ސްޕެއިންގެ ވެލެންސިއާ ސަރަހައްދަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެޓީމުން ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން އޮތް މެޗުވެސް ފަސްކޮށްފިއެވެ.

ވެލެންސިއާގެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ކުރަމުންދާ ވިއްސާރައިގެ ސަބަބުން މިހާތަނަށް 95 މީހަކު މަރުވެފައިވެއެވެ. އޭގެ އިތުރުންވެސް އެތައް ބަޔަކު ގެއްލި، އެތައް ބަޔަކަށް ގެއްލުންތައް ލިބިގެން ގޮސްފައިވެއެވެ. ވެލެންސިއާއާއި ރެއާލް މެޗުގެ އިތުރުން ވިލަރެއާލުން ރަޔޯ ވަލެކާނޯއާ ދެކޮޅަށް ކުޅެން އޮތް ލީގު މެޗުވެސް މިހާރު ވަނީ ފަސްކޮށްފައެވެ.

އޭގެ އިތުރުން ދެވަނަ ޑިވިޝަނުގެ ތިން މެޗެއްވެސް ސްޕެއިންގެ ފުޓުބޯޅަ އިދާރާއިން ވަނީ ފަސްކޮށްފައެވެ. އަންހެން ޑިވިޝަނާއި އެކިއެކި ދަށް ޑިވިޝަނުގެ މެޗުތައްވެސް މިހާރު ވަނީ ފަސްކުރަން ނިންމައިފައެވެ.

ސްޕެއިންގެ ފުޓުބޯޅަ އިދާރާއިން ކްލަބުތަކުގެ ގެއްލުންތައް ބަލައި، އެކަމަށް މަސައްކަތް ކުރަމުން އަންނައިރު، ލަ ލީގާގެ އިތުރުން އަންހެން ޑިވިޝަނާއި ދަށް ޑިވިޝަންތަކުންވެސް އެދިފައި ވަނީ މިވަގުތަށް ލީގު މެޗުތައް އެއްކޮށް މެދުކަނޑާލުމަށެވެ. އެހެން ނަމަވެސް، އެކަމަށް އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

ވެލެންސިއާ ސަރަހަށްދަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މަރުވި މީހުންގެ ހަނދާނުގައި މެޗުތަކުގެ ކުރިން ސުކޫތެއް ގެންނަން ސްޕެއިންގެ ފުޓުބޯޅަ އިދާރާއިން ވަނީ ނިންމައިފައެވެ.