އާސެނަލަކީ ޕްރިމިއާ ލީގުގެ ތަށްޓަށް ވާދަކުރާ ޓީމެއް ކަމަށާއި، ލީގަށް ވާދަކުރާ ކަމަށްވާނަމަ އާސެނަލް އަތުން ޕޮއިންޓެއް ހޯދުން މުހިއްމުވާނެ ކަމަށް ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ބުނެފިއެވެ.

މިދިޔަ ދެ ސީޒަނުގައިވެސް ޕްރިމިއާ ލީގުގެ ދެވަނައިގައި ނިންމާލީ އާސެނަލުންނެވެ. އެއީ ވަރުގަދަ މެންޗެސްޓާ ސިޓީއާ ރަނގަޅު ވާދައެއް ކޮށްގެންނެވެ. ސީޒަނުގެ ބޮޑު ބައެއްގައި އާސެނަލުން ތާވަލުގެ އެއްވަނައިގައި ލީޑު ކުރަމުން ދާ ނަމަވެސް، އެޓީމު އަތުން ލީގު ގެއްލިގެން ދަނީ ފަހު ވަގުތުގައެވެ. އެ ބަދުނަސީބަށް ނިމުން ގެންނަން މި ސީޒަނަށް އާސެނަލް ނުކުތީ ރަނގަޅު ޓްރާންސްފާތަކަކާވެސް އެކުގައެވެ.

އެޓީމުން ލީގަށް ކުރާ މަސައްކަތުގައި މިރޭ ލިވަޕޫލާ ދެކޮޅަށް ނުކުންނަ އިރު، އާކޯޗު ސްލޮޓާއެކު ލިވަޕޫލުންވެސް ދަނީ ލީގުގައި ތަފާތު ދައްކަމުންނެވެ. މިރޭ އާސެނަލް ބަލިކޮށް ލިވަޕޫލަށް އެއްވަނައަށް އެރުމަށް ފުރުސަތު އޮތް އިރު، ތިންވަނައަށް ޖެހިލައި، ލީގު ރޭހުގައި ދެމިއޮތުމަށް އާސެނަލަށްވެސް މިރޭގެ މެޗު މުހިއްމެވެ.

"މިހާ ކުރީކޮޅުގައި ލީގަށް ވާދަކުރާ ޓީމުތައް ބުނަން އުނދަގޫވާނެ. އެހެންވިޔަސް، މިހާރުން ފެށިގެންވެސް އެނގޭ އާސެނަލަކީ ލީގަށް ވާދަކުރާނެ ޓީމެއްކަން. އާސެނަލަކީ ލީގަށް އެންމެ ވަރުގަދައަށް ވާދަކުރާނެ އެއް ޓީމު. އެހެންވީމަ، އެޓީމު ކައިރިން ޕޮއިންޓެއް ނުލިބިއްޖެނަމަ އެއީ ގެއްލުމަކަށް ވާނެ. އާސެނަލް ކައިރިން މަދުވެގެން ޕޮއިންޓެއް ހޯދަން ޖެހޭ،" މިރޭ އާސެނަލާ ދެކޮޅަށް ނުކުންނަ މެޗާ ގުޅިގެން ސްލޮޓް ބުންޏެވެ.

ކޯޗު ސްލޮޓް އިތުރަށް ބުނީ އާސެނަލާއި ސިޓީ ކަހަލަ ޓީމުތަކާ ދެކޮޅަށް އަވޭގައި ކުޅުމަށް އުނދަގޫވާނެ ނަމަވެސް، ޖެހިލުން ނުވެ އާސެނަލާ ކުރިމަތިލާނެ ކަމަށެވެ.

މިރޭގެ މެޗަށް ނުކުންނައިރު، ލިވަޕޫލަށްވެސް އޮތީ އަނިޔާގެ މައްސަލަތައް ބޮޑުވެފައެވެ. ޑިއޭގޯ ޖޮޓާއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް މެޗު ގެއްލޭނެކަން ޔަގީންވެފައިވާ އިރު، އަދި ކީޕަރު އެލިސަން ބެކާ ފިޓެއް ނޫނެވެ. އޭގެ އިތުރުން އަލަށް ގެންދިޔަ ފެޑެރީކޯ ޗިއޭސާއާއި ފަހަތަށް ކުޅޭ ކޯނޯ ބްރެޑްލީއަށްވެސް މިރޭގެ މެޗު އަނިޔާގެ ސަބަބުން ގެއްލޭނެއެވެ.