އާސެނަލްގެ މުހިއްމު ކުޅުންތެރިންތަކަކަށް އަނިޔާވި ނަމަވެސް، އެޓީމުން އެކަމާ ހިތާމަކޮށް، "ކަރުކަނޑާލައިގެން" ތިބެން ބޭނުން ނުވާ ކަމަށް ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.
އާސެނަލުން މިދިޔަ ދެ ސީޒަނުގައި ލީގަށް ވާދަކޮށް، ނިންމާލީ ތާވަލުގެ ދެވަނައިގައެވެ. އެ ބަދުނަސީބަށް ނިމުން ގެންނަން މި ސީޒަނަށް ނުކުތް އާސެނަލަށް މިހާތަނަށް ސީޒަން ވެގެން ދަނީ އެންމެ ރަނގަޅު ސީޒަނަކަށް ނޫނެވެ. މިރޭ ލިވަޕޫލާ ދެކޮޅަށް އެޓީމުން ނުކުންނަން ޖެހެނީ މުހިއްމު ފަސް ވަރަކަށް ކުޅުންތެރިންނާ ނުލައެވެ.
އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑަށް އެންމެފަހުން ކުޅުނު ނުވަ މެޗުން ވެސް ގެއްލިފައިވާ އިރު، ނޯވާ މެޗުގައި ލިބުނު އަނިޔާއިން އަދިވެސް އޭނާ ރަނގަޅެއް ނުވެއެވެ. އަދި އިންގްލެންޑުން ގްރީސްއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވި ބުކަޔޯ ސަކާވެސް އަދި ފިޓް ނުވާ ކަމަށް އާޓެޓާ ބުނެފައިވާ އިރު، އާސެނަލަށް އަލަށް ގެނައި ޑިފެންޑަރު ރިކާޑޯ ކަލަފިއޯރީވެސް މިވަގުތު ހުރީ ކަކުލުގެ އަނިޔާއެއްގައެވެ.
އޭގެ އިތުރުން ޖޫރިއެން ޓިމްބާވެސް އަދި ރިކަވާ ވެފައި ނުވާ އިރު، ރަތް ކާޑުގެ ސަބަބުން ވިލިއަމް ސަލީބާއަށްވެސް ލިވަޕޫލާ ދެކޮޅަށް ނުކުޅެވޭނެއެވެ.
"މިއީ ފުޓުބޯޅައަކީ. އަހަރެމެންވެސް ބޭނުމެއް ނޫން މި ހާލަތުގައި ޓީމު އޮންނާކަށް. އެކަމަކު މިހާރު އޮތް ސްކޮޑު އޮތްކަން އެއީ ނަސީބެއް. އަހަރެމެންގެ މިހާރު އޮތް ސްކޮޑުގެ އެޓިޓިއުޑް ވަރަށް ރަނގަޅުވާނެ. މެންޓާލިޓީ ރަނގަޅުވާނެ. އަހަރެމެން މިކަހަލަ ހާލަތްތަކުގައި ކަރުކަނޑާލައިގެން މާޔޫސްވާނީކީ ނޫން. މި ހާލަތާ ކުރިމަތިލާނީ،" އާޓެޓާ ބުންޏެވެ.
އާޓެޓާ ބުނީ އާސެނަލަކީ ކޮންމެ ހާލަތެއްގައޮ އޮތަސް މިހާރު އިދިކޮޅު ޓީމުތަކަށް އުނދަގުވާނެ ޓީމެއް ކަމަށާއި، އެ ތަފާތު އަންނަނީ މެންޓާލިޓީން ކަމަށެވެ.
އާސެނަލް
އާސެނަލް
އާސެނަލް
އާސެނަލް