ބާސެލޯނާ އަންހެން ޓީމާ ދެކޮޅަށް ސްޕެއިންގައި މެޗެއް ކުޅުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށް، ޖެހިޖެހިގެން ދެވަނަ ފަހަރަށް ސާފް އަންހެން ޗެމްޕިއަންކަން ހޯދި ބަންގްލަދޭޝްގެ އަންހެން ގައުމީ ޓީމުން، އެގައުމުގެ ވަގުތީ ވެރިޔާ ޑރ. މުހައްމަދު ޔޫނުސްގެ ކިބައިން އެދިއްޖެއެވެ.

ބަންގްލަދޭޝްއިން ސާފް އަންހެން ޗެމްޕިއަންކަން ދިފާއުކުރީ ނޭޕާލްގެ ކަތަމަންޑޫ، ދަޝަރާތު ސްޓޭޑިއަމްގައި މީގެ ދެ ހަފުތާ ކުރިން ކުޅުނު ފައިނަލް މެޗުގައި 2-1 އިން ނޭޕާލް ބަލިކޮށްގެންނެވެ. ބަންގުލަދޭޝުން 2022 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްވެސް އުފުލައިލީ ހަމަ އެ ސްޓޭޑިއަމްގައެވެ.

އަންހެން ސާފް ޗެމްޕިއަންޝިޕްގެ ތަށްޓާއެކު ގައުމަށް ދިޔުމުން އެގައުމުގެ ރައްޔިތުން ވަނީ މަގުތަކަށް ނުކުމެ ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. ބަންގްލަދޭޝްގެ މިވަގުތު އޮތް ހާލަތަށް ބަލައި، ސާފް އަންހެން ޗެމްޕިއަންކަމަކީ އެގައުމުގެ އެއްބައިވަންތަކަމަށްވެސް މުހިއްމު ތަށްޓެއް ކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

މިވަގުތު އެގައުމުގެ ވަގުތީ ސަރުކާރުން ގައުމު ހިންގަމުންދާ އިރު، އިއްޔެ ޖަމުނާގައި ޓީމަށް ހާއްސަ އިވެންޓެއް ވަނީ ބާއްވާފައެވެ. އެ އިވެންޓްގައި ކުޅުންތެރިންނަށް ބޯނަސް ދޭން ނިންމާފައިވާ އިރު، ކުޅުންތެރިންނާ ޑރ. ޔޫނުސް ވަނީ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ޓީމުގެ ފަރާތުން ފޯވަޑް ކްރިޝްނާ ރާނީ ސަރްކާރް އެދުނީ ބާސާ އަންހެން ޓީމާ ދެކޮޅަށް މެޗެއް ކުޅުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމަށެވެ. ޓީމު ފަރާތުން ކްރިޝްނާ ބުނީ އެފަދަ ގޮތަކަށް ވަގުތީ ވެރިޔާ ޔޫނުސްގެ ކިބައިން އެދުނީ ޔޫނުސަކީ ބާސާއާ ގާތް ގުޅުމެއް އޮންނަ ފަރާތަކަށް ވާތީ ކަމަށެވެ.

މީގެ ކުރިން 2016 ވަނަ އަހަރު ޔޫނުސް ވަނީ ބާސާ ދަނޑަށް ހާއްސަ ޒިޔާރާތެއް ކުރައްވާފައެވެ. އެއީ ވިޔަފާރީގެ މަސައްކަތްތަކެއްގައެވެ. އެ މަސައްކަތުގެ ތެރެއިން ޔޫނުސް ބާސާއާ ގާތް ގުޅުމެއް ބާއްވަމުންދާ އިރު، އިއްޔެ ޓީމުގެ ކުޅުންތެރިން ކިބައިން އޭނާ އެދުނީ ހުވަފެންތަކާއި، ތަކުލީފުތަކުގެ އިތުރުން އަންހެން ފުޓުބޯޅައިގެ ކަންކަން ރަނގަޅު ކުރެވޭނެ ގޮތުގެ ހިޔާލުތައް ލިޔެފައި، އޭނާގެ އޮފީހަށް ފޮނުވުމަށެވެ.

ލިޔެފައި ފޮނުވާ ހިޔާލުތައް ބައްލަވާ ކަންކަން ރަނގަޅު ކުރައްވަން ކުރެވެން ހުރި ހުރިހާ ކަމެއް ބަލައިދެއްވާނެކަމުގެ ޔަގީންކަން ޔޫނުސް ޓީމަށް ދެއްވި ކަމަށްވެސް ބަންގްލަދޭޝް ޓީމުގެ ކުޅުންތެރިން ބުންޏެވެ.