ކަޒަކިސްތާނުގެ އެސްޓާނާގައި ކުރިއަށްދާ 27 ވަނަ އައިޓީޓީއެފް އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2024ގެ ސިންގަލްސް އިވެންޓުތަކުގެ ފުރަތަމަ ދުވަހުގައި ރާއްޖޭގެ ކުޅުންތެެރިން ރަނގަޅު ވާދައެއް ކުރި ނަމަވެސް އަނެއް ބުރަށް ނުދެވި ފުއްދާލަން ޖެހިއްޖެއެވެ.

މުބާރާތުގެ ސިންގަލްސް ގަދަ 128 ކުޅުންތެރިންގެ ބުރު އިއްޔެ ފަށާފައިވާއިރު، ލައިސާ ފަތުހުﷲ އިސްމާއީލް ވާދަކުރި މެޗުގައި ހޮންކޮންގްގެ ލެމް ކޮންގް އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. ސެޓުތައް ހޮންކޮންގް ކުޅުންތެރިޔާ ގެންދިޔައީ 6-11، 3-11 އަދި 5-11 އިންނެވެ.

ފިލިޕީންސްގެ ޖީން ރޯސް ފަޑޯލް ކައިރިން ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ ފާތިމަތު ދީމާ ރަނގަޅު ވާދައެއްކުރިއެވެ. އެ މެޗުން ދީމާ 3-1 އިން ބަލިވި އިރު، ފުރަތަމަ ސެޓު ދީމާ ގެންދިޔައީ 19-17 އިންނެވެ. ނަމަވެސް ދެން ޖެހިގެން އައި ތިން ސެޓު ފިލިޕީންސްގެ ރޯސް ގެންދިޔައީ 11-9، 11-3 އަދި 11-6 އިންނެވެ.

ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ކުޅުނު މެޗުގައި މޮންގޯލިއާ ބަލްޖިންޏާމް އުވްގުންބާގެޑް ކައިރިން ބަލިވީ 3-2 ސެޓުންނެވެ. ފުރަތަމަ ސެޓު މޮންގޯލިއާގެ ކުޅުންތެރިޔާ 6-11 އިން ގެންގޮސްފައިވާ އިރު، ދެން ކުޅުނު ދެ ސެޓު ރަފާ ވަނީ 12-10 އަދި 11-9 އިން ގެންގޮސްފައެވެ. ނަމަވެސް ދެން ކުޅުނު ދެ ސެޓު އަނެއްކާވެސް މޮންގޯލިއާ ކުޅުންތެރިޔާ ގެންދިޔައެވެ. އެއީ 11-6 އަދި 11-13 އިންނެވެ.

ރާއްޖޭގެ މިޝްކާ މުހައްމަދު އިބްރާހީމް އިއްޔެ ކުޅުނު މެޗުގައި ފިލިޕީންސްގެ ކެއިތު ކްރޫސް ކައިރިން ސީދާ ތިން ސެޓުން ބަލިވީ 11-5، 11-5 އަދި 11-6 އިން ސެޓުތައް ގެއްލިގެންނެވެ.

މި އަހަރުގެ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަށް ކުޅުންތެރިޔަކު ވާދަކުރަމުން ދެއެވެ. އެއީ ފިރިހެން ހަތަރެއް އަދި އަންހެން ހަތަރު ކުޅުންތެރިންނެވެ. ރާއްޖެއިން ވާދަކުރާ އަންހެން ޓީމުގައި ހިމެނެނީ ގައުމީ މުބާރާތް ދާދިފަހުން މިލްކު ކުރި ދީމާ އާއި ރަފާގެ އިތުރުން މިޝްކާ އަދި ލައިސާއެވެ.

ފިރިހެން ޓީމުގައި ހިމެނެނީ ގައުމީ މުބާރާތް ހޯދި އަހްޔަރު އަހުމަދު ހާލިދާއި މޫސާ މުންސިފް އަހުމަދުގެ އިތުރުން މުހައްމަދު ޝައްފާން އިސްމާއީލް އަދި ޒީކް ހަސަން ލަތީފެވެ.

ރާއްޖޭގެ ޕެއާތައް ޑަބަލްސްގެ ގަދަ 32 ގައި ހިމެނިފައިވާ އިރު، އެ މެޗުތައް މިއަދު އޮންނާނެއެވެ. އަދި އިތުރު ސިންގަލްސް މެޗުތަކެއްވެސް މިއަދު ދިވެހި ކުޅުންތެރިންނަށް އޮންނާނެއެވެ.