ޖަރުމަނު ލީގުގައި ބަޔާން މިއުނިކުން ރޭ ކުޅުނު މެޗުގައި ސްޓަޓްގާޓް ބަލިކޮށްފިއެވެ.
ބަޔާނުން އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ބަޔާންގެ އިންގްލެންޑް ފޯވަޑް، ހެރީ ކޭން ހެޓްރިކެއް ފުރިހަމަ ކޮށްފައިވާ އިރު، އެ ޓީމުން މިވަގުތު އެއްވަނައިގައި އޮތީ ހަތް މެޗުން 17 ޕޮއިންޓާ އެކުގައެވެ.
ބަޔާނާ އަލަށް ހަވާލުވި ކޯޗު، ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން މި ސީޒަނުގެ ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުން ބަޔާން ވަނީ ފަސް މެޗުން މޮޅުވެފައެވެ. އަދި މިހާތަނަށް ލީގުގައި ބަލިވެފައި ނުވާ އިރު، އެ ޓީމު އަތުގައި ފައިދާ 17 ގޯލު އެބައޮތެވެ. ދެވަނައިގައި އޮތް ލެއިޕްޒިގުން ވެސް ހަތް މެޗުން 17 ޕޮއިންޓް ހޯދާފައިވާ އިރު، ބަޔާނާ އޮތް ފަރަގަކީ ފައިދާ ގޯލުގެ ފަރަގެވެ. އެ ޓީމުގެ ފައިދާ ގޯލުގެ އަދަދަކީ ނުވައެކެވެ.
ބަޔާނަށް މެޗުގެ ފުރަތަމަ ހާފުވީ އުނދަގޫ ހާފަކަށެވެ. މެޗުގެ ކޮންޓްރޯލް އެ ޓީމު އަތުގައި އޮތް ނަމަވެސް ސްޓަޓްގާޓުން ފަހަތުގައި މަޑުކޮށްގެން ތިބުމުން ބަޔާނަށް ހަމަލާތައް އުފައްދަން އުނދަގޫވިއެވެ. އެ މާޔޫސްކަމުގައި ފުރަތަމަ ހާފު ނިންމާލި ބަޔާނުން، ދެވަނަ ހާފަށް އާ ވިސްނުމަކާ އެކު ނުކުމެ، 57 ވަނަ މިނެޓުގައި ގޯލު ހުޅުވާލިއެވެ.
ކޭން ދުރުން ފޮނުވާލި ހަމަލާއިން ޖެހި އެ ގޯލާއެކު މެޗުގެ އޮއެވަރު ބަދަލުވެ، އޭގެ ތިން މިނެޓް ފަހުން ކޭން ދެވަނަ ގޯލެއް ޖެހިއެވެ. އެއީ އޭރިއާ ތެރެއިން ޖައްސާލި ފްލިކަކުން ޑިފެންޑަރު ބީޓް ކޮށްލާފައި ކޭން ޖެހި ގޯލެކެވެ. މެޗުގެ 80 ވަނަ މިނެޓުގައި ކޭން ހެޓްރިކް ހެދީ ޖޯޝުއާ ކިމިކް ޖެހި ބޯޅައެއްގެ މިސްރާބު ބަދަލުވެގެން ދިޔަ ވަގުތު، އެ ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.
ބަޔާނަށް މެޗުގައި ހަތަރު ވަނަ ގޯލެއް ޖަހައިދިނީ ބަދަލަކަށް ނުކުތް ކިންގްސްލީ ކޯމަންއެވެ. ބަޔާނަށް ދެން އޮތް މެޗަކީ ޗެމްޕިއަންސް ލީގުގައި އެޓީމުން ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ ބާސާ ދަނޑުގައެވެ.
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ