ކުރިން ބްރެޒިލް ގައުމީ ޓީމާއި ރެއާލް މެޑްރިޑަށް ކުޅެފައިވާ ޑިފެންޑަރު މާސެލޯ، ބްރެޒިލް އެއްވަނަ ޑިވިޝަނުގެ ކްލަބު ފްލުމިނެންސޭއާއެކު ހަދާފައިވާ އެއްބަސްވުން އުވާލައިފިއެވެ.

އުމުރުން 36 އަހަރުގެ ފުލް ބެކް މާސެލޯ، ފްލުމިނެންސޭއާއެކު ހަދާފައިވާ އެއްބަސްވުން އުވާލާފައިވަނީ ދެފަރާތް އެއްބަސްވެގެންނެވެ. ކްލަބާއެކު މާސެލޯ ހަދާފައިވާ އެއްބަސްވުން އުވާލީ ކޮން ސަބަބަކާ ހުރެގެން ކަމެއް ޔަގީން ކޮށްދީފައެއް ނުވެއެވެ.

މާސެލޯގެ އެއްބަސްވުން އުވާލި ސީދާ ސަބަބު ފްލުމިނެންސޭއިން ހާމަކޮށްފައި ނުވާ ނަމަވެސް، ބެލެވޭ ގޮތުގައި އެއްބަސްވުން ބާތިލުކުރީ ކޯޗު މާނޯ މެނެޒެސްއާ ޖެހުނު މައްސަލައެއްގައެވެ. ފްލުމިނެންސޭއިން އެންމެފަހުން ހުކުރު ދުވަހު ގްރެމިއޯއާ ދެކޮޅަށް ކުޅެ، 2-2 އިން އެއްވަރުވި މެޗުގައި މާސެލޯއާއި ކޯޗު ހިތްހަމަނުޖެހި ބަހުގެ ހަމަލާތައް ބަދަލުކުރިތަން ފެނިގެން ގޮސްފައިވެއެވެ.

އެއީ އެމެޗުގައި މާސެލޯ އަރުވަން ތައްޔާރުކުރުމަށްފަހު ކޯޗު މެނެޒެސް ހިޔާލު ބަދަލުކުރި ހިސާބުންނެވެ. ކޯޗު މެޗަށްފަހު ބުނީ މާސެލޯ އަރުވަން ތައްޔާރުކުރި ނަމަވެސް، އޭނާ ކުޅުމަށް ނޭރުވީ ބަހުގެ ހަމަލާއެއް ދިނުމުން ކަމަށެވެ.

ޔޫރަޕްގެ އެންމެ ކާމިޔާބު ކްލަބު ރެއާލް މެޑްރިޑްގައި 15 އަހަރު ހޭދަކޮށް، މާސެލޯ ވަނީ 25 ތަށި ހޯދައިފައެވެ. އޭގެ ކުރިން އޭނާއަކީ ޒުވާން އުމުރުގައި ފްލުމިނެންސޭގައި ދުވަސްތަކެއް ހޭދަކުރި ކުޅުންތެރިއެކެވެ. ފްލުމިނެންސޭގެ ޒުވާން ޓީމުން ސީނިއާ ޓީމަށް ކުޅެން ފެށި މާސެލޯ ރެއާލަށް ބަދަލުކުރީ 2007 ވަނަ އަހަރުއެވެ.

ދެހާސް ބާވީސްވަނަ އަހަރު ރެއާލް ދޫކޮށްލުމަށްފަހު ފްލުމިނެންސޭއަށް ބަދަލުވުމުގެ ކުރިން މާސެލޯ ވަނީ ގްރީސްގެ އޮލިމްޕިއާކޮސްގައި ދުވަސްކޮޅެއް ހޭދަކޮށްފައެވެ.