ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕްލެޓިނަމް ޕާޓްނަރަކަށް ސޮނީ ސްޕޯޓްސްއާއެކު ސޮއިކޮށްފިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ރަސްމީކޮށް އިއުލާންކުރި ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަންނަ އަހަރުގެ މުބާރާތް ފަށަން ނިންމާފައިވަނީ ޖެނުއަރީ ހަތަރެއްގައެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ މުބާރާތަށްވެސް ކުރިއާލައި ޓީމުތައް ތައްޔާރުވާން ފަށާފައިވާ އިރު، ގިނަ ޓީމުތަކަކާއެކު މިއަހަރުވެސް މުބާރާތް ތަފާތު ފޯރިގަދަވާނެއެވެ.
ސޮނީ ސްޕޯޓްސްއާއެކު ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ސޮއިކުރުމަށް ބޭއްވި ހާއްސަ އިވެންޓްގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް ރިލުވާން މޫސާއެވެ. ސޮނީ ސްޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މާކެޓިން މެނޭޖަރު މުހައްމަދު ޝަހުލީނެވެ.
"ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މިހާރު ރާއްޖެގައި ބާއްވާ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް. އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް. އެ މުބާރާތާ އަބަދުވެސް ވަރަށް ގާތުން މަސައްކަތް ކުރަމުން އަޅުގަނޑުމެން މިދަނީ. އެއީ މުބާރާތުގައި ބައިވެރިވަ ޒުވާނުންނާ ގުޅުން ހުރި، ޒުވާނުންނާ ވަރަށް ގާތް ވިޔަފާރިއަކަށް ސޮނީ ސްޕޯޓްސް ވާތީ. ސޮނީ ސްޕޯޓްސްއަކީ އަބަދުވެސް ކުޅިވަރު އެތުލީޓުންނާ އެންމެ ގާތުން މަސައްކަތް ކުރަމުންދާ ކުންފުނި. އެހެންވީމަ މިފަހަރުވެސް ސްޕޮންސާޝިޕް އެގްރީމެންޓްގައި ސޮއިކުރެވިގެން މިދިޔައީ. މިހާރު ރާއްޖޭގައި ބާއްވާ މުބާރާތްތަކަށް ބަލާއިރު ގޯލްޑަން ފުޓްސަލް ޗެލެންޖަކީ އެންމެ އިންތިޒާމު ރަނގަޅުކޮށް، އެންމެ އިތުބާރާއެކު އާއްމުންނާ ހަމައަށް ގެނެސްދޭ މުބާރާތް،" އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޝަހުލީން ވިދާޅުވިއެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ރިލުވާން ވިދާޅުވީ ސޮނީ ސްޕޯޓްސްއަކީ އަބަދުވެސް ގޯލްޑަން ފުޓްސަލް ޗެލެންޖާއެކު އެންމެ ގާތުން މަސައްކަތްކުރާ ސްޕޮންސާ ކަމަށާއި އެ ކުންފުންޏާއެކު މަސައްކަތް ކުރަމުން މިދިޔައީ އަބަދުވެސް އޮންނަ ފުރިހަމަ އިތުބާރުގެ ސަބަބުން ކަމަށެވެ.
"ސޮނީ ސްޕޯޓްސްއަކީ އަބަދުވެސް ގޯލްޑަން ފުޓްސަލް ޗެލެންޖާއެކު އެންމެ ގާތުން މަސައްކަތްކުރާ ސްޕޮންސާ. އަބަދުވެސް ސޮނީއާއެކު މި މަސައްކަތް ކުރަމުންދަނީ، އެ ކުންފުންނަށް ކުރެވޭ ފުރިހަމަ އިތުބާރުގެ ސަބަބުން. މިހާތަނަށް ގޯލްޑަން ފުޓްސަލް ޗެލެންޖުން މި ހޯދި ކުރިއެރުންތަކުގެ ފަހަތުގައިވާ އެންމެ ބޮޑު އެއް ހިއްސާދާރަކީ ސޮނީ ސްޕޯޓްސް. މިފަހަރުވެސް ސޮނީއާއެކު އެއްބަސްވުމުގައި ސޮއިކުރެވުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއް،" ރިލުވާން ވިދާޅުވިއެވެ.
ސޮނީ ސްޕޯޓްސްއަކީ މިދިޔަ އަހަރާއި އޭގެ ކުރިން ގިނަ ފަހަރުތަކެއްގައިވެސް މުބާރާތުގެ ޓައިޓަލް ސްޕޮންސަރެވެ. ރާއްޖެއަށް ކުޅިވަރު ސާމާނު އެތެރެކޮށް، އެތުލީޓުންގެ ފުރިހަމަ އިތުބާރުވެސް ހޯދާފައިވާ ސޮނީ ސްޕޯޓްސްއަކީ މިދިޔަ ހުރިހާ އަހަރެއްގައިވެސް ގޯލްޑަން ފުޓްސަލް ޗެލެންޖަށް އޮފިޝަލް ބޯޅަވެސް ސަޕްލައި ކޮށްދޭ ކުންފުންޏެވެ.
އެގޮތުން ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ސޮއިކޮށް، ސޮނީއާއި ގޯލްޑަން ފުޓްސަލްއިން ވަނީ މިއަހަރު މުބާރާތަށް ހާއްސަ ބޯޅަވެސް ރަސްމީކޮށް އިއުލާނުކޮށްފައެވެ. އެއީ ނައިކީ ފުޓްސަލް މައެސްޓްރޯ ޑީއެމް4153-100 ބްރޭންޑްގެ ބޯޅައެކެވެ.
ސޮނީ ސްޕޯޓްސްއިން ބުނީ ގޯލްޑަން ފުޓްސަލް ޗެލެންޖާ ދިމާކޮށް، އެ ކުންފުނިން މުބާރާތުގައި ބައިވެރިވާ ޓީމުތަކަށް ހާއްސަ އޮފާއެއް ތައާރަފުކޮށްފައިވާނެ ކަމަށެވެ. އެގޮތުން މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ގަންނަ ކޮންމެ 10 ބޯޅައަކަށް އެއް ބޯޅަ ހިލޭ ލިބޭނެ ކަމަށްވެސް ސޮނީ ސްޕޯޓްސްއިން ބުންޏެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2015 ގައި ބާއްވަން ފަށައި، މުބާރާތް ދިޔައީ މަޑުމަޑުން ވައިގައި ހިފަމުންނެވެ. އެންމެފަހުން މިއަހަރު ބޭއްވި މުބާރާތުގައި ޖުމުލަ 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެފައިވެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ކާމިޔާބު ކަމާއެކު ނިންމާލާފައިވާ އިރު، މުބާރާތުގެ ފައިނަލް މެޗަކީ ރެކޯޑް އަދަދަކަށް މެޗު ބަލަން ސަޕޯޓަރުން ހާޒިރުވި މެޗެކެވެ. އެ މެޗުގައި 2023 ވަނަ އަހަރު ޗެމްޕިއަން ލ. ގަން ބަލިކޮށް، ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންކަން ހޯދީ، ބ. އޭދަފުއްޓެވެ.
މިދިޔަ ދެ އަހަރު މީޑިއާ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރި "ވަން ސްޕޯޓްސް" އިން ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ކަވަރޭޖްވެސް ކިޔުންތެރިންނާ ހަމައަށް އެންމެ ފުރިހަމައަށް ގެނެސްދޭން ހާއްސަ ކަވަރޭޖެއް ގެނެސްދިނުމަށް ހަމަޖައްސައިފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް