ބްރެޒިލްގެ ތަރި ވިނީޝިއަސް ޖޫނިއާއަށް ބެލޮންޑިއޯ ނުލިބުމަކީ ނަސްލީ ތަފާތުކުރުން ކަމަށް ބްރެޒިލްގެ ނޫސްވެރިންނާއި ސިޔާސީ ފަރާތްތަކުންވެސް ތުހުމަތު ކޮށްފިއެވެ.
ދުނިޔޭގެ ފުޓުބޯޅައިގައި ދެވޭ އެންމެ ޝަރަފުވެރި އެއް އިންޑިވިޖުއަލް އެވޯޑު، ބެލޮންޑިއޯ 2024ގެ ފިރިހެން އެންމެ މޮޅު ކުޅުންތެރިޔަކަށް މެންޗެސްޓާ ސިޓީގެ ސްޕެއިން މިޑްފީލްޑަރު ރޮޑްރީ ހޮވިފައިވާ އިރު، ހޯމަ ދުވަހުގެ ރޭ ފްރާންސްގެ ޕެރިހުގައި އޮތް ހަފުލާގެ ކުރިން އެ އެވޯޑު ލިބޭނެ ކަމަށް ބެލެވިފައި އޮތީ ވިނީޝިއަސް އަށެވެ.
އެކަމަށް ރެއާލް މެޑްރިޑުންވެސް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ އިރު، ވިނީޝިއަސްގެ ބޫޓު ސްޕޮންސާ ނައިކީން ވަނީ ހާއްސަ ބޫޓެއްވެސް ތައްޔާރު ކޮށްފައެވެ. އޭގެ އިތުރުން މެޑްރިޑްގައި އުފާފާޅުކުރުމުގެ ބޮޑޫ ހަފްލާއެއްވެސް ބާއްވަން ތައްޔާރުވި ކަމަށް ނޫސްތައް ބުނެއެވެ.
މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑާއެކު ޗެމްޕިއަންސް ލީގާއި ލަ ލީގާވެސް ހޯދި ވިނީޝިއަސްއަށް ބެލޮންޑިއޯ ނުލިބޭނެކަން އެނގުނު ހިސާބުން ރެއާލުން ވަނީ ހަފުލާ ބޮއިކޮޓްވެސް ކޮށްފައެވެ. އަދި ވިނީޝިއަސްއަށް ބެލޮންޑިއޯ ލިބެން ޖެހޭ ކަމަށް އެޓީމުގެ ކުޅުންތެރިން ސޯޝަލް މީޑިއާގައި ޕޯސްޓްތައްވެސް ޖަހާގައިވެއެވެ. އޭގެ އިތުރުން ވިނީޝިއަސްވެސް ވަނީ ހިތްހަމަ ނުޖެހި، ބެލޮންޑިއޯ ދޭ މީހުންނަށް ފާހަގަވާ ވަރަށް 10 ފަހަރަށް މަސައްކަތް ކުރަން ޖެހުނަސް، ކުރާނެ ކަމަށް ބުނެފައެވެ.
އެއާއެކު ބްރެޒިލްގެ ނޫސްވެރިންނާއި ކޮމެންޓޭޓަރުން ބުނީ ވިނީޝިއަސްއަށް ބެލޮންޑިއޯ ނުދިނީ، އޭނާ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ވަރުގަދަޔަށް އަޑު އުފުލާތީ ކަމަށާއި، އޭނާއަށް އެވޯޑު ނުދިނީ ނަސްލީ ގޮތުން ތަފާތުކުރާތީ ކަމަށެވެ.
ބްރެޒިލްގެ ދުވަހު ނޫހެއް ކަމަށްވާ އެސްޓަޑާއޯގެ ސްޕޯޓްސް އެޑިޓަރު، ގުސްޓާވޯ ފަލްޑޮން ބުނީ ވިނީޝިއަސްއަށް ބެލޮންޑިއޯ ނުދީ ރޮޑްރީއަށް އެވޯޑު ދިނުމަކީ ފުޓުބޯޅަ ތާރީހުގައި ފެނުނު އެންމެ ބޮޑު ނާއިންސާފު ކަމށެވެ.
އޭގެ އިތުރުން އާއްމުންގެ ތެރެއިންވެސް ލައްކައިން މީހުން ވިނީޝިއަސްގެ ދިފާއުގައި ބަސް ބުނެފައިވާ އިރު، ބްރެޒިލްގެ ނަސްލީ ހަމަހަމަ ކަމާ ބެހޭ ހާއްސަ ވުޒާރާގެ މިނިސްޓަރު އަނީލް ފްރާންކޯ ވިދާޅުވީ ވިނީޝިއަސްއަކީ ތަފާތު ކުޅުންތެެރިއެއް ކަމަށާއި، ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އަބަދުވެސް ބްރެޒިލް ތެދުވާނެ ކަމަށެވެ. އަދި ވިނީޝިއަސް ފުޓުބޯޅަ ތާރީހު ލިޔެލާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ފްރާންސްގެ ފުޓުބޯޅަ ނޫހެއް ކަމަށްވާ، ފްރާންސް ފުޓުބޯޅައިން 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ބެލޮންޑިއޯގެ ފިރިހެން އެންމެ މޮޅު ކުޅުންތެރިޔާއަށް ފީފާ ރޭންކިން އެންމެ ވަރުގަދަ 100 ގައުމުގެ ނޫސްވެރިން ވޯޓު ދެއެވެ. އަދި އަންހެން އެންމެ މޮޅު ކުޅުންތެރިޔާ ހޮވާނީ އަންހެން ރޭންކިންގެ އެންމެ މަތީގައި އޮންނަ 50 ގައުމުގެ ނޫސްވެރިން ވޯޓު ދީގެންނެވެ.
ބްރެޒިލް
ބްރެޒިލް
ބްރެޒިލް
ބްރެޒިލް