މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ކަޕްގައި ސިޓީ ސްޕޯޓްސް ކްލަބުން އެޗްޑީސީއާ ދެކޮޅަށް މިރޭ ކުޅެން އޮތް ސެމީ ފައިނަލް މެޗު، ސިޓީ ސްޕޯޓްސް ކްލަބުން ދޫކޮށްލައިފިއެވެ.

މިއަހަރުގެ ވީއޭއެމް ކަޕްގައި ހަތް ކްލަބަކުން ވާދަކުރި އިރު، ޓީމުތައް ވާދަކުރީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ޕޮލިހުގެ އިތުރުން ބްލޫސް ފޯ ވޮލީބޯލްގެ އިތުރުން ސިޓީ ސްޕޯޓްސް ކްލަބާއި ސްޕޯޓްސް ކްލަބު ސިޓީ ހިމެނޭ އިރު، އަނެއް ގްރޫޕްގައި ހިމެނެނީ އެޗްޑީސީ އާއި ހާފް ލައިން ލިންކޭޖުގެ އިތުރުން ދިވެހި ސިފައިން ކްލަބެވެ.

ދެ ގްރޫޕުގެ އެއްވަނަ އަދި ދެވަނަ ސެމީއަށް ގޮސްފައިވާ އިރު، މުބާރާތް ރޭވިފައި އޮތީ ތިން ސެމީ މެޗު ކުޅޭ ގޮތަށެވެ. އެއީ އެއްވަނައަށް ރޭންކް ކުރާ ދެ ޓީމުގެ ތެރެއިން އެއް ޓީމު ސީދާ ފައިނަލަށް ދާއިރު، ދެވަނަ ރޭންކިންގެ ދެ ޓީމު ކުޅުނު ސެމީން މޮޅުވާ ޓީމު، ފުރަތަމަ ސެމީން ބަލިވާ ޓީމާ ތިންވަނަ ސެމީ މެޗު ކުޅޭ ގޮތަށެވެ. ސިފައިން ފައިނަލުގެ ސީދާ ޖާގައެއް ހޯދީ ސިޓީ ސްޕޯޓްސް ކްލަބު ކައިރިން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ.

ޕޮލިސް ކްލަބާއި އެޗްޑީސީ ވާދަކުރި މެޗުން އެޗްޑީސީ މޮޅުވެ، އެޓީމުން ސްޕޯޓްސް ކްލަބު ސިޓީއާ ދެކޮޅަށް މިރޭ ތިންވަނަ ސެމީގައި ނުކުންނަން އޮތީ މިރޭ 8:30 ގައެވެ. އެހެން ނަމަވެސް އެ މެޗު ސްޕޯޓްސް ކްލަބު ސިޓީން ވަނީ ދޫކޮށްލައިފައެވެ.

އެ ކްލަބުގެ ފަރާތުން އިތުބާރުހުރި ފަރާތަކުން "ވަން ސްޕޯޓްސް"އަށް ބުނީ ކްލަބުން ސެމީ ކުޅެން ނުނުކުތީ ދިވެހި ސިފައިން ކްލަބުގެ މައްސަލައެއް ހުށަހެޅުމުން ވީއޭއެމުން އެކަމުގައި ޖަވާބު ދީފައި ނުވާތީ ކަމަށެވެ. އެ ކްލަބުން ހުށަހެޅި މައްސަލައަކީ ވީއޭއެމް ކަޕްގެ ޕްރިލިމިނަރީ ބުރުގައި ނިއުބީސް ސްޕޯޓްސް ކްލަބަށް ކުޅުނު ދެ ކުޅުންތެރިން ސިފައިން ޓީމުގެ ސްކޮޑުގައި ހިމެނުމުގެ މައްސަލައެކެވެ. އެ ދެ ކުޅުންތެރިންނަކީ އަބްދުﷲ ޝަވާޒާއި މުހައްމަދު މުއާޒެވެ.

އެ ގޮތަށް އެކަން ހިނގާފައިވާކަން ޔަގީންވެފައިވާ އިރު، ގަވާއިދުގެ އަށްވަނަ މާއްދާގެ ހ. ގައި ބަޔާން ކޮށްފައިވާ ގޮތުން މިފަހަރު ވީއޭއެމް ކަޕްގެ އެއްވެސް ސްކޮޑެއްގައި ކުރިން ޕްރިލިމިނަރީ ބުރުގައި ކުޅުނު ކުޅުންތެރިޔަކު ނުހިމެނޭނެއެވެ. ސިޓީ ސްޕޯޓްސް ކްލަބުން އެ މައްސަލަ ޖެއްސީ މިއަދުގެ ވަގުތެއްގައި ކަމަށްވެސް ވަނީ މައުލޫމާތު ދީފައެވެ.

އެ މައްސަލައިގައި "ވަން ސްޕޯޓްސް"އަށް މައުލޫމާތު ދެއްވަމުން ވީއޭއެމްގެ ރައީސް، މުހައްމަދު ލަތީފް ވިދާޅުވީ ސިފައިން ކްލަބުގެ ސްކޮޑުގެ މައްސަލަ ސޯޝަލް މީޑިއާއަށް ފެންމަތިވުމާއެކު އެ މައްސަލަ ބަލަން ފެށި ކަމަށެވެ. އަދި އެ މައްސަލައިގައި ފިޔަވަޅު އެޅީ މުބާރާތް އިންތިޒާމުކުރާ ކޮމިޓީގެ ފަރާތުން މަޝްވަރާ ކޮށްފައިވާ ކަމަށާއި، އެޅި ފިޔަވަޅަކީ އެ ކުޅުންތެރިން ސިފައިން ކްލަބުގެ ސްކޮޑުން ބޭރުކޮށް، ޖޫރިމަނާ ކުރުން ކަމަށެވެ.

ލަތީފް ވިދާޅުވީ ފިޔަވަޅު އެޅުމުގައި އެ ކުޅުންތެރިން ބޭނުންކޮށްގެން ނަތީޖާ ނެރެފައިވޭތޯވެސް ބެލި ކަމަށާއި، އެކަމުގައި ފިޔަވަޅަ އަޅާފައިވާނީ އެއްވެސް ކްލަބެއްގެ އެއްވެސް ކުޅުންތެރިއެއްގެ ހައްގަށްވެސް އުނި ނުވާނެ ގޮތަކަށް ކަމަށެވެ. އަދި އެ މައްސަލައަކީ ސްކޮޑުތައް އެވަލުއޭޓް ކުރުމުގައި ހެދުނު ގޯހެއް ކަމަށާއި، އެކަމުގައި ސިޓީ ސްޕޯޓްސް ކްލަބްގެ ސިޓީއަށް ޖަވާބު ނުދީ އޮތީ މައްސަލަ ހުށަހަޅަން ގަވާއިދުގައިވާ ގޮތަށް ހުށަހަޅާފައި ނެތުމުން ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

އެގޮތުން، މައްސަލަ ހުށަހަޅާ އިރު، އެ މައްސަލަ ބެލުމަށް އެދި ދައްކަން ޖެހޭ 500 ރުފިޔާގެ ފީ، ސިޓީ ސްޕޯޓްސް ކްލަބުން ދައްކާފައި ނުވާ ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

ސިޓީ ސްޕޯޓްސް ކްލަބުން ސެމީގެ ތިންވަނަ މެޗު ދޫކޮށްލުމާއެކު، ވީއޭއެމްއިން ނިންމާފައި ވަނީ ހޯމަ ދުވަހުގެ ރޭ އޮންނަ ފައިނަލުގައި ވާދަކުރާނީ ސިފައިންނާއި އެޗްޑީސީ ކަމަށެވެ.