އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސާއި ނައިބު ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ބައެއްގެ ގޮތުގައި ހެދުމަށް ކުރާ މަސައްކަތަކީ ފާރަވެރިވުމުގެ ނިޒާމު ފުނޑާލުން ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ބުނެފިއެވެ.
ސަރުކާރުން އިއްޔެ ވަނީ އޭސީސީއާއި އީސީގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ބިލު ފޮނުވައިފައެވެ.
ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ބިލާއި، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް އީސީގެ ގާނޫނަށް ހުށަހަޅަން ހަމަޖެހިފައިވާ އިސްލާުހު ހުށަހަޅާ ބޭނުމެއްގެ ގޮތުގައި އެ ދެ ބިލުގައި ބަޔާންކޮށްފައިވަނީ، މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުުން ހަރުދަނާކޮށް، ކޮމިޝަންތަކަށް އައްޔަންކުރާ މެންބަރުންގެ ތެރެއިން އެ ކޮމިޝަންތަކުގެ ރައީސާއި ނާއިބު ރައީސްގެ މަގާމަށް މެންބަރުން އައްޔަންކުރުުމުގައި، އަމަލުކުރަމުން އަންނަ އުސޫލު އެއްހަމަކުރުމެވެ.
ގާނޫނުުގެ ހަތްވަނަ މާއްދާގައި މިހާރު އޮންނަނީ، އެ ދެ ކޮމިޝަނަށް ވެސް ރައީސަކާއި ނާއިބު ރައީސަކު އައްޔަންކުރާނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން، އެ ކޮމިޝަންގެ މެންބަރުން ކަމަށެވެ. އަދި އެ މަގާމަށް އައްޔަންކުރާތާ 48 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް، އެކަން ކޮމިޝަނުން އަންގަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އީސީއާއި އޭސީސީއަށް ވެރިން އައްޔަންކޮށް ވަކިކުރުމުގެ ބާރު ގާނޫނުން އެ ކޮމިޝަންތަކަށް ދޫކޮށްލާފައި އޮތީ ގާނޫނުއަސާސީގެ 167 ވަނަ މާއްދާއާއި، 199 ވަނަ މާއްދާގައި، އެ ކޮމިޝަންތަކަކީ މިނިވަން މުސްތަގިއްލު ކޮމިޝަންތަކަކަށް ވާންޖެހޭނޭ ކަމަށް ކަނޑައަޅާފައި އޮތުމުގެ ސަބަބުން ކަމަށެވެ. އެއާ ހިލާފަށް އެ ދެ ކޮމިޝަންގެ އިދާރީ ހިންގުމުގެ ހުރިހާ ޒިންމާއެއް އުފުލާ މީހުންނަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ބަޔަކަށް ހެދުމަކީ ވެރިކަން ހިންގާ ބާރުގެ ސީދާ ނުފޫޒު އެ ކޮމިޝަންތަކުގެ މައްޗަށް ފޯރުވުން ކަމަށް އެމްޑީޕީން ބުންޏެވެ.
އެއީ ޑިމޮކްރެސީގައި ދިވެހިން ކުރާ ދަތުރުގައި، އެތައް ބައެއްގެ މިންނެތް މަސައްކަތުން އެކަށައެޅި ނިޒާމުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް އެމްޑީޕީން ބުންޏެވެ.
"އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް ގެނައުމަށް އެ ކޮމިޝަންތަކުގެ ރައީސް އާއި ނައިބު ރައީސުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ، ގާނޫނުއަސާސީން އެކަށައަޅާފައިވާ ފާރަވެރިވުމުގެ ނިޒާމު ފުނޑާލައި، ބާރުތައް އެއްކޮށްލުމުގެ ސިލްސިލާގެ ތެރެއަށް އިތުރުވާ ބޮޅެކެވެ. މިކަން މިޕާޓީއިން ކުށްވެރިކުރަމެވެ." އެމްޑީޕީން ބުންޏެވެ.
އަދި ބުނީ އީސީއާއި އޭސީސީގެ އަސާސީ ސިފަތަކުގެ ތެރެއިގައި ކޮޅަކަށް ނުޖެހި މިނިވަންކަމާ އެކު މަސައްކަތް ކުރުން ހިމެނޭ ކަމަށެވެ. ނަމަވެސް ގާނޫނުއަސާސީން ކަނޑައަޅައިދީފައިވާ މިނިވަންކަމާއި މުސްތަގިއްލުކަމުގެ ސިފަ އެ ދެ ކޮމިޝަނުން ކަނޑުވާލައި ކޮމިޝަންތަކުގެ މަސައްކަތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ނުފޫޒު ފޯރުވަމުން ކަމަށް އެމްޑީޕީން ބުންޏެވެ.
"އީސީ އާއި އޭސީސީގެ ރައީސް އާއި ނައިބު ރައީސުންނަކީ ވެސް މި ކޮމިޝަންތައް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރަން ޖެހޭ ބޭފުޅުންނެވެ. ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުން އެ މަގާމުތަކަށް ބޭފުޅުން އައްޔަނު ކުރެވޭ ގޮތަށް އޮތް މާއްދާތައް ބަދަލުކުރަނީ ސަރުކާރުން މި ކޮމިޝަންތަކުގެ މިނިވަންކަމާއި މުސްތަގިއްލުކަން ނަގާލައި ސިޔާސީ ނުފޫޒު ފޯރުވުމަށެވެ." އެމްޑީޕީން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރުގެ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މުޅި ދައުލަތުގެ ހުރިހާ ބާރަކަށް ނުފޫޒު ފޯރުވޭ ގޮތަށް ރައީސް އޮފީހަށް ހުރިހާ ބާރެއް ޖަމާކުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ގޮވައިލާ ކަމަށް އެމްޑީޕީން ބުންޏެވެ.
އަދި ރައްޔިތުން، ގާނޫނުއަސާސީގައި އެކަށައެޅި ފާރަވެރިވުމުގެ ނިޒާމު ހިމާޔަތްކޮށް އެގޮތުގައި ދެމެހެއްޓުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރުމުގައި އެމްޑީޕީން ފަސްނުޖެހޭނެ ކަމަށް އެ ޕާޓީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު