ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި 5-1 އިން ސެވިއްޔާ ބަލިކޮށްފިއެވެ.

ބާސާއިން ރޭ އަމިއްލަ ދަނޑުގައި ސެވިއްޔާ ކައިރިން ހޯދި ތިން ޕޮއިންޓާ އެކު، އެޓީމު އެއްވަނައިގައި އޮތީ 10 މެޗުން 27 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން އޮތީ 10 މެޗުން 24 ޕޮއިންޓާ އެކުގައެވެ. ރޭ ކުޅުނު މެޗުން މޮޅުވެ، އެތުލެޓިކޯ މެޑްރިޑްވެސް ފޯމު ދަމަހައްޓާފައިވާ އިރު، އެޓީމު ތިންވަނައިގައި އޮތީ 10 މެޗުން 20 ޕޮއިންޓާ އެކުގައެވެ.

ރޭގެ މެޗުގައި ބާސާއިން ޖެހި ފަސް ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ރަނގަޅު ފޯމެއްގައި ހުރި ޕޮލެންޑްގެ ފޯވަޑް، ރޮބާޓް ލެވަންޑޯސްކީއެވެ. އުމުރުން 36 އަހަރުގެ ފޯވަޑް ވަނީ މިހާތަނަށް މި ސީޒަނުގައި ކުޅުނު 12 މެޗުގައި 14 ގޯލު ޖަހައިފައެވެ. އަދި އެންމެފަހުން ކުޅުނު ހަ މެޗުގައި ވެސް ލެވަންޑޯސްކީ ވަނީ 10 ގޯލު ޖަހައިފައެވެ.

މިހާތަނަށް ލީގުގައި ކުޅުނު 10 މެޗުން ނުވަ މެޗުން މޮޅުވެފައިވާ ބާސާއިން ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނު އިރުވެސް އޮތީ ތިން ގޯލުގެ ލީޑެއްގައެވެ. އެއީ ލެވަންޑޯސްކީ ޖެހި ދެ ގޯލުގެ އިތުރުން ޕެޑްރީ ޖެހި ހިތްގައިމު ގޯލަކާއެކުގައެވެ.

ދެވަނަ ހާފުގައި ބާސާއިން ޖެހި އަނެއް ދެ ގޯލު ވެސް ކާމިޔާބު ކުރީ ޕަބްލޯ ޓޮރެސްއެވެ.

ގޯލެއް ނުފެނުނު ކަމުގައިވީ ނަމަވެސް، ރޭގެ މެޗުގައި ވެސް ބާސާގެ ލަމީން ޔަމާލާއި ރަފީނިއާގެ މޮޅު ކުޅުން ވެސް ފާހަގަވެގެން ގޮސްފައިވެއެވެ. އަނިޔާއިން ރަނގަޅުވެ ގަވީ ވެސް ރޭގެ މެޗުގައި ކުޅެފައިވެއެވެ. އެއީ ބާސާއަށް ސީޒަނުގައި ލިބުނު އިތުރު ހިތްވަރަކަށްވާނެއެވެ.