ހޯކްސް ކުންފުނީގެ ބޯޓަކުން ގިނަ އަދަދެއްގެ ސިނގިރޭޓު ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރިކަމަށް ބުނާ މައްސަލަ ބެލުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.
ކޮމެޓީ ފެށުމަށްފަހު މުގައްިރރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ހޯކްސް ކުންފުނީގެ ތެޔޮ ބޯޓަކުން ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ސިނގިރޭޓް ރާއްޖެ އެތެރެކުރި މަައްސަލައަކީ ވަރަށް ބޮޑު ތަހުގީގެއް ކުރަމުން އަންނަ މައްސަލައެއް ކަަމަށެވެ. އެކަމާ ބެހޭގޮތުން މިއަދު ބާއްވާ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ކަސްޓަމްސްގެ އިސް ފަރާތްތަކާ ކޮމެޓީން ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެހެންކަމުން ހޯމް މިނިސްޓަރުވެސް އަދި މުގައްރިރުވެސް ބޭނުންވަނީ ކޮމެޓީ ބައްދަލުވުން ސިއްރު ކުރެއްވުމަށްކަމަށްވެސް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ކޮމެޓީ ސިއްރު ކުރަން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްލަގަފޫރު މޫސާ ހުށަހެޅުއްވިއެވެ. ތާއީދު ކުރެއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.
ރާއްޖޭގައި ތެޔޮ ވިއްކުމުގެ ވިޔަފާރިކުރާ ހޯކްސްގެ ބޯޓަކުން ގިނަ އަދަދެއްގެ ސިނގިރޭޓް ރާއްޖެ އެތެރެކުރި މައްސަލައިގައި، އެ ކުންފުނިން ބުނެފައިވަނީ، ކުންފުނީގެ ވަސީލަތްތައް ބޭނުންކޮށްގެން، ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކޮށް އަމިއްލަ މަންފާ ނެގިކަމަށް ތުހުމަތުވާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
ކަސްޓަމްސް އިން ވަނީ ކ. ތިލަފުށީގައި ހުންނަ "ހޯކްސް ބޯޓްޔާޑް" ބަލައި ފާސްކޮށްފައެވެ. ސިނގިރޭޓުތައް އެތެރެކުރީ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ އައި "އެމްޓީ ހޯކްސް ޖަވާހިރު" ބޯޓުން ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ބޯޓުން ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ ލޯކަލް ދޯންޏެއް ކަމަށްވާ "ހޯކްސް ރޯދި" އަށް އަރުވައިގެން ތިލަފުއްޓަށް ގެންގޮސް، އެ ކުންފުނީގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ޓްރެކަކަށް އެތަކެތި އަރުވައި ގެންގޮސް، ބޭލުމުގެ މަސައްކަތްކޮށްފައި ވަނީ ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ބޯޓު ޔާޑަށް ކަމަށެވެ.
އެ މައްސަލައާ ގުޅޭގޮތުން ހޯކްސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގައި އެ ކުންފުނީގެ ބައިވެރިވުން ވާ ކަމަށްބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެއީ ކުންފުނީގެ ވަސީލަތްތައް ބޭނުންކޮށްގެން މުވައްޒަފުންތަކެއް ހިންގާފައިވާ ގާނޫނާ ހިލާފު އަމަލެއް ކަމަށެވެ. އެ މައްސަލައިގައި ކުންފުނީގެ ފަރާތުން އިދާރީގޮތުން ތަހުގީގެއް ފަށާފައިވާ ކަމަށް ވެސް ހޯކްސް އިން ބުންޏެވެ.
"އެގޮތުން ކެމެރާ ފުޓޭޖުތައް ބެލިބެލުމުން މިހާތަނަށް ކުންފުނީގެ މުވައްޒަފުންތަކެއްގެ މައްޗަށް ޣައިރު ގާނޫނީ ހަރަކާތްތަކަކަށް ކުންފުނީގެ ރިސޯސަސް ބޭނުންކޮށް އަމިއްލަ މަންފާ ނަގަން މަސައްކަތްކޮށްފައިވާ ކަމުގެ ތުހުމަތުކުރެވިފައިވެއެވެ. ކުންފުނިން ވަނީ ތުހުމަތުކުރެވުނު މުވައްޒަފުންތައް ވަގުތުން މަސައްކަތުން އެކަހެރިކޮށް، ކަމާބެހޭ އިދާރާތަކަށް އެކަން ރިޕޯޓުކޮށްފައެވެ." ހޯކްސްގެ ބަޔާނުގައި ބުންޏެވެ.
ހޯކްސް އިން ބުނީ އެފަދަ ޣައިރު ގާނޫނީ އަމަލުކުތަކުގައި އެ ކުންފުނިން ގެންގުޅެނީ ޒީރޯ ޓޮލަރެންސް ޕޮލިސީ ކަމަށާއި ކުންފުނީގެ މަދު މުވައްޒަފުންތަކެއް ބައިވެރިވެ، ކުންފުނީގެ މެނޭޖްމަންޓުން މުވައްޒަފުންނާ މެދު ކުރި އިތުބާރާއި ޔަގީންކަން ގެއްލޭގޮތަށް ހިންގާފައިވާ އެ އަމަލަކީ ކުންފުންޏަށް ލިބުނު ބޮޑު ހައިރާންކަމެއް ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި ކުންފުނީގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން އެތެރޭގެ ކޮންޓްރޯލު ހަރުދަނާކުރުމަށް އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށް ހޯކްސް އިން ބުންޏެވެ.
ހޯކްސް ބޯޓްޔާޑަށް ވަދެ، ފުލުހުން ފުރަތަމަ ބަލައި ފާސްކޮށްފައިވަނީ ކޯޓު އަމުރެއް ނެތި ކަމަށާއި ނަމަވެސް ފުލުހުންނަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދީ، ގާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވެ، އެ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ ހައްޔަރުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށެވެ. އަދި ބޯޓުޔާޑަށް ވަނުމުގެ ފުރުސަތުދީ، ކޯޓު އަމުރެއް ލިބެންދެން އެތަނުގައި ފުލުހުންގެ ޓީމު ހަރަކާތްތެރިވުމަށް ފުރުސަތު ދީފައިވާނެ ކަމަށް ވެސް ހޯކްސް އިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު