މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމުން އެރިކް ޓެން ހާގު ވަކިކޮށްފިއެވެ.
ޓެން ހާގު ވަކިކުރިކަން ޔުނައިޓެޑުން ވަނީ ޔަގީންކޮށްދީފައެވެ. 2022 ވަނަ އަހަރު އޭޕްރީލް މަސް ތެރޭގައި ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވި ޓެން ހާގު ވަކިކޮށްފައި ވަނީ ނަތީޖާތައް މާ ބޮޑަށް ދަށްވުމުގެ ސަބަބުންނެވެ.
ޔުނައިޓެޑުން އެންމެފަހުން ލީގުގައި ރޭ ރަށުން ބޭރުގައި ވެސްޓް ހަމް އަތްދަށުވީ 2-1 ގެ ނަތީޖާއަކުންނެވެ. ޔުނައިޓެޑަށް އެއީ މާޔޫސީ ނަތީޖާއެކެވެ. ލީގު ތާވަލުގެ 14 ވަނައިގައި އެޓީމު އޮތް އިރު، މިހާތަނަށް ލީގުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން ޔުނައިޓެޑަށް މޮޅުވެވިފައި އޮތީ އެންމެ ތިން މެޗުންނެވެ. އޭގެ އިތުރުން ޔޫރަޕްގެ ނަތީޖާތައް ވެސް މާ ބޮޑަށް ދަށްވުމުން ޔުނައިޓެޑްގެ ކޯޗަށް މިދިޔަ މަހެއްހާ ދުވަސް ވެސް ދިޔައީ އުނދަގޫ ހާލަތެއްގައެވެ.
ޔުނައިޓެޑް 14 ވަނައިގައި އޮތީ ނުވަ މެޗުން 11 ޕޮއިންޓާއެކުގައެވެ.
އަޔެކްސްއާ އެކު ކާމިޔާބީތަކެއް ހޯދި ޓެން ހާގު ޔުނައިޓެޑަށް ގެންދިޔައީ ބޮޑު ޕްރޮޖެކްޓެއް ހަވާލުކޮށްފައެވެ. ޔުނައިޓެޑް އަލުން ކާމިޔާބު ޓީމަކަށް ހެދުމަށް ޓެން ހާގު ކުރި މަސައްކަތްތަކަށް އެކަށީގެންވާ ކާމިޔާބީއެއް ލިބިފައި ނުވާ އިރު، އެ ކްލަބުގެ މެނޭޖުމަންޓަށް ވެސް ވަނީ ދާދި ފަހުން ބަދަލުތަކެއް އައިސްފައެވެ. އެއީ ޓެން ހާގަށް ކުރިމަތިވި ބޮޑު ޗެލެންޖެކެވެ.
ޓެން ހާގު ވަނީ ޔުނައިޓޭޑާއެކު 2023 ވަނަ އަހަރު ލީގު ކަޕް އަދި މިދިޔަ ސީޒަނުގެ އެފްއޭ ކަޕްވެސް ކާމިޔާބު ކޮށްފައެވެ.
ޓެން ހާގު މަގާމުން ވަކިކުރުމުން ވަގުތީ ގޮތުން ކޯޗުކަމާ ހަވާލުވީ ކްލަބު ލެޖެންޑް، ޓެން ހާގުގެ އެސިސްޓެންޓް ރޫދު ވާން ނިސްތެރޫއީއެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް