އިންގްލެންޑްގެ ކޯޗު ކަމަށް ޕެޕް ގާޑިއޯލާ ގެންދަން މަސައްކަތް ކުރަމުންދާ ކަމަށް ނޫސްތައް ބުނެފިއެވެ.
އިންގްލެންޑާ މިވަގުތު ހަވާލުވެ ހުރީ ލީ ކާސްލޭއެވެ. އެއީ ވަގުތީ ގޮތުން އެ މަގާމާ ހަވާލުވެ ހުރި ކޯޗެކެވެ. އިންގްލެންޑްގެ ކޯޗުކަމުގައި ކުރިން ހުރި ގެރެތު ސައުތުގޭޓް ގިނަ ދުވަސްތަކަކަށްފަހު އެ މަގާމު ދޫކޮށްލީ ޔޫރޯ 2024 އަށްފަހުއެވެ. އެ މުބާރާތުގެ ފައިނަލަށް އިންގްލެންޑް ދިޔަ ނަމަވެސް ބަލިވީ ސްޕެއިން އަތުންނެވެ. އެއީ އިންގްލެންޑުން ސައުތުގޭޓްގެ އިރުޝާދުގެ ދަށުން ޖެހިޖެހިގެން ކުޅުނު ދެވަނަ ޔޫރޯ ފައިނަލެވެ. އެ ދެ ފައިނަލުންވެސް އިންގްލެންޑް ވަނީ ބަލިވެފައެވެ.
އިންގްލެންޑްގެ ދާއިމީ ކޯޗަކަށް ނަން ހުށަހެޅުމަށް ދާދިފަހުން އެގައުމުގެ އެފްއޭއިން ވަނީ އާއްމުކޮށް ފުރުސަތު ހުޅުވައިލައިފައެވެ. އެހެންނަމަވެސް އެގައުމުގެ އެފްއޭއިން ދަނީ ވަރުގަދަ ބައެއް ކޯޗުންނާ މިހާރު މަޝްވަރާކުރަމުންނެވެ. އޭގެ ތެރޭގައި ކުރިން ޗެލްސީއާއި ބަޔާން މިއުނިކަށް ކޯޗުކަން ކޮށްދިން ތޯމަސް ޓުޗެލްއާއި ގާޑިއޯލާގެ ނަން ހިމެނެއެވެ.
ގާޑިއޯލާ މި ސީޒަނަށްފަހު ސިޓީ ދޫކޮށްލަން ގަސްދުކުރާ ކަމަށް ކުރިންވެސް ބުނެފައިވާ އިރު، އޭނާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ. އެއަށްފަހު ވިސްނާނެ ގޮތަކާ ގުޅޭގޮތުން އިޓަލީގެ ޓީވީ ޗެނަލަކުން ސުވާލުކުރުމުން ގާޑިއޯލާ ބުނީ މުސްތަގުބަލާ މެދު ގޮތެއް ނިންމާނީ އަދި ފަހުން ކަމަށެވެ. އަދި މިވަގުތު ބައެއް ހުށަހެޅުންތަކަށް ވިސްނަމުންދާ ކަމަށް ގާޑިއޯލާ ބުންޏެވެ.
އިނގިރޭސި ކޯޗުކަމާ ގުޅޭގޮތުން ގާޑިއޯލާ ބުނީ ގައުމީ ޓީމަށް އެންމެ ރަނގަޅު، އެކަށޭނެ ވަރުގަދަ ކޯޗެއް ހޯދަން މިވަގުތު މުހިއްމު ކަމަށެވެ. އަދި އޭނާއަކީ އެންމެ ރަނގަޅު ކޯޗުކަމަށްވާނަމަ އޭނާ ހޯދަންވެސް އެފްއޭއިން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ގިނަ ނޫސްތަކުން ބުނީ ގާޑިއޯލާ ދެއްކި ވާހަކައިން ދޭހަވީ އޭނާ އިންގްލެންޑް ކޯޗުކަމާ ހަވާލުވާން ޝައުގުވެރިވާކަން ކަމަށެވެ. އަދި މިވަގުތު އިންގްލެންޑުން ގާޑިއޯލާ ހޯދަން މަޝްވަރާ ފަށާފައިވާކަންވެސް ބޮޑެތި ނޫސްތަކުން ވަނީ ކަށަވަރު ކޮށްދީފައެވެ.
އިންގްލެންޑް
އިންގްލެންޑް
އިންގްލެންޑް