ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންނަށް ހެވެއް އެދިގެން އައި ސަރުކާރެއް ކަަމަށް ގަބޫލުނުކުރައްވާ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީގައި މިއަދު ފެށި އެމްޑީޕީގެ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސް ވާހަކަ ދައްކަވަމުން ސޯލިހް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި ރަށްރަށުގައި ފެށި ތަރައްގީގެ މަޝްރޫއުތައް، މިސަރުކާރު އައިފަހުން ހުއްޓިފައިވާ ކަމަށެވެ.

ހާއްސަކޮށް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި އެންމެ މުހިއްމު ވައުދުފުޅަކީ މާލޭ ރައްޔިތުންނަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުން ކަން ފާހަގަ ކުރައްވައި ސޯލިހް ވިދާޅުވީ، ވެރިކަމަށް އެއް އަހަރުވެގެންދާ އިރު، އެކަމަށްޓަކައި އެންމެ ގާ ފޮއްޗެއް ވެސް ބެއިންދިފައިނުވާ ކަމަށާއި އެއްވެސް އެގްރީމެންޓެއްގައި ވެސް ސޮއިކުރެވިފައި ނުވާ ކަމަށެވެ.

"ހަމައެކަނި ކުރެއްވުނު ކަމަކީ އަލުގަނޑުމެން ފަށާފައި ހުރި 4000 ފްލެޓްގެ ތެރެއިން ނިމުނު 700 ފްލެޓާ ހަވާލުވުމުގެ ލިއުމާ ހަވާލުވެވަޑައިގަތުން، އެނޫން އެއްކަމެއް އަދި ނުވޭ،" ސޯލިހް ވިދާޅުވިއެވެ.

ސޯލިހް ވިދާޅުވީ، މާލޭ ރައްޔިތުންނަށް ކަމެއް ކޮށްދެއްވަން ބޭނުންވާ ނަމަ، ކުރަންވީ ކަމަކީ އެމަނިކުފާނުގެ ސަރުކާރުން ދިން ފްލެޓްތައް ހައްގުވާ ފަރާތްތަކަށް ދިނުން ކަމަށެވެ. އަދި ގޯތިދިން ފަރާތްތަކަށް ގޯތި ހަވާލު ކުރުން ކަމަށްވެސް ވިދާޅުވިއެވެ.

"ކުރަންވީ ކަމަކީ ހުޅުމާލޭން ދީފައި ހުރި ގޯތިތައް އެ ފަރާތްތަކަށް ދިނުން. ގުޅިފަޅުން ދީފަހުރި ގޯތިތައް އެފަރާތްތަކަށް ދޫކުރުން، ގިރާވަރުފަޅުން ދީފަހުރި ގޯތިތައް ދޫކުރުން. އިތުރަށް ހިއްކަން އޮތް އެގްރީމެންޓާ އެކު ކުރިއަށްދިއުން. އުތުރުތިލަފަޅުގައި ބިން ހިއްކައިގެން ދަނޑުވެރިކަމެއް ނޫން ކުރަންވީ އެތަނުން މާލޭ ރައްޔިތުންނަށް ގޯތި ދޭންވީ. ފުށިދިއްގަރުފަޅު އެއީ ލެގަސީއަކަށް ހަދަން ބޭނުންނަމަ، ފަސް އަހަރު އެބަ އޮތް، އެކަން ކުރެވިދާނެ ފަހުން. ހެޔޮހިތުން މާލޭގެ ރައްޔިތުންނަށް ކަމެއް ކޮށްދެން ބޭނުންނަމަ ކޮށްދޭނެވީ ކަމަކީ އެއީ. އެކަމަކު މިސަރުކާރަކު ނެތް ރައްޔިތުންނަށް ހެެވެން އެދިގެން ރައްޔިތުންނަށް ކަމެއްކޮށްދެން އައި ސަރުކާރެއް ކަމަށް ގަބޫލެއް ނުކުރެވޭ،" ސޯލިހް ވިދާޅުވިއެވެ.

ސޯލިހު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އިންތިހާއަށް އިތުރުވަމުން އަންނަ އިރުވެސް ހަމަނުޖެއްސޭ ކަމަށެވެ.

"ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ޑޮލަރުން އެކަނި ވެސް 63 މިލިޔަން ޑޮލަރު މިދިޔަ އަހަރާ އަޅައި ބަލާއިރު އިތުރަށް ލިބިއްޖެ. ޑޮލަރުން ކުރާ ހޭދަ މަދުވެއްޖެ. ކޮންމެ މަހަކު ތެލަށް އޭރު އަޅުގަnޑުމެން ހޭދަކުރަމުން އައި 50، 60 މިލިޔަން ޑޮލަރުގެ ބަދަލުގައި މިހާރު ކުރަން އެ ޖެހެނީ 25 މިލިޔަން ޑޮލަރު. އިސްތިއުފާ ދެއްވި ފިނޭންސް މިނިސްޓަރު މަޖިލީހުގައި ވިދާޅުވީ، ތެލަށް މިހާރު ހަފުތާއަކު ހަރަދު ކުރަން ޖެހެނީ ހަ މިލިޔަން ޑޮލަރޭ ދެން ޑޮލަރު މަދުވެގެން އުޅެންޖެހޭ ސަބަބަކީ ކޮބައިތޯ، ހަމަ ހިންގަން ނޭނގެނީ،" ސޯލިހު ވިދާޅުވިއެވެ.

ސޯލިހު ވިދާޅުވީ، ލިބޭ އާމްދަނީން މިސަރުކާރުން ހަމައެކަނި ކުރަމުން ގެންދާ ކަމަކީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް މުސާރަ ދިނުން ކަމަށެވެ.

"ޕްރޮޖެކްޓްތައް ހުއްޓާލައިފައި ވެސް އޭގެން ލިބުނު ލާރިން ކުރާ ކަމަކީ އެއީ. ސިވިލްސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އަޅުގަނޑުމެން ބަޖެޓްކުރި އަދަދުވެސް ނަގައި އެވެސް އެ ހޭދަކުރަނީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައަށް، 2000 އަށްވުރެ ގިނަ ސިޔާސީ މަގާމު އުފައްދައިފި،"

ސޯލިހު ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި މުސާރައަށް އެކަނި ނުވަ ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އަހަރު ނިމޭއިރު ބަޖެޓް ޑެފިސިޓް ވާނީ ކިހާވަރެއްކަން އެނގިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުން ކުރަންވީ ކަމަކީ ހަރަދުތައް ކުޑަކުރުން ކަމަށެވެ. ދައުލަތަށް ލިބޭ އާމްދަނީ އިންތިހާއަށް އިތުރުވި ނަމަވެސް ހަރަދު ކުޑަކުރުމުގެ ހިތްވަރެއް މިސަރުކާރުގައި ނެތް ކަމަށްވެސް ވިދާޅުވިއެވެ.

"ހަމައެކަނި ހީފުޅު ކުރައްވަނީ ވަޒީފާދީފައި އެތިބި 2000 މީހުންނާ އެކު މި ސަރުކާރާއިގެން ކުރިއަށް ވަޑައިގެންނެވިދާނެ ކަމަށް. ނަމަވެސް އަޅުގަނޑު ހިތުން ރައްޔިތުން އެކަމެއް ގަބޫލެއް ނުކުރާނެ، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދޭން ޖެހޭނެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ޖެހޭނެ، އެކަން ނުކުރެވެންޏާ އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން ދެން ކުރަން ޖެހެނު ކަމެއް އެމްޑީޕީން ކުރަން ޖެހޭނެ،" ސޯލިހު ވިދާޅުވިއެވެ.