ކަޒަކިސްތާނުގެ އެސްޓާނާގައި ކުރިއަށްދާ 27 ވަނަ އައިޓީޓީއެފް އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2024ގެ ސިންގަލްސް އިވެންޓްގައި ރާއްޖޭގެ މޫސާ މުންސިފް އަހުމަދު މޮޅެއް ހޯދި ނަމަވެސް، މިއަދު ހުރިހާ ކުޅުންތެރިންނަށް މުބާރާތް ނިމިއްޖެއެވެ.

މި އަހަރުގެ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަށް ކުޅުންތެރިޔަކު ވާދަކުރަމުން ދެއެވެ. އެއީ ފިރިހެން ހަތަރެއް އަދި އަންހެން ހަތަރު ކުޅުންތެރިންނެވެ. ރާއްޖެއިން ވާދަކުރާ އަންހެން ޓީމުގައި ހިމެނެނީ ގައުމީ މުބާރާތް ދާދިފަހުން މިލްކު ކުރި ދީމާ އާއި ރަފާގެ އިތުރުން މިޝްކާ އަދި ލައިސާއެވެ.

ފިރިހެން ޓީމުގައި ހިމެނެނީ ގައުމީ މުބާރާތް ހޯދި އަހްޔަރު އަހުމަދު ހާލިދާއި މޫސާ މުންސިފް އަހުމަދުގެ އިތުރުން މުހައްމަދު ޝައްފާން އިސްމާއީލް އަދި ޒީކް ހަސަން ލަތީފެވެ.

މުބާރާތުގެ ސިންގަލްސް ގަދަ 128 ކުޅުންތެރިންގެ ބުރު އިއްޔެ ފަށާފައިވާ އިރު، އިއްޔެ އެއްވެސް ކުޅުންތެރިޔަކަށް ގަދަ 64 ކުޅުންތެރިންގެ ބުރަށް ދެވިފައެއް ނުވެއެވެ. މިއަދު މުންސިފް ގަދަ 64 ކުޅުންތެރިންގެ ބުރަށް ދިޔައީ ސީދާ ތިން ސެޓުން އޮމާންގެ މުހައްމަދު އަލް މުތަވާ ބަލިކޮށްފައެވެ. މެޗުގެ ސެޓުތައް މުންސިފް ގެންދިޔައީ 11-4، 11-2 އަދި 11-2 އިންނެވެ.

އޭގެ އިތުރުން މިއަދު ސިންގަލްސް ގަދަ 128 ކުޅުންތެރިންގެ ބުރުގައި ޒީކް، އަހްޔަރު އަދި ޝައްފާން ކުޅުނު މެޗުތަކުން ވަނީ ބަލިވެފައެވެ.

މުންސިފް ގަދަ 64 ކުޅުންތެރިންގެ ބުރުގައި ނުކުތީ ހޮންކޮންގެ ހޭންގް ލޭމް ސިއު އާ ދެކޮޅަށެވެ. އެ މެޗު ސީދާ ތިން ސެޓުން ހޮންކޮންގެ ކުޅުންތެރިޔާ ކާމިޔާބުކުރީ 11-7، 11-6 އަދި 11-5 ގެ ނަތީޖާތަކަކުން ސެޓުތައް ގެންގޮސްގެންނެވެ.

މިއަދު ވަނީ ޑަބަލްސް އިވެންޓްތަކުގެ ގަދަ 32 ޕެއާގެ ބުރަށް ދިޔަ ރާއްޖޭގެ ޕެއާތަކުގެ މެޗުތައްވެސް ކުޅެފައެވެ. ޝައްފާނާއި މުންސިފްގެ ޕެއާއިން އެ ބުރުގައި ޗައިނާގެ ގައޮޔުއާން ލިން އަދި ޝިޑޮން ލިންއާ ދެކޮޅަށް ކުޅެ ސީދާ ތިން ސެޓުން ބަލިވި އިރު، ލައިސާ އާއި މިޝްކާ މެލޭޝިއާގެ ސިއާން އެލިސަން ޗޭންގް ލީ އަދި ކަރެން ލީނާ ދެކޮޅަށް ކުޅެ ބަލިވީވެސް ސީދާ ތިން ސެޓުންނެވެ.

ރަފާ އާއި ދީމާގެ ޕެއާއިން ހޮންކޮންގެ ލަމް ވިންގް އަދި ޗެންޒޫ ޒޫއާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ބަލިވީ 3-1 ސެޓުންނެވެ. ފުރަތަމަ ދެ ސެޓު ހޮންކޮންގެ ޕެއާއިން 11-5، 11-5 އިން ގެންދިޔަ އިރު، ތިންވަނަ ސެޓު ރަފާއާއި ދީމާ ގެންދިޔައީ 11-9 ގެ ނަތީޖާއަކުންނެވެ. ހޮންކޮންގެ ޕެއާއިން ފަހު ސެޓު ގެންދިޔައީ 5-11 އިންނެވެ.