ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަންނަ އަހަރު މުބާރާތުގެ ރަސްމީ ބޯޅައެއްގެ ގޮތުގައި ނައިކީ ފުޓްސަލް މައެސްޓްރޯ ޑީއެމް4153-100 ބްރޭންޑްގެ ބޯޅަ ހަމަޖައްސައިފިއެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ރަސްމީ ބޯޅަ އިއުލާން ކޮށްފައިވަނީ އެ މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ސޮނީ ސްޕޯޓްސް ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހާއްސަ ހަފުލާގައެވެ.

ސޮނީ ސްޕޯޓްސް އާއެކު ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ސޮއިކުރުމަށް ބޭއްވި ހާއްސަ ހަފުލާގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް ރިލުވާން މޫސާއެވެ. ސޮނީ ސްޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މާކެޓިން މެނޭޖަރު މުހައްމަދު ޝަހުލީނެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރަސްމީކޮށް އިއުލާން ކުރި ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަންނަ އަހަރުގެ މުބާރާތް ފަށަން ނިންމާފައިވަނީ ޖެނުއަރީ ހަތަރެއްގައެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ މުބާރާތަށްވެސް ކުރިއާލައި ޓީމުތައް ތައްޔާރުވާން ފަށާފައިވާއިރު، ގިނަ ޓީމުތަކަކާއެކު މި އަހަރުވެސް މުބާރާތް ތަފާތު ފޯރިގަދަވާނެއެވެ.

ސޮނީ ސްޕޯޓްސްއަކީ މިދިޔަ އަހަރާއި އޭގެ ކުރިން ގިނަ ފަހަރުތަކެއްގައިވެސް މުބާރާތުގެ ޓައިޓަލް ސްޕޮންސަރެވެ. ރާއްޖެއަށް ކުޅިވަރު ސާމާނު އެތެރެކޮށް، އެތުލީޓުންގެ ފުރިހަމަ އިތުބާރުވެސް ހޯދާފައިވާ ސޮނީ ސްޕޯޓްސްއަކީ މިދިޔަ ހުރިހާ އަހަރެއްގައިވެސް ގޯލްޑަން ފުޓްސަލް ޗެލެންޖަށް އޮފިޝަލް ބޯޅަވެސް ސަޕްލައި ކޮށްދޭ ކުންފުންޏެވެ.

ނައިކީ ފުޓްސަލް މައެސްޓްރޯ ޑީއެމް4153-100 ބްރޭންޑްގެ ބޯޅައަކީ މި ވަގުތު ރާއްޖޭގައި ބޭނުންކުރަމުންދާ އެންމެ ފެންވަރު ރަނގަޅު ފުޓްސަލް ބޯޅައެވެ. ރާއްޖޭގެ ބޮޑެތި ގިނަ މުބާރާތްތަކެއްގައިވެސް ނައިކީ ފުޓްސަލް މައެސްޓްރޯ ބޯޅަ ބޭނުންކުރަމުންދާއިރު، ސޮނީ ސްޕޯޓްސްއަކީ ނައިކީ ފުޓްސަލް މައެސްޓްރޯ އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް އެތެރެކުރާ ވިޔަފާރިއެވެ. ނައިކީ ފުޓްސަލް މައެސްޓްރޯގެ އޮރިޖިނަލް ބޯޅައިގެ ސްޓޮކް މިހާރުވެސް ސޮނީ ސްޕޯޓްސް އިން ލިބެން އެބަ ހުއްޓެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ބައިވެރިވާ ޓީމުތަކަށް ބޯޅަ ސަޕްލައި ކޮށްދޭން ސޮނީ ސްޕޯޓްސް އިން ވަނީ ހާއްސަ އޮފާއެއްވެސް ފަށައިފައެވެ. އެގޮތުން މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ގަންނަ ކޮންމެ 10 ބޯޅައަކަށް އެއް ބޯޅަ ހިލޭ ލިބޭނެ ކަމަށްވެސް ސޮނީ ސްޕޯޓްސް އިން ބުނެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2015 ގައި ބާއްވަން ފަށައި، މުބާރާތް ދިޔައީ މަޑުމަޑުން ވައިގައި ހިފަމުންނެވެ. އެންމެފަހުން މިއަހަރު ބޭއްވި މުބާރާތުގައި ޖުމުލަ 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެފައިވެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ކާމިޔާބު ކަމާއެކު ނިންމާލާފައިވާ އިރު، މުބާރާތުގެ ފައިނަލް މެޗަކީ ރެކޯޑް އަދަދަކަށް މެޗު ބަލަން ސަޕޯޓަރުން ހާޒިރުވި މެޗެކެވެ. އެ މެޗުގައި 2023 ވަނަ އަހަރު ޗެމްޕިއަން ލ. ގަން ބަލިކޮށް، ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންކަން ހޯދީ، ބ. އޭދަފުއްޓެވެ.

މިދިޔަ ދެ އަހަރު މީޑިއާ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރި "ވަން ސްޕޯޓްސް" އިން ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ކަވަރޭޖްވެސް ކިޔުންތެރިންނާ ހަމައަށް އެންމެ ފުރިހަމައަށް ގެނެސްދޭން ހާއްސަ ކަވަރޭޖެއް ގެނެސްދިނުމަށް ހަމަޖައްސައިފައެވެ.