އޭއެފްސީ ޗެމްޕިއަންސް ލީގު ދޭއްގައި އިންޑިއާގެ މޯހަން ބަގާނުން އިރާނަށް ގޮސް، އެގައުމުގެ ޓްރެކްޓާ އެސްސީއާ ދެކޮޅަށް ކުޅެން ދެކޮޅު ހެދުމުން، އޭއެފްސީން އެ ކްލަބު މުބާރާތުން ބޭރުކޮށްފިއެވެ.

އިންޑިއާގެ އެންމެ ކާމިޔާބު އެއް ކްލަބު މޯހަން ބަގާނުން އޭއެފްސީ ޗެމްޕިއަންސް ލީގުގެ ދެވަނަ މުބާރާތުގެ ގްރޫޕް އޭގައި ހިމެނިފައި އޮތް އިރު، އެ ކްލަބުން އިރާނުގެ ތަބްރީޒްގައި ޓްރެކްޓާ އެސްސީއާ ދެކޮޅަށް ކުޅެން އޮތީ މިމަހު ދެވަނަ ދުވަހުއެވެ. އެއީ އިރާނުން އިޒްރޭލުގެ އަނިޔާވެރި ދައުލަތާ ދެކޮޅަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދިންތާ އެއް ދުވަސް ފަހެވެ.

އެ ހަމަލާތަކުގެ ސަބަބުން އިރާނަށް ދިޔުމަކީ ނުރައްކާތެރިކަމެއްގެ ގޮތުގައި މޯހަން ބަގާނުން ވަނީ ނިންމައިފައެވެ. އެއީ އެ ކްލަބުގެ ބައެއް ކުޅުންތެރިން ސަލާމަތީ ކަންތައްތަކާ ގުޅޭ ގޮތުން ގިނަ ކަންތައްތަކެއް ސާފުކުރަން ކްލަބުގެ މެނޭޖުމަންޓް ކިބައިން އެދުމާ ގުޅިގެންނެވެ. އިންޑިއާ މީޑިއާތައް ބުނެފައި ވަނީ ކުޅުންތެރިން އެދުނީ އިރާނުގެ ނޯތުވެސްޓް ސަރަހައްދަށް ޓީމާ އެކު ނުދެވޭނެ ކަމަށެވެ. ސަބަބަކީ އެއީ އިރާނުގެ އެންމެ ހަނގުރާމަވެރި ސަރަހައްދަށް ވާތީއެވެ.

މޯހަން ބަގާން، ތަބްރީޒަށް ނުދިޔުމުން އެ މެޗު ކެންސަލް ވެފައިވާ އިރު، އޭއެފްސީން ބަލާފައި ވަނީ މޯހަން ބަގާން މުބާރާތުން ވަކިވި ކަމަށެވެ. އަދި އެ ނިންމުމާ އެކު ގްރޫޕްގެ ޕޮއިންޓް ގުނާ އިރު، މޯހަން ބަގާން ނުހިމެނޭނެހެން އެ ގްރޫޕްގެ ނަތީޖާ ނިންމަން ވެސް އޭއެފްސީން ވަނީ ނިންމައިފައެވެ. އަދި އިރާންގެ ޓްރެކްޓާ އެސްސީއަށް ވެސް މޯހަން ބަގާން މެޗުން އެއްވެސް ޕޮއިންޓެއް އަދި ގޯލެއްވެސް ނުލިބޭނެ ކަމަށް އޭއެފްސީން ނިންމާފައިވެއެވެ.

އެ ނިންމުމާ ގުޅިގެން މޯހަން ބަގާނުން އަދި ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް، ސަޕޯޓަރުންގެ ފާޑުކިޔުން އޭއެފްސީއަށް އަމާޒުކޮށްފައިވެއެވެ. އެގޮތުން ކުޅުންތެރިންގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅަކުން މުބާރާތުން ވަކިކުރުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިންޑިއާގެ ފުޓުބޯޅަ ނޫސްވެރިންގެ އިތުރުން އެޖެންޓުން ބުނެފައިވެއެވެ.