ތިރީސް އެއް ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން، މުހައްމަދު ޝައްފާން އިސްމާއީލާއި މަލާކް ބިންތި މުއިއްޒު ހޯދައިފިއެވެ.

މާލޭ ޓީޓީ ހޯލުގައި ކުޅުނު މުބާރާތުގެ ފިރިހެން އެއްވަނަ ޑިވިޝަނުގެ ސިންގަލްސް ފައިނަލްގައި ޝައްފާން ވާދަކުރީ މޫސާ މުންސިފް އަހުމަދުއާ ދެކޮޅަށެވެ. މުންސިފްގެ މައްޗަށް ޝައްފާން ވަނީ ސީދާ ހަތަރު ސެޓުން ކުރި ހޯދައިފައެވެ. ގައުމީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، ޝައްފާން މެޗުގެ ސެޓުތައް ގެންދިޔައީ 11-02، 11-08، 11-07 އަދި 11-06 އިންނެވެ.

ފިރިހެން ޗެމްޕިއަން ޝައްފާން ---

އެއް ވަނަ ޑިިވިޝަނުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން މަލާކް ހޯދީ ފައިނަލުގައި އައިޝަތު މަލާކް ތަހުސީން ބަލިކޮށްފައެވެ. މަލާކް ސެޓުތައް ގެންދިޔައީ 11-08، 11-08، 11-09 އަދި 11-08 އިންނެވެ.

ރާއްޖޭގައި މި ވަގުުތު ކުޅެމުން އަންނަ އެންމެ ކާމިޔާބު ދެ ޓީޓީ އަންހެން ކުޅުންތެރިން ކަމަށްވާ ފާތިމަތު ދީމާ އަލީއާއި އައިޝަތު ރަފާ ނާޒިމް، މި ވަގުތު ރާއްޖޭގައި ނެތުމުން އެސޯސިއޭޝަން ކަޕްގައި ނުކުޅެއެވެ.

އެއް ވަނަ ޑިވިޝަންގެ ފިރިހެން ސިންގަލްސް ދެވަނަ ރަނަރަޕަށް ހޮވުނީ ފާޒް އިމްޔާޒް ލަތީފްއާއި މުހައްމަދު ހަލަފް ރާފިއުއެވެ. އަންހެން ސިންގަލްސްގެ ދެވަނަ ރަނަރަޕަށް ހޮވުނީ، ސާރާ މޫސާ ޖަމީލް އާއި މިޝްކާ މުހައްމަދު އިބްރާހިމެވެ.

އެއްވަނަ ޑިވިޝަން ފިރިހެން ޑަބަލްސް ޗެމްޕިއަނަކ، ޝައްފާންއާއި ހަލަފްގެ ޕެއާއެވެ. އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ މިޝްކާއާއި މަލާކް ތާސީންގެ ޕެއާއެވެ. މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ މުންސިފާއި މަލާކްގެ ޕެއާ އިންނެވެ.

މިފަހަރު މުބާރާތުގެ ސަތާރަ އަހަރުން ދަށުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ހަލަފާއި މަލާކްގެ ޕެއާއެ އެވެ. ސަތާރަ އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަނުންނަކީ، ހަލަފް އާއި އުމެއިރުގެ ޕެއާއެވެ.

ސަތާރަ އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން އާމިނާ އާޔާތު އާދަމް ހޯދި އިރު، ފިރިހެން ސިންގަލްސް ތަށި އުފުލާލީ ހަލަފްއެވެ.

ފަނަރަ އަހަރުން ދަށުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން، މަލާކްއާއި ސާރާ ހޯދިއިރު، ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ހަލަފްއާއި އައްޔޫބް އިޒްކާން ސަލީމްގެ ޕެއާއެވެ. ފަނަރަ އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ސާރާ ހޯދިއިރު، ފިރިހެން ސިންގަލްސް ޗެމްޕިއަނަކީ، އިބްރާހިމް އަޝްއަލް އާސިފެވެ. ތޭރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަނަކީ އަޝްއަލްއެވެ. އެގާރަ އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ލަޔާނާ ޝާމިއު ހޯދިއިރު، ފިރިހެން ސިންގަލްސް ޗެމްޕިއަނަކީ، އަޔާލް އަހުމަދު ޝިމާލެވެ. ނުވަ އަހަރުން ދަށުގެ ފިިރިހެން ސިންގަލްސް ޗެމްޕިއަންކަން ދިލްފް އަމްޒަތު އަހުމަދު ހޯދި އިރު، އަންހެން ސިންގަލްސް ޗެމްޕިއަނަކީ އާޔާ އިހްސާން ސޯދިގެވެ.