ރައްޔިތުންގެ މަޖިލީހުން ފާސްކުރަމުންދާ ބައެއް ގާނޫނުތަކާ ގުޅިގެން ލާމަރުކަޒީ ގާނޫނަށް ހުރަސް އެޅޭ ކަމަށްބުނެ، ލާމަރުކަޒީ ނިޒާމު ދެމެހެއްޓުމުގެ މަސައްކަތްކުރުމަށް އެމްޑީޕީގެ ކައުންސިލަރުން އިގުރާރުވެއްޖެއެވެ.

އެމްޑީޕީން އިއްޔެ ވަނީ ކުޅުދުއްފުށީ ސިޓީގައި "ލާމަރުކަޒީ ގުޅުން"ގެ ނަމުގައި ކައުންސިލަރުންގެ ކޮންފަރެންސެއް ބާއްވައި، ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ހުރަސް އަޅާ ކަމަށްބުނެ، ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އެމްޑީޕީގެ އިގުރާރަކީ ހއ. ހދ. އަދި ށ. އަތޮޅަށް ނިސްބަތްވާ އެމްޑީޕީގެ ކައުންސިލަރުން ވެފައިވާ އިގުރާރެކެވެ.

އެމްޑީޕީގެ ކައުންސިލަރުންގެ އެ އިގުރާރުގައި ބުނެފައިވަނީ، ފަހަކަށް އައިސް މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފާސްކުރަމުންދާ ބައެއް ގާނޫނުތަކުގެ ސަބަބުން ލާމަރުކަޒީ ގާނޫނަށް ހުރަސް އެޅި، ކައުންސިލުތަކާއި ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަނެ، އެ ގާނޫނު ފުރިހަމަ މާނައިގައި ތަންފީޒުކުރުމަށް ކައުންސިލުތަކަށް އުނދަގޫތަކެއް ކުރިމަތިވާ ކަމަށެވެ.

"އެފަދަ ގާނޫނުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރަމުންދަނީ ކައުންސިލުތަކާއި، ރާއްޖޭގެ ފަންނީ މާހިރުންނާއި، ކަމާ ގުޅުންހުރި ޖަމިއްޔާ ޖަމާއަތްތަކުން ހުށަހަޅާފައިވާ އެއްވެސް ކަންބޮޑުވުމަކާއި އިސްލާހަކަށް ބެލުމެއް ނެތި، ލާމަރުކަޒީ ނިޒާމަށް ނިކަމެތިކަން ލިބޭ ފަދަ ގޮތަކަށްކަން އަހުރެމެން ދެކޭ ހިނދު އެފަދަ ގާނޫނުތައް އިސްލާހުކުރުމަށް ގޮވާލާ ކައުންސިލުތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ކުރަމުންގެންދާ އެންމެހާ މަސައްކަތްތަކަށް ހިތްވަރުދީ އެފަދަ މަސައްކަތްތަކުގައި ބައިވެރިވެވެން އޮތް އެންމެ ފުޅާމިނެއްގައި އަހުރެމެން ބައިވެރިވެ، ލާމަރުކަޒީ ނިޒާމު ދެމެހެއްޓުމަށް އެއިރެއްގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުންމަތީ ދެމިތިބުމަށް އަހުރެމެން އިގުރާރުވަމެވެ..،" އެމްޑީޕީގެ ކައުންސިލަރުންގެ އިގުރާރުގައި ބުނެފައިވެއެވެ.

އެ އިގުރާރުގައި ބުނެފައިވަނީ، އެމްޑީޕީގެ ފުރިހަމަ މެޖޯރިޓީއާއެކު އިންތިހާބުވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ލާމަރުކަޒީ ގާނޫނަށް ގެނެވުނު ގިނަ އިސްލާހުތަކާއެކު ލާމަރުކަޒީ ނިޒާމު ހިންގުމަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށާއި ގާނޫނު ބައްޓަންކޮށްފައިވާނީ ކައުންސިލުތައް ރައްޔިތުންގެ ސީދާ ހިޔާލާއި މަޝްވަރާގެ މަތިން ރައްޔިތުންނާ އެންމެ ގާތުން ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

އެމްޑީޕީ ކައުންސިލަރުން އެގޮތަށް އިގުރާރުވެފައިވާ އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ހިޔާލު ހުށަހަޅުއްވައިފައެވެ. މިދިޔަ ޖުލައި މަހު ރައީސް ވިދާޅުވެފައިވަނީ 3،000 އަށްވުރެ މަދު އާބާދީތައް ހިމެނޭ ރަށްރަށުގައި ތިން ކައުންސިލަރުން ތިބުމުން ފުދޭނެ ކަމަށާއި އާބާދީ ކިތަންމެ ކުޑަ ރަށަކަށްވެސް ފަސް ކައުންސިލަރުން އިންތިހާބުކުރުމަކީ ހަރަދުބޮޑު ކަމެއް ކަމަށެވެ. އަދި ކައުންސިލަރުންގެ އަދަދު މަދުކޮށްގެންވެސް އެއަށްވުރެ މާ ފައިދާވާ ގޮތަށް ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

އެއީ މީގެ ކުރިން 2014 ވަނަ އަހަރު އަދި 2017 ވަނަ އަހަރު ވެސް ރަށްރަށަށް ކައުންސިލަރުން އިންތިހާބު ކުރި އަދަދެވެ. ފަސް ކައުންސިލަރުންނަށް އިތުރުކުރީ 2021 ވަނަ އަހަރުއެވެ.

ރައީސް ވިދާޅުވެފައިވަނީ، 3،000 އާއި 10،000 އާ ދޭތެރޭގެ އާބާދީތަކަށް ޖުމުލަ ފަސް ކައުންސިލަރުން އަދި ސިޓީތަކުގައި އެހެން ގޮތަށް ކައުންސިލަރުން އިންތިހާބު ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެ އަދަދު ކަނޑައަޅުއްވާނީ ކައުންސިލްތަކުގެ މިނިސްޓްރީއާއި ގައުމީ ޔުނިވާސިޓީގެ އިލްމީ ދިރާސާއަށް ފަހު އެ ދިރާސާއިން ފާހަގަވާ ކަންކަމުގެ އަލީގައި ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހު ކަމަށް ވިދާޅުވެފައިވެއެވެ.