ތިލަފުށީގެ ވިޔަފާރި ބަނދަރުގައި އިމާރާތްކުރަން ހަމަޖައްސާފައިވާ ވަގުތީ މިސްކިތުގެ ބިންގާ އަޅައިފިއެވެ.

އެ މިސްކިތުގެ ބިންގާ އެޅީ، އެމްޕީއެލްއިން އިއްޔެ ތިލަފުށީގައި ކުރިޔަށް ގެންދިޔަ އެއް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށްފަހުއެވެ.

އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އެމްޕީއެލްގެ ސީއީއޯ މުހަމަދު ވަޖީހު އަދި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމްއެވެ.

އެ ރަސްމިއްޔާތުގައި ވަޖީހް ވިދާޅުވީ ވަގުތީ މިސްކިތަކީ ބަނދަރު ހެދުމުގެ މަސައްކަތް ފަށާ އިރު، އެ ތަނުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނަމާދު ކުރުމުގެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ ގޮތުން އެމްޕީއެލުން އިމާރާތްކުރާ މިސްކިތެއް ކަމަށެވެ.

އެމްޕީއެލް މީޑިއާއިން މިއަދު "ވަން"އަށް ބުނީ ވަގުތީ މިސްކިތުގެ ބޮޑުމިނާއި އެ މިސްކިތް އިމާރާތް ކުރަން ދާނެ ހަރަދާއި އެމިސްކިތުގައި ނަމާދު ކުރެވޭނީ ކިހާ އަދަދެއްގެ މީހުންނަށްކަން އަދި ފައިނަލް ނުވާ ކަމަށެވެ. އަދި އެ މިސްކިތް އިމާރާތް ކުރަނީ ތިލަފުށި ވިޔަފާރި ބަންދަރުގެ ކޮން ސަރަހައްދެއްގައިކަން ވެސް ހަމަޖެހިފައި ނުވާ ކަމަށެވެ.