ރާއްޖޭގެ ލީގު މެދުކެނޑިފައި އޮތުމުން، ވާދަވެރި މެޗުތަކެއް ނުކުޅެ ގިނަ ކުޅުންތެރިންތަކެއް ތިބުމުގެ އަސަރު ރޭގެ މެޗުން ފެނުނު ކަމަށާއި، ކުޅުންތެރިން ކުރި ބުރަ މަސައްކަތް ފާހަގަކުރާ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު ޑްރަގަން ޑުކަނޯވިޗް ބުނެފިއެވެ.
އޭއެފްސީން މުޅިން އަލަށް ތައާރަފުކޮށް ފަށާފައިވާ އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ މާޒިޔާ ރޭ ތުރުކެމެނިސްތާންގެ ޗެމްޕިއަން އަރްކަޑާގް އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އަރްކަޑާގުން ދެ ގޯލުވެސް ޖެހީ ދެވަނަ ހާފަށް ނުކުމެއެވެ. އެއީ މާޒިޔާ ފުރަތަމަ ހާފުގައި ގޯލެއް ޖަހާފައި އޮއްވައެވެ.
"ފުރަތަމަ ހާފުގައި އަހަރެމެން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ. ފުރަތަމަ ހާފުގައި އަހަރެމެން މާ ބޮޑަށްވެސް ރަނގަޅު ޓީމެއްގެ ގޮތުގައި ފެނުނީ. ދެވަނަ ހާފުގައި އަހަރެމެން އަތުން މެޗު ދިޔަ. ފިޒިކަލީވެސް އަހަރެމެން ދަށްކޮށް ފެނުނީ. އެއީ ކުރިންވެސް ބުނިހެން މީގެ ތެރެއިން ގިނަ ކުޅުންތެރިން މި ނުކުތީ ވާދަވެރި ލީގު މެޗެއް ނުކުޅެ ގިނަ ދުވަސްތަކެއް ކޮށްފައި. އެއީ ގާތްގަނޑަކަށް ޑިސެމްބަރުން ފެށިގެން،" ރޭގެ މެޗަށްފަހު ކޯޗު ޑުކަނޯވިޗް ބުންޏެވެ.
ޗެލެންޖް ލީގުގައި ޓީމުތައް ވާދަކުރާނީ ދެ ފަޅިއަކުންނެވެ. އެއީ ވެސްޓް ރީޖަން އާއި އީސްޓް ރީޖަންއިންނެވެ. ވެސްޓް ރީޖަންގައި މާޒިޔާ ހިމެނޭ އިރު، އެ ރީޖަންގައި ތިން ގްރޫޕެއް ހިމެނެއެވެ. ދެ ރީޖަންގެ މެޗުތައް ވެސް ސެންޓްރަލައިޒްކޮށް ހޯސްޓް ކުރަން އޭއެފްސީން ނިންމާފައިވާ އިރު، މާޒިޔާ ހިމެނޭ ގްރޫޕް ބީގެ މެޗުތައް ހޯސްޓް ކުރަނީ ކުވައިތުގައެވެ. އެއީ ކުވައިތުގެ އަލް އަރަބީގެ ކުވައިތު ސިޓީ ސްޓޭޑިއަމްގައެވެ.
އެ ގްރޫޕްގައި އަރަބީއާއި މާޒިޔާގެ އިތުރުން ދެން ހިމެނެނީ ކިރިގިސްތާނުގެ ޗެމްޕިއަން އަބްދީޝް-އާޓާ ކާންޓާއި ތުރުކެމެނިސްތާންގެ ޗެމްޕިއަން އަރްކަޑާގެވެ.
ކުރިންވެސް އޭޝިއާގެ ޓީމުތަކާއެކު މަސައްކަތް ކޮށްފައިވާ ކޯޗު ޑުކަނޯވިޗް އިތުރަށް ބުނީ މެޗުގައި މާޒިޔާއަށް ފުރުސަތުތައް ގެއްލުނު ކަމަށާއި، ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރާ ކަމަށެވެ.
"އަހަރެމެން ބެލިން މުޅި މެޗުގައި އެއްވަރެއްގައި ހިފެހެއްޓޭތޯ. އަހަރެން ހިތްހަމަ ޖެހޭ ކުޅުންތެރިން ކުރި މަސައްކަތަށް. އަހަރެމެން މިއަދު ކުޅުނީ ގާތްގަނޑަކަށް ފިފްޓީ ފިފްޓީ މެޗެއް. އެއީ އަހަރެމެންނަށް ނަސީބު ނެތް ތަންކޮޅުވެސް ފެނުނު. ފުރަތަމަ ހާފުގައި އިތުރު ގޯލެއް ޖެހުނު ނަމަ، އަހަރެމެންނަށް ގޭމް ލިބުނީސް. އެކަމަކު އެ ފުރުސަތުގެ ބޭނުން ނުހިފުނު. ކުޅުންތެރިން ކުރި ބުރަ މަސައްކަތް ފާހަގަކުރަން ބޭނުންވޭ. އެ މަސައްކަތާ މެދު ހިތްހަމަ ޖެހޭ. ދެން ވިސްނާނީ ދެން އޮތް މެޗުތަކަށް،" ޑުކަނޯވިޗް ބުންޏެވެ.
މާޒިޔާއިން ދެން އެ ގްރޫޕުގައި ކުޅޭ ދެވަނަ މެޗުގައި ނުކުންނާނީ ކުވައިތުގެ އަރާބީއާ ދެކޮޅަށެވެ. އެއީ މިމަހުގެ 29 ވަނަ ދުވަހުއެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު