އިޒްރޭލުން ދާދި ފަހުން ވަނީ އީރާނުގެ އެކިތަންތަނަށް ވައިގެ ހަމަލާތަކެއް ދީފައެވެ. ގާތްގަޑަކަށް ދެތިން ގަޑިއިރަށް ދެމިގެންދިޔަ މި ހަމަލާތައް އަމާޒުކުރިކަމަށްވަނީ ޖުމްލަ ވިހި ތަނަކަށެވެ. ހައްތާވެސް އީރާނުގެ އަސްކަރިއްޔާއާ ގުޅުންހުރި ތަންތަނެވެ. ޚާއްސަގޮތެއްގައި ވެރިރަށް ތެހެރާނާއި ޚުޒެސްތާނާއި އިލާމްގައިވާ އަމާޒުތަކަށެވެ. އިޒްރޭލުން ގަބޫލުކުރާ ގޮތުގައި އެއީ އީރާނުގެ މިސައިލް ގުދަންތަކާއި ޑްރޯން މަރުކަޒުތަކާއި ވައިގެ ދިފާއާބެހޭ ތަންތަނެވެ. އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އިޒްރޭލުން ހަމަލަދީފައިވާކަން އީރާނުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. މިހިސާބުން އުފެދޭ ސުވާލަކީ ލިބުނީ ކޮންކަހަލަ ގެއްލުމެއް ހެއްޔެވެ. ނިއުކުލިއަރ މަރުކަޒުތަކާއި ތެލުގެ ކާރުޚާނާތަކާއި ގައުމީ އޮނިގަނޑުގެ ތެރޭގައި ހިމެނޭ ތަންތަނަށް އަމާޒުނުކުރީ ކީއްވެގެން ހެެއްޔެވެ. އީރާނުން މިކަމުގެ ބަދަލު ނުހިފާނެހެއްޔެވެ. ދެންވާނީ ކިހިނެއްހެއްޔެވެ. ދުނިޔެއިން މި ހަމަލާތަކާމެދު ބުނަނީ ކީކޭހެއްޔެވެ. ދެންއޮތީ ބޮޑު ސުވާލެވެ. ހަމަލަދިނީ ކިހިނަކުން ހެއްޔެވެ.

އެންމެ ފުރަތަމަ ސުވާލަކީ އީރާނަށް ލިބުނީ ކިހައިވަރެއްގެ ގެއްލުމެއް ހެއްޔެވެ. ގެއްލުންތަކެއް ލިބިފައިވާކަން އީރާނުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އީރާނުގެ ސިފައިންގެ ތެރެއިން ދެ މީހަކު މަރުވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ. އެކަމަކު އިޒްރޭލުން ދޭންއުޅުނު ވަރުގެ ގެއްލުމެއް ނުދެވޭކަމަށާއި ނިސްބަތުން ލިބުނު ގެެއްލުންތައް ވަރަށް ކުޑަކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ. ދެންއޮތީ އިޒްރޭލުން ބުނާ ވާހަކައެވެ. އިޒްރޭލުން ބުނެއެވެ. ހާސިލްކުރަން ބޭނުންވި ލަނޑުދަނޑި ފުރިހަމައަށް ހާސިލްވެއްޖެއެވެ. އެހެންވީމާ މިހިސާބުން މި އޮޕަރޭޝަން ނިމުނީއެވެ. އީރާނުން އިތުރުކަމެއް ނުކުރަންޏާ ދެން އިޒްރޭލަކުންވެސް އިތުރުކަމެއް ނުކުރާނެއެވެ. އިޒްރޭލުގެ ބަސްމަގު މިފެންނަނީ ވަރަށް ބޮޑަށް ބަދަލުވެފައިވަނިކޮށެވެ. ކުރިން ބުނަމުން އައީ ހަމަލަ އައިގޮތެއްވެސް މިކަންކުރިގޮތެއްވެސް އަދިކިޔެއްތަ، ދޮންކަޅުވެސް އަންގާނުލައި އީރާން ކުޑަކަކޫމައްޗަށް ތިރިކޮށްލާނެ ކަމުގައެވެ.

ދުރުގައި މަންޒަރު ބަލަން ތިބި މީހުންނަށް އެކަން އެހެން ކުރެވުނު ތަނެއް ނުފެނެއެވެ. އީރާނަށް ލިބުނު ގެއްލުންތަކެއްވެސް ނުފެނެއެވެ. އެހެންވީމާ މިއީ ކަމަކަށް ކަމެއް ކުރުމުގެ ގޮތުން، އަގުހިފެހެއްޓުމުގެ ގޮތުން ދީފައިވާ ރަމްޒީ ހަމަލާތަކެއް ކަމަށް ގަބޫލުކުރެވެއެވެ. ދެވަނަ ސުވާލަކީ އީރާނުގެ ނިއުކުލިއަރ މަރުކަޒުތަކާއި ތެލުގެ ކާރުޚާނާތަކާއި ބަނދަރުތަކާއި އެއަރޕޯޓްތަކަށް ގެެއްލުމެއް ދެވުނު ހެއްޔެވެ. އެއިންތަނަކަށް ހަމަލަ އަމާޒުކުރެވުނު ހެއްޔެވެ. ޖަވާބަކީ ނޫނެކޭއެވެ. ބައެއް މީހުންގެ ނަޒަރުގައި އެއީ އެމެރިކާގެ ބާރުއެޅުމުގެ މަތިން ވީކަމެކެވެ. އިޒްރޭލުގެ ވެރިޔާ ނަތަންޔާހޫ އާއި އޭނާގެ ވަޒީރުން ބޭނުންވީ އީރާނުގެ ނިއުކުލިއަރ މަރުކަޒުތައް ފުނޑާލުމަށެވެ. މިހާތަނަށްވެސް އައީ އެކަންކުރާނެ ކަމަށް ބުނަމުންނެވެ. އެމެރިކާގައި ތިބި ޓްރަމްޕު ކަހަލަ އިޒްރޭލުގެ ސަޕޯޓަރުންވެސް ބޭނުންވީ އީރާނުގެ ނިއުކުލިއަރ މަރުކަޒުތަކަށް ހަމަލަ ދިނުމަށެވެ. އިޒްރޭލުގެ މިސައިލެއް އެއިންތަނަކަށް އަމާޒުނުކުރުމުގެ ފަހަތުގައިއޮތްކަމަށް ފެންނަނީ ތިން ސަބަބެކެވެ.

ފުރަތަމަ ސަބަބަކީ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން އެކަމަށް ރުހޭބަސް ނުދިނުމެވެ. ދެވަނަ ސަބަބަކީ ރަޝިޔާއެވެ. ރަޝިޔާއިން އޮތީ ބުނެފައެވެ. ނަމަނަމަ އެޒާތުގެ ކަމެއްކުރަން ހިތަށްވެސް ނާރުވާށެވެ. ނަތީޖާ ވަރަށް ގޯސްވާނެއެވެ. ތިންވަނަ ސަބަބަކީ އީރާނުން އަމަލުކުރާނެ ގޮތަކާމެދު ގެންފައިވާ ބިރުގެ ބޮޑުކަމެވެ. އީރާނުގެ ރައްދު އަވަސްވާނެ ކަމާއި އެ ރައްދުގެ ހިތިކަން ބޮޑުވާނޭކަން ޚުދު އިޒްރޭލަށްވެސް އެނގެއެވެ. އީރާނުގެ ރައްދު އަންނާނެ ބީދަޔަކުން މިކަންކުރަން ނުކެރުނީއެވެ. ބިރުގަތީއެވެ. އީރާނުގެ އިގްތިސާދާ ގުޅުންހުރި ތަންތަނަށް ހަމަލަދޭންވެސް ނުކެރުނީ އެހެންވެއެވެ. އީރާނުގެ އިގްތިސާދުގެ މައިނާރަކީ ތެލާއި ގޭހުގެ ކާރުޚާނާތަކެވެ. އެތަންތަން އީރާނުގެ ހުރިހާ ކަންކޮޅުތަކެއްގައިވެސްވެއެވެ. އެއިން ތަނަކާ ދިމާލަށް އެންމެ ހަމަލައެއްވެސް އިޒްރޭލުން ފޮނުވައިފައެއް ނުވެއެވެ. އަދި އެއްވެސް އެއަރޕޯޓަކަށްވެސް ހަމަލައެއް އަރާފައިނުވެއެވެ.

ތިންވަނަ ސުވާލަކީ ދެންވާނީ ކިހިނެއް ހެއްޔެވެ. އީރާނުން މިކަމުގެ ބަދަލު ހިފާނެހެއްޔެވެ. އީރާނުން އެބަބުނެއެވެ. ކަމުގެ ކުޑަބޮޑުމިނަށް ބަލައިފައި ދޭންޖެހޭ ރައްދެއް ދޭނަމެވެ. ކުޑަބޮޑުމިނަށް ބަލައިފައޭ އެބުނަނީ ކީއްވެގެންކަމާމެދު ވިސްނައިލަން އެބަޖެހެއެވެ. އީރާނުން ކުރިން ބުނަމުންއައީ އޮކްޓޫބަރު އެކެއްގައި އިޒްރޭލަށް ހަމަލަދިނީ އީރާނުގެ ވެރިރަށް ތެހެރާނުގައި އިޒްރޭލުން ހިންގި ޓެރަރިޒަމްގެ ރައްދުގައެވެ. އެހެނޭ ކިޔާފައި އީރާނުގެ ސިޔާދަތަށް އުނިކަން އަތުވެދާނެ ބީދަޔަކުން އިޒްރޭލް ކުރާ ކޮންމެ ކަމެއްގެ ބަދަލު ކުރިއަށްވުރެ ވޭންދެނިވި ގޮތަކަށް ހިފާނަމެވެ. މި ބުނުން މިހާރުއޮތީ ބަދަލުވެފައެވެ. މިކުރިމަތިލުން ދަމަހައްޓަން އީރާނު ބޭނުންވާ ކަމަށް ނުފެނެއެވެ. އަދި އިޒްރޭލުންވެސް ބޭނުންވާ ކަމަށް ނުފެނެއެވެ. އިޒްރޭލުން އެބަބުނެއެވެ. އީރާނުގެ ސީދާ ހަމަލައެއް އިޒްރޭލަށް އަމާޒުނުވަންޏާ މިހިސާބުން ދެން މިކަން ނިމުނީއެވެ. ރަޝިޔާ އާއި ޗައިނާފަދަ ބާރުހުރި ގައުމުތަކުންވެސް އެބައަންގައެވެ. ދެން މައިތިރިވާށެވެ. މިހިސާބުން ދެން ނިންމައިލާށެވެ.

ހަތަރުވަނަ ސުވާލަކީ އިޒްރޭލުން އީރާނަށް މިދިން ހަމަލަޔާމެދު ދުނިޔޭގެ ގައުމުތަކުން ބުނަނީ ކީކޭބާވައެވެ. މިމައްސަލައިގައި ދުނިޔޭގެ ރައުޔުއޮތީ ދެބައިވެފައެވެ. ސައޫދީއަރަބިޔާ، މިސްރު، ގަތަރު، ޖޯޑަން، އެމިރޭޓްސް، އޮމާން، ކުވޭތު، ސީރިޔާ، ތުރުކީ، ޕާކިސްތާން އަދި މެލޭޝިޔާފަދަ އިސްލާމީ ގައުމުތަކުން އިޒްރޭލުގެ އުދުވާން ވަނީ ކުށްވެރިކޮށްފައެވެ. މިއީ އީރާނުގެ އިސްތިގުލާލާއި ކަރާމާތަށް އަރައިގަތުމެއް ކަމަށް ވަނީ ސިފަކޮށްފައެވެ. ޖަރުމަނާއި އިނގިރޭސިވިލާތާއި ފްރާންސްފަދަ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ދެފަރާތުންވެސް މައިތިރިވެގެން ތިބުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އިނގިރޭސިންގެ ނަޒަރުގައި އިޒްރޭލުން އެކުރީ ނުރައްކާތެރި ކަމެކެވެ. އެކަމަކު ކުރަންޖެހިގެން ކުރި ކަމެކެވެ. އެމެރިކާގެ ރައުޔަކީވެސް އެއީއެވެ. އެމެރިކާއިން ބުންޏެވެ. އިޒްރޭލުން އެކުރީ ކުރަންޖެހޭ ކަމެކެވެ. އެކަމަކު ދެން މިހިސާބުން ހުއްޓައިލާށެވެ. މިފަހަރު އަހަރެމެންގެ ބައިވެރިވުމެއް ނެތޭވެސް ބުންޏެވެ.

ދެންއޮތީ ފަސްވަނަ އަދި އެންމެފަހު ސުވާލެވެ. ހަގީގަތުގައި އެންމެބޮޑު ސުވާލެވެ. އިޒްރޭލުން މިހަމަލަދިނީ ކިހިނެއްހެއްޔެވެ. ބޭނުންކުރީ ކޮންޒާތެއްގެ ހަތިޔާރެއް ހެއްޔެވެ. މިކަމާބެހޭ މާބޮޑު އެއްޗެއް އަދި ނޭނގެއެވެ. އެއްވެސް ބަޔަކު އެކަމުގެ މައްޗަށް ވާހަކައެއް ނުދައްކައެވެ. އިޒްރޭލާއި އީރާނަކީ އެއްގަމުން ގުޅިފައިވާ ދެގައުމެއް ނޫނެވެ. މިސައިލުން ހަމަލަދެންޏާ ޖޯޑަނާއި ސައޫދީއަރަބިޔާ ކަހަލަ ގައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުންކުރަން ޖެހޭނެއެވެ. ބޭނުންކުރިކަމުގެ ޚަބަރެއް ނެތެވެ. އެކަންއޮތީ ސިއްރުކޮށްފައެވެ. ގަސްތުގައި ކަމަށް ވެދާނެއެވެ. އީރާނާއި އިންވެގެންވާ ނުވަތަ ކައިރިކައިރީގައިވާ ގައުމުތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް އެބަހުއްޓެވެ. އެތަންތަނުގެ ބޭނުން ސިއްރުގޮތުގައި އިޒްރޭލުން ހިފީބާވައެވެ. އެހެންކަމަށް ވަންޏާ އެވާހަކައެއް ނުދައްކާނެއެވެ. އެމެރިކާގެ މަރުކަޒުތަކުން މިސައިލް އުދުއްސައިލެވޭނީ އެމެރިކާގެ ބައިވެރިވުން އޮވެގެންނެވެ. ތިމަންނާމެންގެ ބައިވެރިވުމެއްނެތޭ އެހައި އަވަހަށް އެބުނީ ކަމެއް ފޮރުވައި މަތިޖެހުމުގެ ނިޔަތުގައި ކަމަށް ވެދާނެއެވެ.