މިމަހުގެ އަށަކުން މިއަދުގެ ނިޔަލަށް އިންޑިއާގެ ޝިމްލާގައި ކުރިއަށްދާ ދެކުނު އޭޝިއާ ޔޫތު ޓީޓީ މުބާރާތުގެ 15 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭގެ މުހައްމަދު ހަލަފް ރާފިއުއާއި އައިޝަތު އަލްސާ ނާފިޒްގެ ޕެއާއިން ފައިނަލުގައި ކުޅެ ރިހި މެޑަލް ހޯދި އިރު، 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުގެ ފައިނަލުގައި ކުޅެ، ފާތިމަތު ދީމާ އަލީއާއި ހަލަފްގެ ޕެއާއިންވެސް ރިހި މެޑަލް ހޯދައިފިއެވެ.

އިންޑިއާގައި ކުރިއަށްދާ ޓީޓީ ޔޫތު މުބާރާތަކީ އަންނަ ޖޫން މަހު އޮމާންގެ މަސްކަޓްގައި އޮންނަ އޭޝިއަން ޗެމްޕިއަންޝިޕުގެ ކޮލިފިކޭޝަން މުބާރާތެއްވެސް މެއެވެ. މުބާރާތުގައި ރާއްޖޭން ވާދަކުރަނީ 15 އަހަރުން ދަށުގެ ކެޑޭޓް ކެޓަގަރީ އާއި 19 އަހަރުން ދަށުގެ ޖޫނިއާ ކެޓަގަރީގައެވެ.

އިންޑިޖުއަލް އިވެންޓުތައް އިއްޔެ ފަށާފައިވާ އިރު، 15 އަހަރުން ދަށުގެ މިކްސް ޑަބަލްސް ފައިނަލުގައި ރާއްޖޭގެ އަލްސާއާއި ހަލަފްގެ ޕެއާއިން ވާދަކުރީ އިންޑިއާގެ ވަރުގަދަ އަދިތިޔާ ދާސްއައި އަންކޮލިކާ ޗަކްރަބަތީގެ ޕެއާއާ ދެކޮޅަށެވެ. އެމެޗުން ސީދާ ތިން ސެޓުން ރާއްޖޭގެ ޕެއާ ބަލިވި ނަމަވެސް، ވާދަކުރިއެވެ. ހާއްސަކޮށް ފަހު ސެޓުގައި 11-9 އިން ވާދަކޮށްފައިވެއެވެ. އަނެއް ދެސެޓު އިންޑިއާ ޕެއާ ގެންދިޔައީ 11-5 އަދި 11-4 އިންނެވެ.

މިކްސް ޑަބަލްސް 19 އަހަރުން ދަށުގެ ޔޫތު އިވެންޓްގެ ފައިނަލުގައި ދީމާއާއި ހަލަފް ނުކުތީ އިންޑިއާގެ ޕްރިޔަންއާއި ޖެނިފާ ވާގޭސްގެ ޕެއާއާ ދެކޮޅަށެވެ. އެމެޗުންވެސް އިންޑިއާ ޕެއާ ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

ފުރަތަމަ ސެޓު އިންޑިއާ ޕެއާއަށް ގެންދެވުނީ 10-12 އިންނެވެ. އަނެއް ދެސެޓުގައި އެ ޕެއާއިން މޮޅަށް ކުޅެ، 11-2 އަދި 11-6 އިން ގެންދިޔައެވެ.

މިފަހަރުގެ މުބާރާތުގެ އަންހެން ޓީމް އިވެންޓުންވެސް ރާއްޖެ ވަނީ ރިހި މެޑަލް ހޯދައިފައެވެ.