އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން ކުޅުނު މެޗުގައި ބޯންމައުތު ކައިރިން ބަލިވި އިރު، މެންޗެސްޓާ ޔުނައިޓެޑުން ފަހަތުން އަރައި ބްރެންޓްފޯޑު ބަލިކޮށްފިއެވެ.

ރޭ އާސެނަލުން ރަށުން ބޭރުގައި ބޯންމައުތު އަތް ދަށުވީ 2-0 ގެ ނަތީޖާއަކުން ބަލިވެގެންނެވެ. އެއީ މިހާތަނަށް މި ސީޒަނުގެ ލީގުގައި އާސެނަލް ބަލިވި ފުރަތަމަ ފަހަރެވެ. މިދިޔަ ދެ ސީޒަނުގައި ވެސް ޗެމްޕިއަން މެންޗެސްޓާ ސިޓީއާ އެންމެ ގާތުން ލީގުގެ ދެވަނައިގައި ނިންމާލި އާސެނަލުން ރޭ ކުޅުނު މެޗުގެ ކުރިން ލީގުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެ، އަނެއް ދެ މެޗުން އެއްވަރު ކުރިއެވެ.

ރޭ ބޯންމައުތު ކައިރިން ވި ބައްޔާ އެކު އާސެނަލް މިވަގުތު ލީގު ތާވަލުގެ ތިންވަނައިގައި އޮތީ އަށް މެޗުން 17 ޕޮއިންޓާ އެކުގައެވެ. އެ ޓީމުގެ ކުރިން ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ހަތް މެޗުން 17 ޕޮއިންޓް ލިބިފައިވާ އިރު، އެއްވަނައިގައި ލިވަޕޫލް އޮތީ ހަތް މެޗުން 18 ޕޮއިންޓާ އެކުގައެވެ.

އިންޓަނޭޝަނަލް މެޗުތަކަށްފަހު ރޭ ކްލަބު ފުޓުބޯޅަ ފެށި އިރު، އާސެނަލަށް ފެށުން އުނދަގޫވީ ފުރަތަމަ ހާފު ތެރޭގައި އެ ޓީމުގެ އެންމެ މުހިއްމު ޑިފެންޑަރު، ފްރާންސްގެ ވިލިއަމް ސަލީބާއަށް ދެއްކި ރަތް ކާޑާ އެކުގައެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ލެއާންޑްރޯ ޓްރޮސާޑު އަތުން ގެއްލުނު ބޯޅައަކަށް ހުސްކޮށް އޮވެ އެވަނިލްސޮން ދުއްވައިގަތުމުން ކުރި ފައުލަކަށެވެ.

މި ސީޒަނުގެ މިހާތަނަށް ރަތް ކާޑުގެ އެހެން ބައެއް ހާލަތްތަކާ ވެސް ކުރިމަތިލާން ޖެހުނު އާސެނަލަށް މެޗުގެ ފަހު ހާފު ދިޔައީ ވަރަށް އުނދަގޫ ކޮށެވެ. ފުރަތަމަ ހާފުގައި ރަނގަޅަށް ޑިފެންސްކޮށް އެ ޓީމުން ބޯންމައުތު ހިފަހައްޓަމުން ދަނިކޮށް، މެޗު ނިމެން 20 މިނެޓަށް ވެފައި އޮއްވައި ރަޔަން ކްރިސްޓީ މެޗުގެ ފުރަތަމަ ގޯލު ޖެހިއެވެ.

އެ ގޯލަކީ ކޯނަރެއްގައި ޖަސްޓިން ކްލައިވާޓް ޖައްސާލި ބޯޅައަކުން ކްރިސްޓީ ޖެހި ގޯލެކެވެ. ބޯންމައުތުން މެޗުގެ ތިން ޕޮއިންޓް ޔަގީންކުރީ ލިބުނު ޕެނަލްޓީއެއްގައި ކްލައިވާޓް ޖެހި ގޯލުންނެވެ.

ޔުނައިޓެޑުން ޕްރެޝަރުގައި އޮވެ، ރޭ ކުޅުނު މެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް އެޓީމު ނުކުތީ އޭގެ ކުރިން ލީގުގައި ކުޅުނު ފަސް މެޗުގައި ވެސް މޮޅެއް ނުހޯދި އޮވެގެންނެވެ. އޭގެ ތެރެއިން އެއް މެޗުގައި ޔުނައިޓެޑުން ވަނީ ޓޮޓެންހަމް އަތުން 3-0 އިންވެސް ބަލިވެފައެވެ.

އެ ދަށް ނަތީޖާތަކާ އެކު ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގު ވަކިކުރަން އުޅޭ ކަމަށް ވާހަކަ ދެކެވިފައި އޮތް ނަމަވެސް، އިންޓަނޭޝަނަލް ބްރޭކަށްފަހު އޭނާ ވަނީ އެކަން ދޮގު ކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު، ޔުނައިޓެޑް އޮތީ އެއް ގޯލުގެ ފަރަގަކުން ފަހަތުގައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޔުނައިޓެޑް ކޮޅަށް ބްރެންޓްފޯޑުގެ ގޯލު ޖެހީ އީތަން ޕިނޮކެވެ. އެ ގޯލު ޕިނޮކް ޖެހިއިރު، ބޮލަށް ލިބުނު އަނިޔާއަކަށް ފަރުވާ ދޭން ޔުނައިޓެޑްގެ ޑިފެންޑަރު މެތިއަސް ޑެ ލިޓް ހުރީ ދަނޑު ބޭރުގައެވެ.

އެ ގޯލާއެކު ދެވަނަ ހާފަށް ނުކުތް އިރު، ޔުނައިޓެޑަށް އޮތީ ޕްރެޝަރު ބޮޑުވެފައެވެ. އެ ޕްރެޝަރުގައި އެޓީމުން ކުޅުން ރަނގަޅުކޮށް، އަލެހާންޑްރޯ ގާނާޗޯގެ ގޯލުން އެއްވަރު ކުރިއެވެ. އަދި މެޗުގެ 62 ވަނަ މިނެޓުގައި ސްޓްރައިކަރު ރަސްމުސް ހޮއިލުންޑްގެ ގޯލުން ޔުނައިޓެޑުން މެޗުގެ ނަތީޖާ އަނބުރާލިއެވެ.

އޭގެފަހުން ވެސް ޔުނައިޓެޑުން ރަނގަޅު ފުރުސަތުތައް އުފެއްދި ނަމަވެސް، އެޓީމަށް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.

ރޭގެ ނަތީޖާއާ އެކު ޔުނައިޓެޑް ތާވަލުގެ 11 ވަނައިގައި އޮތީ އަށް މެޗުން 11 ޕޮއިންޓާއެކުގައެވެ. ބްރެންޓްފޯޑު މިވަގުތު އޮތީ 13 ވަނައިގައެވެ. އެއީ 11 މެޗުން 10 ޕޮއިންޓާއެކުގައެވެ.