ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން، ރާއްޖޭގައ އޮތް އެންމެ ބޮޑު އެއް ކްލަބު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ހަވާލުވާން ތައްޔާރުވަމުން އަންނައިރު، އެ ކްލަބުގެ ކުރިމަގަށް ރަނގަޅު މަގު ޗާޓެއް އެކުލަވައިލުމަށް ޓީމާއެކު މަޝްވަރާތައް ކުރިއަށް ގެންދަވާން ފައްޓަވައިފި އެވެ.
"ވަން ސްޕޯޓްސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުބީންގެ ޓީމުގައި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް (ކައްޕި)ވެސް ހިމެނިވަޑައިގަންނަވައެވެ.
މުބީން "ވަން ސްޕޯޓްސް"އަށް ވިދާޅުވީ މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕްލޭނަކާއެކު ކުރިއަށް އޮތް ނިއުގެ ކޮންގްރެސްގައި ވާދަކުރައްވަން ކަމަށާއި، އޭނާ ކުރިމަތިލައްވަން ޝައުގުވެރިކަން ހުރީ ޗެއާމަންގެ މަގާމަށް ކަމަށެވެ. އޭނާގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރު އަބްދުﷲ ނާސިރު އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާނެ ކަމަށް މުބީން ވިދާޅުވެފައިވާ އިރު، އެމްޑީ މުޖުތަބާ އާއި މެންބަރު ކައްޕި ސީނިއާ ވައިސް ޗެއާމަންގެ މަގާމަށް ކުރިމަތިލައްވާނެ ކަމަށްވެސް މުބީން ވިދާޅުވިއެވެ.
ދަރިނީގެ މައްސަލަތަކެއްގެ ސަބަބުން ނިއުއަށް އެފްއޭއެމް އަދި ފީފާއިން އެޅި ފިޔަވަޅުތަކާއެކު އެ ކްލަބަށް ބޮޑެތި ދަތިތަކެއް ދިމާވެ، ދަށް ޑިވިޝަނަށް ސޮއްސާލައިގެން ގޮސް، މިވަގުތު އޮތީ ދެވަނަ ޑިވިޝަނުގައެވެ.
މުބީން ކުރިން "ވަން ސްޕޯޓްސް"އަށް ވިދާޅުވީ ނިއު ނަގައި ކޮޅަށް ޖެހުން އެއީ ފުޓުބޯޅައަށް ހިދުމަތެއް ކުރެއްވުމަށް އޭނާ ކުރައްވާން ބޭނުންވެވަޑައިގަންނަވާ ކަމެއް ކަމަށާއި، އެކަމަށް ފުރުސަތު ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މުބީންގެ ޓީމު އެކުވެ، ނިއުގެ ކުރިމަގަށް ހާއްސަ ޕްލޭނެއް އެކުލަވައިލަން މިހާރު ވަނީ މަޝްވަރާތައް ފަށާފައެވެ. އެ ޕްލޭނުގައި މުސްތަގުބަލުގައި ކްލަބު ދެމެހެއްޓެނިވި އާމްދަނީއެއްގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުން ހިމަނާފައިވާ ކަމަށްވެސް މުބީންގެ ޓީމުން މައުލޫމާތު ދީފައިވެއެވެ.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު