މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މާލޭގެ ގޯއްޗަކުން ދައުލަތަށް ލިބިފައިވާ ބައެއް ވިއްކި މައްސަލައިގައި ހައުސިން މިނިސްޓްރީގެ ކުރީގެ ދެ އިސްވެރިއެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީން މިއަދު ބުނީ މި މައްސަލައަކީ 2018 ވަނަ ހިނގާފައިވާ މައްސަލައެއް ކަމަށާއި މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 30 ގައި ކަމަށެވެ. ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ހައުސިން މިނިސްޓްރީގެ ކުރީގެ ނައިބު ނާއިފު ޝައުކަތު، ހ. އަގޮސްޓާ، މާލެ އާއި އެ މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު ހަސަން ވަހީދު، ދަފްތަރު 12537، މާލެގެ މައްޗަށް ކަމަށެވެ.
އެ ދެ މީހުންނަށް ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.
އޭސީސީން ބުނީ މި މައްސަލައިގައި އެ ގޯތިން ދައުލަތަށް ލިބުނު ބިމާ އިންވެގެން އޮތް ބިމުގެ ވެރިފަރާތުން، އެ ބިން ގަތުމަށް އެދުނު ނަމަވެސް، އެ ބިން ވިއްކާފައިވަނީ އެ ބިމާ ދުރުގައި އޮތް ބިމުގެ ވެރިފަރާތަށް ކަމަށެވެ.
އެ ނިންމުން އެ ގޮތަށް ނިންމާފައިވަނީ، އޭރު އަމަލުކުރަމުންދިޔަ "ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލު" އާ ހިލާފަށް، އިންވެގެން އޮތް ގޯތީގެ ވެރިފަރާތުން އަދި އެހެން ފަރާތަކުން އެ ބިން ގަންނަން އެދިފައިވަނިކޮން، އެ އެސޫލު އިސްލާހުކުރަމުންދާ ކަމަށްބުނެ، އެ ބިން ވިއްކުން މަޑުޖައްސާލައި، އެ ބިމާ ދުރުގައި އޮތް ބިމުގެ ވެރިފަރާތަށް ކަމަށްވެސް އޭސީސީން ބުންޏެވެ.
މީގެ އިތުރުން އެ އުސޫލުގައި، ބިން ވިއްކުމުގެ ކުރިން ގޯތީގެ ބެހެނިވެރިންނާއި ވާރިސުންގެ ދިރިއުޅުމުގެ ހާލަތު ވަޒަން ކުރަން ޖެހޭ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ބިން ގަތުމަށް ހުށަހެޅި ދެ ފަރާތުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައި ނުވާކަން ތަހުގީގަށް ހޯދާފައިވާ ހެކިތަކުން އެނގޭ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ބިން ވިއްކި ފަރާތަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށް ވެސް އޭސީސީން ބުންޏެވެ.
"ޖުމްލަކޮށް، ހަސަން ވަހީދާއި ނާއިފު ޝައުކަތު އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އެ ދެ ފަރާތުން އެގޮތަށް އަމަލުކޮށްފައިވަނީ، އެ ބިން ގަތް ފަރާތަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަމާއި އެ އަމަލުތަކުގެ ސަބަބުން އެ ފަރާތަށް ނާޖާއިޒު މަންފާއެއް ހޯދާދެވިފައިވާކަން ތަހުގީގަށް ހޯދި ހެކިގަރީނާއިން އެނގެއެވެ،" އޭސީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު