އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީން ރޭ ކުޅުނު މެޗުގައި ސައުތުހެމްޓަން ބަލިކޮށްފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ސިޓީން ސައުތުހެމްޓަން ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ޗެމްޕިއަން ސިޓީން އެއްވަނައަށް ޖެހިލީ ނުވަ މެޗުން 23 ޕޮއިންޓާއެކުގައެވެ. ލިވަޕޫލުން މިވަގުތު ދެވަނައިގައި، އަށް މެޗުން 21 ޕޮއިންޓާއެކު އޮތް އިރު، އެޓީމުން މިރޭ ކުޅޭ މެޗުގައި އާސެނަލް ބަލިކޮށް، އެއްވަނައަށް ޖެހިލަން ފުރުސަތު އެބައޮތެވެ. މިވަގުތު އެސްޓަން ވިލާ ތިންވަނައިގައި އޮތީ ނުވަ މެޗުން 18 ޕޮއިންޓާއެކުގައެވެ. އާސެނަލް ހަތަރު ވަނައިގައި އަށް މެޗުން 17 ޕޮއިންޓާއެކު އޮތް އިރު، ލިވަޕޫލް ބަލިކޮށްގެން އެޓީމަށް ތިންވަނައަށް ޖެހިލުމަށް ފުރުސަތު އެބައޮތެވެ.

އެންމެފަހުން ސިޓީން ލީގުގައި ކުޅުނު ތިން މެޗުގައިވެސް ހާލަންޑަށް ގޯލެއް ޖެހިފައިނުވާ އިރު، އެއީ އޭނާގެ ފެންވަރުގައި ދަށް ރޭޓެއް ކަމަށް ގިނަ މީޑިއާތަކުން ވަނީ ސިފަކޮށްފައެވެ. ޕްރިމިއާ ލީގަށް ނުކުތްފަހުން ހާލަންޑްގެ ގޯލު ޖެހުމުގެ ރޭޓް އާދަޔާހިލާފަށް މަތިކޮށް ފެނިގެން ގޮސްފައިވާ އިރު، ރޭގެ މެޗުގެ ފަސްވަނަ މިނެޓުގައި ސައުތުހެމްޓަން ކޮޅަށް ހާލަންޑް ގޯލު ޖެހިއެވެ.

އެއީ މަތެއަސް ނުނޭޒްގެ ހުރަހަކުންނެވެ. ހާލަންޑް މި ސީޒަނުގެ ލީގުގައި ޖެހި 11 ވަނަ ގޯލާއެކު ސިޓީން ރަނގަޅަށް ފެށުމާއެކު، ތަފާތު ބޮޑު ނަތީޖާއަކަށް އުންމީދު ކުރެވުނު ނަމަވެސް، ސައުތުހެމްޓަން ވަނީ ސިޓީ ހިފަހައްޓާލަން ރަނގަޅު މަސައްކަތްތަކެއް ކޮށްފައެވެ. އެހެން ނަމަވެސް، އެޓީމަށް އަނެއްކާވެސް ތިން ޕޮއިންޓް ގެއްލި، މިވަގުތު އޮތީ ހާސްކަމުގައެވެ.

ސިޓީން މެޗުގައި އިތުރު ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، ދެވަނަ ގޯލެއް އެޓީމުގެ ފަރާތުން ފެނިގެން ނުދިޔައެވެ. ދެވަނަ ހާފުގެ ކުރީކޮޅިގައި ސަވީނިއޯގެ ހުރަހަކުން ހާލަންޑް ފޮނުވާލި ބޯޅަ ބޭރަށް ދިޔަ އިރު، ފިލް ފޮޑެންއަށް ލިބުނު ހުސް ފުރުސަތު އޭނާވެސް ނަގާލިއެވެ.

ސިޓީން އެންމެފަހުން ލީގުގައި ކުޅުނު 32 ހޯމް މެޗުންވެސް އެޓީމު ބަލިވެފައެއް ނުވެއެވެ. މިއަހަރު ނިމެންދެން ބަލިނުވެ ހިފަހައްޓާލައިފިނަމަ، ސިޓީއަށް ލީގުގައި ބަލިނުވެ އަހަރެއް ހަމަކުރުމުގެ ފުރުސަތު އެބައޮތެވެ.