އަންހެން ސާފް ޗެމްޕިއަންޝިޕް ތަށި ދިފާއުކޮށް އެނބުރި ގައުމަށް ދިޔަ ބަންގްލަދޭޝް އަންހެން ގައުމީ ޓީމަށް އެ ގައުމުން ހޫނު މަރުހަބާއެއް ކިޔައި، ބޮޑު ބޯނަސް ފައިސާއެއް ދޭން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ނޭޕާލްގެ ކަތަމަންޑޫ، ދަޝަރާތު ސްޓޭޑިއަމްގައި ބުދަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ބަންގުލަދޭޝުން ނޭޕާލް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ބަންގުލަދޭޝުން 2022 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްވެސް އުފުލައިލީ ހަމަ އެ ސްޓޭޑިއަމްގައެވެ.
ބަންގްލަދޭޝްގެ އަންހެން ޓީމު ހަޒްރަތު ޝާހްޖަލާލް އެއާޕޯޓަށް ޖެއްސި ހިސާބުން ފެށިގެންވެސް ތަފާތު މަރުހަބާއެއް އެގައުމުގެ އިސް ފަރާތްތަކުން ކިޔާފައިވާ އިރު، ބަންގްލަދޭޝް ފުޓްބޯލް ފެޑަރޭޝަނަށް ޓީމު ދިޔައީ މަތި ހުޅުވިފައިވާ ބަހެއްގައެވެ. އެ ބަހުގައި ޓީމު ދިޔަ އިރު، މަގުގެ އެކި ހިސާބުތަކުން އެތައް ހާސް ބަޔަކު ވަނީ ބަހުގެ ކައިރިޔަށް ޖަމާވެ ޓީމަށް މަރުހަބާ ކިޔައިފައެވެ.
ގިނަ ކާރުތަކެއްވެސް އުފާފާޅުކުރުމުގައި ބައިވެރިވެފައިވާ އިރު، ބީއެފްއެފް އޮފީހުން ޓީމަށް މަރުހަބާ ކިޔާފައިވާ ކަމަށް ސްޕޯޓްސް އެޑްވައިޒަރު، އާސިފް މުހައްމަދު ޝޯޖިބް މީޑިއާތަކަށް ބުންޏެވެ.
މިވަގުތު ބަންގްލަދޭޝް ސިޔާސީ ބޮޑު ހަލަބޮލިކަމެއްގެ ތެރޭގައި އޮތް ނަމަވެސް، އެ ގައުމުގައި އެކުލަވާލެވިފައިވާ ސަރުކާރުން ވަނީ ކުޅުންތެރީން އަގު ވަޒަން ކުރާނެ ކަމަށް ބުނެ، ކޮންމެ ކުޅުންތެރިޔަކާއި ޓީމުގެ އޮފިޝަލުންނަށް ބޯނަސް ފައިސާގެ ގޮތުގައި އެއް ކްރޯރް ޓާކާ ދޭން ވައުދުވެފައެވެ. އެއީ ގާތްގަނޑަކަށް 83،000 ޑޮލަރެވެ.
ބަންގްލަދޭޝްގެ އަންހެން ފުޓުބޯޅަ ޓީމަށް ހާއްސަ ކެއުމެއް ސްޓޭޓް ގެސްޓް ހައުސްގައި މާދަމާ ބާއްވާ އިރު، ގައުމުގެ އިސް ވެރީން ކުޅުންތެރީންނާ ބައްދަލުކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބަންގްލަދޭޝް ކައިރިން ބަލިވި ނޭޕާލް ޓީމަށްވެސް ބޯނަސް ފައިސާ ދޭން ނޭޕާލުން ވަނީ ނިންމާފައެވެ. އެގޮތުން ޓީމުގައި ހިމެނުނު ކޮންމެ ކުޅުންތެރިޔަކަށް އަދި އޮފިޝަލަކަށް ތިން ލައްކަ ރުޕީސް ދޭން އެގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް