މަސްތުވާތަކެތީގެ ވިޔަފާރި ކުރިކަން ސާބިތުވެ ހަތަރު މީހަކު އުމުރު ދުވަހަށް ޖަލަށް ލުމަށާއި ބޮޑު އަދަދަކުން ޖޫރިމަނާކޮށް ހުކުމެއް ކޮށްފިއެވެ.

މިއީ 2021 ވަނަ އަހަރު ޑްރަގުގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މއ. ހަނީސްކްލް އާއި މ. ބުރެހިމާގެ އާއި ގ. ނީ އަދި މ. ރޭއަލިވާގޭގައި ހިންގާ ގެސްޓް ހައުސް ބަލައި ފާސް ކުރި އިރު، ޑައިމޯފިން އާއި ގިނަ އަދަދެއްގެ ފައިސާތަކެއް ފެނުނު މައްސަލައެކެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތާއި ހުޅުމާލެ ފްލެޓް ނިންބަރު 01-ޖީ-45 ހަސަން ރަޝީދާއި ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާއިލް ޝަރީފް އަދި މއ. ހަސްލަތު، ޝާނިޔާ އިބްރާހިމްއެވެ.

އެ ތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައި 54،46 ގްރާމްގެ ޑައިމޯފިން ފެނިފައިވެއެވެ. އަދި 1.5 މިލިއަން ރުފިޔާ ވެސް ވަނީ ފެނިފައެވެ.

މި މައްސަލައިގައި ކުރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެ ހަތަރު މީހުންނަށް ވެސް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާ ކަމަށެވެ. އަދި ހަތަރު މީހުންނަށް ވެސް އިއްވާފައިވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެވެ.

މީގެ އިތުރުން އެ ހަތަރު މީހުން ވެސް ވަނީ ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފައެވެ. އެގޮތުން ހަސަން ލޫތު ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ އިރު، ހަސަން ރަޝީދު ޖޫރިމަނާ ކޮށްފައިވަނީ އެއް މިލިއަން ރުފިޔާ އިންނެވެ. އަދި އިސްމާއީލް ޝަރީފާއި ޝާނިޔާ އިބްރާހިމް، ޖޫރިމަނާ ކޮށްފައިވަނީ ބައި ލައްކަ ރުފިޔާ އިންނެވެ.

މީގެ އިތުރުން މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 1،466،000 ރުފިޔާ އާއި 76،675 ރުފިޔާއަކީ ހަސަން ލޫތާއި ހަސަން ރަޝީދު ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށްވާތީ، އެ ފައިސާ ދައުލަތަށް ނެގުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން އެ މީހުން ޖަލުގައި ހޭދަކުރި މުއްދަތު ހުކުމުން އުނިކުރުމަށް ވެސް ހުކުމްކޮށްފައިވެއެވެ.