ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑުގައި ދުއްވި ސްޕޯޓްސް ކާރަކުން ޖެހި ޒުވާނަކު މަރުވި މައްސަލައިގައި އެ ކާރު ދުއްވި މީހާއަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ސ. ހިތަދޫ، ވައިލެޓްފެހި، މުހައްމަދު ވިސާމް ސިދުގީގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހުގައި މިދިޔަ ހޮނިހިރު ދުވަހު އެދިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓު ހިނގީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ ދަންވަރުއެވެ.

އެ މައްސަލައިގައި އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

އެ ހާދިސާގައި މަރުވީ، ސްޕޯޓްސް ކާރުން ޖެހުނު ސައިކަލު ދުއްވަން އިން އުމުރުން 23 އަހަރުގެ ޒުވާނެއް ކަމަށްވާ ހަސަން ސަމާހު އެވެ. އޭނާއަކީ ކަރެކްޝަންސްގެ އޮފިސަރެކެވެ.

ސަމާހު މަރުވީ، ލިބުނި އަނިޔާތަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ހަމަ އެރޭގެ ވަގުތެއްގައެވެ.