ޕީއެންސީން ފައިސާ ދީގެން ވަގަށް ފޯމު ފުރަން ނުޖެހޭނެ ކަމަށާއި އެއީ ތާއީދު ނެތް ޕާޓީތަކުން ކުރާ ކަމެއް ކަމަށް، އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މެންބާޝިޕް ފޯމުތައް ހަވާލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް އެހެން ވިދާޅުވެފައިވަނީ، އެ ޕާޓީއަށް ފޯމު ފުރުމާ ގުޅުވައިގެން އިދިކޮޅު އެމްޑީޕީން ތުހުމަތުތަކެއް ކުރުމުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީގެ ލީޑާޝިޕްގައި ތިއްބެވީ ޑީއާރުޕީ އާއި ޕީއޭ އަދި ޕީޕީއެމް ވެސް ހެއްދެވި ބޭފުޅުން ކަމަށާއި އެހެންވީމާ ޕީއެންސީގައި މިވަގުތު ތިބީ ރާއްޖޭގައި ޕާޓީ ހަދަން އެންމެ ފަރިތަ ބޭފުޅުން ކަމަށެވެ. އަދި އެކަމުގައި ހުރި ބުރަކަން ވެސް އެނގޭނެ ކަމަށް ވިދާޅުވިއެވެ.
"ޕީއެންސީއަކަށް ނުޖެހޭނެ ވަގަށް ފޯމު ފުރާކަށް، ފައިސާ ދީގެން ފޯމު ފުރާކަށް، ސޮއި ފޯޖުކޮށްގެން ފޯމު ފުރާކަށެއް. އެއީ ތާއީދު ނޯންނަ މީހުން ކުރާ ކަމެއް. ރައްޔިތުން ބަލައިނުގަންނަ ސިޔާސީ ލީޑަރުން ޕާޓީ ހެދީމަ، އެ ޕާޓީތަކުން އެކަހަލަ ކަންތައްތައް ކުރާނީ. އެކަމަކު ރައްޔިތުންގެ ތާއީދާއި ރައްޔިތުންގެ ލޯތްބާއި ރައްޔިތުންގެ އިހުތިރާމު އޮންނަ ވެރިންގެ ޕާޓީތަކަށް މެންބަރުން ވައްދާކަށް އެގޮތަށް އެކަން ކުރާކަށް ނުޖެހޭނެ،" އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ކޮންމެ ރެޔަކު 100 އެއްހާ ފޯމާ ހަވާލުވާ ކަމަށާއި އެއީ މަޖުބޫރުކޮށްގެން ފުރުވާ ފޯމުތަކެއް ނޫން ކަމަށެވެ. އަދި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުން ފޯމު ފުރުވާ ވާހަކަތައް ވެސް އޭނާ ރައްދުދެއްވިއެވެ.
"މިއީ އަޅުގަނޑު ދަންނަވައިފިން ޕީއެންސީގެ ސަރުކާރެކޭ. މި ސަރުކާރުގައި ވަޒީރުކަމުގައި ތިއްބަވާނީ ޕީއެންސީގެ މެންބަރުން، އެމްޑީން ކަމުގައި ތިބޭނީ ޕީއެންސީގެ މެންބަރުން. ޕީއެންސީ ބޮޑުކުރުމަކީ އެބޭފުޅުންގެ ޒިންމާއެއް. އެއީ އެބޭފުޅުން އެ މަގާމަށް ވަޑައިގަންނަވަނީ ޕާޓީގެ ފަރާތުން. އެހެންވީމާ އެބޭފުޅުންގެ ޕާޓީ، އެބޭފުޅުން ބޮޑުކުރަން މަސައްކަތްކުރުމަކީ އެއީ ދުނިޔޭގެ އެއްވެސް ތަނެއްގައި މަލްޓިޕާޓީ ޑިމޮކްރަސީއެއްގައި ހުރަހެއް އޮންނާނެ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި އިރު، ޕީއެންސީގައި ތިބި މެންބަރުންގެ އަދަަދަކީ 3،022 ކަމަށާއި ނަމަވެސް ވެރިކަމަށް އެއް އަހަރު ނުވަނީސް މިހާރު އެ ޕާޓީއަކީ އެންމެ މެންބަރުން ގިނަ ޕާޓީ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު