަމާއަތުން އަފްގާނިސްތާނުގައި ހިންގާ ވެރިކަން ރާއްޖޭން ބަލައިގަތީތޯ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ސުވާލުކޮށްފައެވެ.

ޕާކިސްތާނުގައި ހުންނަ ދިވެހި ހައި ކޮމިޝަނުން އެ ބައްދަލުވުމުގެ މައުލޫމާތުދެމުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މުސްލިމް ދެ ގައުމުގައި އޮތް ގުޅުމާއި ރާއްޖެއާ މެދު އޭޝިއާގެ ގައުމުތަކުގެ މެދުގައި އޮތް ވިޔަފާރީގެ ކަންކަން، އަފްގާސްތާނު މެދުވެރިވެގެން ހަރުދަނާކުރުމާ ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

ގައުމުތަކުގެ ސަރުކާރުތައް ބަލައިގަތުމުގައި ސުވާލު އުފެދޭ ހާލަތްތަކުގައި ރާއްޖެއިން އަބަދު ވެސް އަމަލުކުރަމުން އައިސްފައިވަނީ އދ.ގެ ކަނޑައަޅައިފައިވާ މިންގަނޑުގެ ތެރެއިން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އދ. ގައި އަފްގާނިސްތާން، ތަމްސީލުކުރާ ފަރާތަކީ، އެ ގައުމުގެ ސަރުކާރުގެ ގޮތުގައި ދިވެހި ސަރުކާރުން ބަލައިގަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.