ދަ މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމެންޓް 2027 ގެ ނަމުގައި ބާއްވަން ނިންމާފައިވާ ބައިނަލްއަގުވާމީ ޓީޓީ މުބާރާތް އަންނަ އަހަރު ވ. ކެޔޮދޫގައި ބާއްވަން ނިންމައިފިއެވެ.

މާސްޓާސް ކެޓަގަރީއަށް އަމާޒުކޮށްގެން ބާއްވާ މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓޭބަލް ޓެނިސް މުބާރާތް މީގެ ކުރިންވެސް ބާއްވާފައިވެއެވެ. އެއީ އއ. ތޮއްޑޫގައެވެ. އެ މުބާރާތް ވެގެން ގޮސްފައި ވަނީ ކާމިޔާބު މުބާރާތަކަށެވެ.

މިފަހަރުގެ މުބާރާތް އިއުލާނުކުރުމަށް ކެޔޮދޫގައި ހާއްސަ ރަމިއްޔާތެއް ބާއްވާފައިވާ އިރު، ރަސްމީކޮށް މުބާރާތް އިއުލާނުކުރެއްވީ ވ. ކެޔޮދޫ ކައުންސިލްގެ ރައީސް އަހްމަދު ޔޫސުފެވެ.

އެ މުބާރާތް ކެޔޮދޫގައި ބާއްވަން ނިންމާފައި ވަނީ އިހާ ޓޭބަލް ޓެނިސް އެކަޑަމީއާ ގުޅިގެންނެވެ. ކެޔޮދޫގައި މުބާރާތް ކުރިއަށްގެންދާނެކަން އިއުލާނުކުރުމަށް ފަހު، މުބާރާތް ރަސްމީކޮށް ލޯންޗުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ މެންބަރު ނިއުޝާދު މުހައްމަދުއެވެ.

އިހާ ޓޭބަލް ޓެނިސް އެކަޑަމީން ބުނެފައިވަނީ މުބާރާތުގެ ސަބަބުން ރާއްޖޭއަށް ޓޭބަލް ޓެނިހުގެ ރޮނގުން ލިބޭނެ ކުރިއެރުމާއި ވ. ކެޔޮދޫއަށް ލިބޭނެ ފައިދާތަައް ބޮޑުވާނެ ކަމަށެވެ.

މާސްޓާސް ޓޭބަލް ޓެނިސް މުބާރާތަކީ 40 އަހަރުން މަތީގެ އުމުރުފުރާތަކަށް ހާއްސަކޮށްފައިވާ މުބާރާތެކެވެ. ތޮއްޑޫގައި ބޭއްވި ފުރަތަމަ އެޑިޝަންގައި 10 ގައުމަކުން 85 މާސްޓާސް ކުޅުންތެރިން ބައިވެރިވެފައިވެއެވެ.