ގދ. ތިނަދޫގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖް ބޭރުބަޔަކަށް ދޭން މަސައްކަތް ނުކުރައްވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ތިނަދޫގައި ގާއިމް ކުރަމުންދާ ކޯލް ސްޓޯރޭޖް ބޭރު ބަޔަކަށް ވިއްކާލާ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކަމުންގެންދާ ކަމަށްވިދާޅުވެ، ސައުދުﷲ އެއްސެވީ އެއީ ތެދެއްތޯ، އެވެ.

މިނިސްޓަރު ވިދާޅުވީ، ތިނަދޫ ކޯލް ސްޓޯރޭޖް ބޭރުބަޔަކަށް ދިނުމަށް އެވެސް ކަހަލަ މަޝްވަރާއެއް ކޮށްފައިނުވާ ކަމަށާއި، އެ ސްޓޯރޭޖު އޮޕަރޭޓް ކުރަން ބޭރުބަޔަކަށް ދިނުމުގެ މަސައްކަތްވެސް ކުރަމުން ނުދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އައްޑޫ ސިޓީ ފިޝަރީޒް ކޮމްޕްލެކްސްގެ ކެޕޭސިޓީ ބޮޑުކުރުމަށް ބޭނުންވާ ފައިސާ އިއްޔެ ލިބިފައިވާ ކަމަށެވެ.

"އެންމެފުރަތަމަ ފެލިވަރު އޮޕަރޭޝަނަށް އައިފަހުން 47 އަހރު ވެގެންދިޔައިރު އޭރު ފެސިޓީ ފެށުނުގޮތާ މިއަދަކާ މާބޮޑު ތަފާތެއް ނެތް، މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަބން މާބޮޑު ކަމެއް ކުރެވިފައެއް ނެތް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ، މިފްކޯ ވުޖޫދުވިފަހުން 28 އަހަރުވީއިރު މަސްވެރިކަން އިތުރަށް ތަރައްގީކުރެވިފައިނެތުން ވެސް އެއީ ގޮންޖެހުމެއް ކަމަށެވެ. ނަމަވެސް ފަންޑިން އެޖެންސީތަކާއެކު ދެއްކެވި ވާހަކަތަކަށްފަހު، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)ގެ ފަރާތުން މިފްކޯގެ ތަރައްގީއަށް ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން އެ ފައިސާ ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އަންނަ އަހަރުގެ ކުރީކޮޅު އެތަނުގެ މަސައްކަތް ފަށައި، އެ އަހަރުގެ ފަހުކޮޅު ނުވަތަ 2026 ވަނަ އަހަރުގެ ކުރީކޮޅު އެ މަސައްކަތް ނިންމައިލެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކަމުގެ ސަބަބުން މިހާރު އެތަނުގައި މަސްތަތް ކުރުމުގެ ކެޕޭސިޓީ 1500 ޓަނުން 2500 ޓަނަށް އިތުރުވެގެންދާނެ ކަމަށެވެ. އަދި ބްރައިން ފްރީޒިން ކެޕޭސިޓީ 50 ޓަނުން 100 ޓަނަށް އިތުރު ކުރެވި، ދުވާލެއްގެ މައްޗަށް 100 ޓަނުގެ މަސް ގަނެވޭނެ ކަމަށެވެ.