ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ހަތަރު ދިވެއްސަކާއި ތިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ހުޅުމާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގާ ތަނެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް، ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކުރީ ދިވެހި ތިން އަންހެނުންނާއި ދިވެހި ފިރިހެނަކާއި ތައިލެންޑު ތިން އަންހެނުން ކަމަށެވެ.

  • މުހައްމަދު ޝަފީއު - 49އ/ އދ. މަހިބަދޫ
  • ޝިއުނާ ހުސައިން - 36އ/ ށ. ފުނަދޫ
  • ފާތިމަތު ސިއުނާ - 42އ/ ށ. ފުނަދޫ
  • އާއިޝަތު އަބްދުއްރައްޒާގް - 55އ/ މާލެ
  • ޕަވީނާ ބުއްނަކް - 36އ/ ތައިލެންޑް
  • ވިލައިލަކް ތުންމުއަންގްޑޮން - 32އ/ ތައިލެންޑް
  • ތިދަރަޗު ޗުންކޮންގް - 29އ/ ތައިލެންޑް

އެ މައްސަލައާ ގުޅިގެން އެ ހަތް މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ތައިލެންޑު ތިން އަންހެނުން 10 ދުވަހަށް، ދިވެހި ތިން އަންހެނުން ހަތް ދުވަހަށް އަދި ފިރިހެން މީހާ ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން އެ މީހުން އަތުލައިގަނެފައިވާ އިރު، އިމިގްރޭޝަނުން މި އަހަރުގެ އޮގަސްޓް 11 ގައި ހިންގި ހާއްސަ އިންސްޕެކްޝަނެއްގައި ވެސް، ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީ ތިން އަންހެނުންނާއި އެ މީހުންގެ އެޖެންޓުގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ފިރިހެނަކު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް ވަނީ ޑީޕޯޓްކޮށްފައެވެ.

އެ މީހުންގެ ތެރެއިން އެއް އަންހެނަކު ޑީޕޯޓްކޮށްލީ އޮގަސްޓު މަހުގެ 12 ވަނަ ދުވަހުއެވެ. ބާކީ ތިބި ދެ އަންހެނުން އޮގަސްޓު މަހުގެ 19 ވަނަ ދުވަހު ޑީޕޯޓްކޮށްލި އިރު، އެ މީހުންގެ އެޖެންޓް ޑީޕޯޓްކޮށްލީ އޮގަސްޓް 25 ގައެވެ.